ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމެވުމާ ގުޅިގެން، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކޯލިޝަނުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
ރައީސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވައިފައިވާކަން ހާމަ ކުރައްވައިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމެވެ.
"މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައި،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ފިޔަވަޅުތަކުގެ އިތުރުން ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެކި ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސް އަޅުއްވަން ނިންމެވި ފިޔަވަޅުތަކަށް މަރުހަބާ ކިޔައި ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ
ރައްޔިތުންނަށް އޭގެން މާބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް މާލީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ވިސްނަވައި އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް، ގައުމީ ވިސްނުމަކުން ވިސްނަވާ އަޅުއްވާ ފިޔަވަޅުތަކެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ބަޔާނުގައި ބުނީ މިކަމުގައި ރައީސުލްޖުމްހީރިއްޔާއާ އެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ސަރުކާރުން މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައި މިވަނީ ފިޗުގެ ރާއްޖޭގެ ރޭޓިން މިއަހަރު "ސީސީސީ ޕްލަސް" އަށް ދައްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު