ދެކުނު އެމެރިކާގެ އެންމެ ބޮޑު މުބާރާތް، ކޮޕާ އެމެރިކާގެ ގްރޫޕް ސްޓޭޖުގައި ރޭ އުރުގުއާއީން ބޮލީވިއާ ބަލިކޮށްފިއެވެ.
ރޭ އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އުރުގުއާއީން ބޮލީވިއާ ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. އުރުގުއާއީން މިހާތަނަށް ކޮޕާ އެމެރިކާގެ ގްރޫޕް ސީގައި ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވާ އިރު، އެޓީމަށް ވަނީ ގާތްގަނޑަކަށް ކުއާޓާ ފައިނަލް ޔަގީންވެފައެވެ.
ރޭގެ މެޗުގައި އުރުގުއާއީއަށް ގޯލު ހުޅުވާލަ ދިނީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް، ފަކުންޑޯ ޕެލިސްޓްރީއެވެ. އަށްވަނަ މިނެޓުގައި އުރުގުއާއީން ލީޑު ނެގިއިރު، އޭގެ އިރުކޮޅެއް ފަހުން ޑާވިން ނުނޭޒް ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އެ ގޯލަކީ ގައުމީ ޓީމަށް އެންމެފަހުން، ނުނޭޒް ކުޅުނު ހަތް މެޗުގެ ތެރެއިން ޖެހި 10 ވަނަ ގޯލެވެ.
ރެކޯޑު 16 ވަނަ ކޮޕާ އެމެރިކާއެއް ހޯދުމަށް މާސެލޯ ބިއެލްސާގެ އުރުގުއާއީން މަސައްކަތް ކުރަމުންދާ އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ ރެއާލް މެޑްރިޑްގެ ފެޑެރީކޯ ވަލްވާޑޭ އާއި މަކްސިމިލިއާނޯ އަރައޫހޯ އަދި ރޮޑްރީގޯ ބެންޓަންކޫރެވެ.
ގްރޫޕް ސީގައި ރޭ ޕެނަމާ ކުޅުނު މެޗުގައި އެމެރިކާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަކޮށް ފެނުނު މެޗުގައި އެމެރިކާގެ ޓިމޮތީ ވިއާއާއި ޕެނަމާގެ އަޑަލްބާޓޯ ކަރަސްގޭލާއަށް ރަތް ކާޑު ދައްކާފައިވާ އިރު، ޕެނަމާގެ ގޯލުތައް ޖެހީ ޖޯސޭ ފަހާޑޯއާއި ސެޒާ ބެލްކްމޭންއެވެ. އެމެރިކާގެ ގޯލު ޖެހީ ފްލޯރިއަން ބަލޯގުންއެވެ.
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ