މާފުށީ ޖަލުގައި އިއްޔެ މަރުވި ށ. ފުނަދޫ/ ޒަމާނީ ވިލާ އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލުގެ ހަށިގަނޑުގައި ފާހަގަކުރެވޭ ނިޝާންތަކެއް ހުރި ނަމަވެސް ޖިސްމާނީ ގޮތުން އޭނާއަށް އަނިޔާތަކެއް ދީފައިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ޖަމީލް މަރުވެފައި ވަނިކޮށް ފެނިފައިވަނީ، ނުރައްކާތެރި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާ މާފުށީ ޖަލުގެ ގޮޅީގައި އޮއްވައެވެ.
ޖަމީލަށް އަނިޔާއެއް ކޮށްފައިވޭތޯ ފުލުހުން ތަހުގީގުކުރަން ފެށީ، އޭނާ މަރުވިއިރު ހަށިގަނޑުގެ އެކި ތަންތަނުގައި އަނިޔާކޮށްފައިވާ ފަދަ ނިޝާންތަކެއް ހުރި ކަމަށް ބެލެވޭ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި ލީކުކޮށްލުމާ ގުޅިގެން އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
އެކަމާ ބެހޭގޮތުން ފުލުހުން ކުރި ތަހުގީގާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ފުލުހުންގެ ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވީ ޖަމީލް އޮތް ގޮޅީގެ ސީސީޓީވީ ފުޓޭޖުތަކުން ދައްކާގޮތުން ޖަމީލު ގޮޅިއަށް ވަނީ އިއްޔެރޭ 9:30 ހާއިރު ކަމަށެވެ. އޭގެ ފަހުން އެއްވެސް މީހަކު އެ ގޮޅިއަށް ވަދެފައި ނުވާކަން ފޫޓޭޖުން ދައްކާ ކަމަށްވެސް ވިދާޅުވިއެވެ.
އެ ފުޓޭޖުތައް ފުލުހުން ވަނީ މީޑިޔާއާ ހިއްސާކޮށްފައެވެ.
ސާމިހު ވިދާޅުވީ، އިއްޔެ ހެނދުނު 6:00 ހާއިރު ޕްރިޒަންސް އޮފިސަރުން އާންމު އުސޫލުން ގޮޅިތަކަށް ޒިޔާރާތް ކުރި ނަމަވެސް އެ ގޮޅިއަށް އޮފިސަރުން ވަދެފައި ނުވާ ކަމަށެވެ. އެއީ އޭނާ ނަމާދަށް ސަޖިދައިގައި އޮތްކަމަށް ދެކިގެން ކަމަށްވެސް ވިދާޅުވިއެވެ.
ސާމިހު ވިދާޅުވިގޮތުގައި އެ ގޮޅީގެ ސީސީޓީވީ ފުޓޭޖުންވެސް ޖަމީލުގެ އެންމެ ފަހުގެ ހަރަކާތް ފެނިފައިވަނީ ހެނދުނު 7:43 ހާއިރެވެ. އޭގެ ފަހުން އޭނާގެ ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ފެނިފައިނުވާތީ އޮފިސަރުން ގޮޅިއަށް ވަނީ 11:34 ހާއިރު ކަމަށްވެސް ވިދާޅުވިއެވެ.
ސާމިހު ވިދާޅުވީ ޖަމީލްގެ ހަށިގަނޑުގައި ހުރި ނިޝާންތަކަކީ މަރުވެފައި އެގޮތަށް ގިނައިރު އޮތުމުގެ ސަބަބުން ހުރި ނިޝާންތަކެއް ކަމަށެވެ. އަދި ހަށިގަނޑުގެ ކުލަ ވެސް ބަދަލުވެފައިވަނީ ގިނައިރުވުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
ޖަމީލު އޮތް ގޮޅި ބަލައި ފާސްކޮށް ތަހުގީގު ކުރި އިރު، އެ ގޮޅީން ފެނުނީ އޭނާ ސަޖިދައިގައި އޮތް ގޮތަށް މަރުވެފައި އޮތުމުން، އަނގައިންނާއި ނޭފަތުން ފައިބާފައިވާ ހޮޑުކަހަލަ ބާވަތެއް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އޭނާގެ ހަށިގަނޑަށް ޖިސްމާނީ އަނިޔާއެއްވާ ފަދަ އެއްވެސްކަމެއް ގޮޅިންވެސް ފާހަގަވެފައިނުވާ ކަމަށް ވިދާޅުވިއެވެ.
މި ނިއުސްކޮންފަރެންސްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިއްޔެ ހަވީރު 6:10 ގައި ޖަމީލް ވަޅުމުގެ ކަންތައް ކުރިއަށްގެންދިއުމަށް އޭނާގެ އާއިލާއަށް ހަށިގަނޑު ހަވާލުކުރީ ވެސް ހަށިގަނޑުގެ ޕޯސްޓްމޯޓަމު ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ޑޮކްޓަރުން ބުނުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު