(21 ޖޫންގެ އަދަދާ ގުޅޭ)

3. ޚަންދަޤު ހަނގުރާމައިގެ ތެރޭގައި ނަޟީރުވަންހައިގެ ރައީސް حُــيَـيُّ بــن أخطب ޤުރައިޡަތުވަންހައިގެ ރައީސް كــعب بـــن أســــد ގެ ގާތަށްގޮސް ޢަހްދު އުވައިލުމުގެ ވާހަކަ ދެއްކުމުން كــعب بـــن أســــد ދިން ޖަވާބުގެ ވާހަކަވެސް އަޅުގަނޑުވަނީ ބަޔާންކޮށްފައެވެ. އާދެ، އޭނާ ޞަރީޙު ބަހުން ބުނެފައިވަނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަކީ ވަޢުދަށް ވަފާތެރި ޢަހްދުގައި ސާބިތުވެ ހުންނަވާ ބޭކަލަކުކަން އޭނާއަށް ފެނިފައިވާ ކަމުގައެވެ. މިއީ ޤުރައިޡަތުވަންހައިގެ މީހުނާއެކު ސޮއިކޮށްފައިވާ މީޘާޤަށް މުސްލިމުން ވަފާތެރިވިކަމުގެ ޞަރީޙު އިޢުތިރާފެކެވެ. ނަމަވެސް كــعب بـــن أســــد. ވަނީ ޢަރަބި ލަޝްކަރުތަކުގެ ބައިބޯކަމާއި އެބައިމީހުންގެ ޢަޒުމު އޮތްގޮތް އޮޅުންފިލުމުން ޢަހްދު އުވައިލައި އަޙްޒާބުގެ ބައިވެރީންނާ ބައިވެރިވެފައެވެ. ޙަޤީތުގައި ޤުރައިޡަތުވަންހައިގެ މީހުންގެ މައްޗަށް ހަމަޔާއި އިންސާފު ލާޒިމުކުރަނީ މުސްލިމުންނާ އެއްބައިވުމެވެ. މުސްލިމުންނާ ބައިވެރިވެ މުސްލިމުންގެ ދިފާޢުގައި ޢަރަބީންގެ އަޙްޒާބާ ހަނގުރާމަކުރުމެވެ.

4. ގުޅިފައިވާ ދިފާޢީ މުޢާހަދާއެއްގެ ބައިވެރީންގެ ވަފާތެރިކަމަށް ބޭނުންވަނީ ޞުލްޙައިގެ ދުވަސްވަރަކު ނޫނެވެ. ހަނގުރާމައިގެ ޙާލަތުގައެވެ. އެގޮތުން ބަލާއިރު މުސްލިމުންނާއި ޤުރައިޡަތުވަންހައިގެ މީހުންނާ ދެމެދު ސޮއިކުރެވުނު މީޘާޤުން މުސްލިމުންނަކަށް އެއްވެސް ބޭނުމެއް ނުފުދެއެވެ. ޤުރައިޡަތުވަންހައިގެ މީހުންވަނީ މުސްލިމުންގެ ތާރީޚުގައި އެހައިތަނަށް ކުރިމަތިވި އެންމެ ނުސިޔާނު ވަގުތު ދުޝްމިނުންނާ ބައިވެރިވެފައެވެ. މުސްލިމުންގެ ފުރަގަހުން ބުރަކަށްޓަށް ޚަންޖަރު ހަރައިފައެވެ.

5. އޮރިއެންޓަލިސްޓެއްކަމުގައިވާ ސަރ ވިލިއަމް މުއިރު ވަނީ ޤުރައިޡަތުވަންހައިގެ މީހުން އަޙްޒާބު ހަނގުރާމައިގައި މުސްލިމުންނާ އިދިކޮޅު ދައުރެއް އަދާކުރިކަމަށް އިންކާރުކޮށްފައެވެ. ދަލީލު ދެއްކުމުގެގޮތުން އޭނާ ބުނެފައިވަނީ ޤުރައިޡަތުވަންހައިގެ މީހުން ޢަމަލީގޮތުން ހަނގުރާމައިގައި ބައިވެރިވިކަމުގައިވާނަމަ ކީރިތި ޤުރްއާނުގައި އަޙްޒާބު ހަނގުރާމައިގެ ވާހަކަ ބަޔާންކުރެއްވުމުގައި އެވާހަކަވެސް ގެންނަވައިފައި އޮތީސްކަމުގައެވެ. ސަރ ވިލިޔަމް މުއިރަށް ކީރިތި ޤުރްއާނުން އެވާހަކަ ނުފެނުނުކަމީ އޭނާ ކީރިތި ޤުރްއާނަށްހުރި ބީރައްޓެހިކަމެވެ. ކީރިތި ޤުރްއާނުގައި އެވާހަކަ އެބައޮތެވެ. ވަޙީކުރައްވައިފައިވެއެވެ.

"އަދި އެކަލާނގެ ފޮތުގެ އަހްލުވެރީންކުރެ އެއުރެންނަށް ވާގިދިން މީހުން، އެއުރެންގެ ކިއްލާތަކުން ބޭލުއްވިއެވެ. އަދި އެއުރެންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. ތިޔަބައިމީހުން (އޭގެ) އެއްބަޔަކު ޤަތުލުކުރަމުން ގެންދިޔައީމުއެވެ. އަދި އަނެއްބަޔަކު ހައްޔަރުކުރަމުން ގެންދިޔައީމުއެވެ." (الأحـــــزاب: 26)

6. ޤުރައިޡަތުވަންހައިގެ މީހުން ޢަހްދު އުވައިލި ޚަބަރު ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ލިބިވަޑައިގެންނެވުމުން އެކަން ތަޙްޤީޤުކުރެއްވުމަށްޓަކައި އަންޞާރިއްޔަ ބޭކަލުންކުރެ ބައެއް ބޭކަލުން ފޮނުއްވި ވާހަކަ އަޅުގަނޑުވަނީ މީގެކުރީން ބަޔާންކޮށްފައެވެ. ކައުސާހިބާ އެއުރެންގެގާތަށް ފޮނުއްވި ބޭކަލުންކުރެ އެއްބޭކަލަކީ ކުރީންވެސް ދެންނެވި ފަދައިން سعــد بـــن معــــاذ رضـــى اللّـــه عــنـــه އެވެ. އެކަލޭގެފާނަކީ އައުސުވަންހައިގެ ރައީސެވެ. ޤުރައިޡަތުވަންހައިގެ މީހުންނަކީ އައުސުވަންހައާ ވަރަށް ވަރުގަދަ ގުޅުމެއްއޮތް ބަޔެކެވެ. އެއުރެންނަކީ އައުސުވަންހައިގެ ޙަލީފުންނެވެ. سعــد بـــن معــــاذ رضـــى اللّـــه عــنـــه އަށް ޤުރައިޡަތުވަންހައިގެ މީހުންގެ ޣަދަރުވެރިކަމާއި ސުލޫކު ނުބައިކަން ފެނިވަޑައިގެންނެވުމުން އެކަން ބަރުދާސްތެއް ނުކުރެއްވުނެވެ. އެކަލޭގެފާނު އެނބުރި ވަޑައިގެންނެވީ އެބައިމީހުންނަށް ވަރަށްބޮޑަށް ކޯފާވެފައެވެ.

އަދިވެސް ވިސްނައިލާންޖެހޭ ކަމެކެވެ. ޤުރައިޡަތުވަންހައިގެ މީހުން ޚިޔާނާތްތެރިވީ އެކަކު ދެމީހަކަށެއް ނޫނެވެ. ވަރަށްގިނަ ބަޔަކަށެވެ. ވަރަށްބޮޑު އާބާދީއަކަށެވެ. އެބަޔެއްގެ ވަށައިގެން ހައްތާވެސް ދުޝްމިނުންތިބި ޤައުމަކަށެވެ. ޤުރައިޡަތުވަންހައިގެ މީހުންގެ ޣަދަރުވެރިކަމުގެ ސަބަބުން އެޤައުމުގެ ވުޖޫދުވަނީ ނުހަނުބޮޑު ނުރައްކަލަކަށް ހުރަހެޅިފައެވެ. މަދީނާގައި އުޅުނު ޔަހޫދީންގެ އަނެއް ދެ ޤަބީލާ މީހުން ފަދައިން ޤުރައިޡަތުވަންހައިގެ މީހުންވެސް ޢަހްދުނާމާގައި ސާބިތުވެތިބީ މުސްލިމުންނަށް ފަހިވާގޮތަށް ޙާލަތު އޮތްއިރުއެވެ. ނަމަވެސް އެބައިމީހުންނަށް މުސްލިމުންގެ ގައިގައި ތަފާލެއް ޖެހޭކަހަލަ މަސްރަޙެއް އުފެދިއްޖެހެން ހަމަހީވާއިރަށް އެބައިމީހުން ތައްޔާރުވެގަތީ ނިހާޔަތުގެ ދުޝްމިނުކަމަށެވެ. މުސްލިމުންގެ ފުރަގަހުން ބުރަކައްޓަށް ވަޅި ހަރާށެވެ. އިސްލާމީ ދައުލަތުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ދެފަރާތުގެ ދެމެދުގައި އޮތް ޢަހްދަށް އިންތިހާޔަށް ވަފާތެރިވެވަޑައިގެންނެވިކަމަށް އިޢުތިރާފުވޭވޭ ތިބެއެވެ. މުސްލިމުންގެ އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅީން ތިބީ އެބައިމީހުންގެ އަތްފޯރާފަށުގައެވެ. އެބައިމީހުންނަށް ނުހަނު ފަސޭހައިން އޮބައިގަނެވި ގޮތްހަދައިލެވޭ ގޮތަށެވެ. އެހެންކަމުން ޔަހޫދީން އެގޮތަށް ތިއްބަދިނުމަކީ މަދީނާގެ މުސްލިމު އާބާދީ އިންތިހާދަރަޖައިގެ ބޮޑު ނުރައްކަލެއްގެ ތެރެއަށް ދޫކޮށްލުމެވެ. އެހެންކަމުން އެވަގުތަކީ މަދީނާގައިތިބި ޔަހޫދީންގެ ތިންވަނަ އަދި އެންމެފަހު ގްރޫޕާމެދު މުނާސަބު ފިޔަވަޅެއް އަޅާންޖެހޭ ވަގުތެވެ. (ރަސޫލެރަޙުމަތު، މައުލާނާ އަބުލްކަލާމް އާޒާދު)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚަންދަޤު ހަނގުރާމައިގެ މައިދާނުން އެނބުރިވަޑައިގެންނެވީ 23 ޛިލްޤަޢިދާ 5ހ. ގައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެދުވަހުގެ މެންދުރެއްހައިއިރު ހުންނެވީ أمّ المــؤمــنـــيـــن السّــيّــدة أمّ سـلـمــة ގެ ކޮޓަރިކޮޅުގައި ނާނެއިފުޅު ފިއްލަވާށެވެ. އެވަގުތު جــبـــــريـــل عـلــيـــه السّــلام ވަޑައިގެން ވިދާޅުވިއެވެ.

"ކަލޭގެފާނު ހަނގުރާމައިގެ ހަތިޔާރު ބެހެއްޓެވީތޯއެވެ؟ އަދިޔެއް މަލާއިކަތުން ހަތިޔާރެއް ނުބަހައްޓަވައެވެ. ތިމަންކަލޭގެފާނުވެސް ޤުރައިޝުވަންހައިގެ މީހުންގެ ތަޢާޤުބު ކުރައްވާން އެބައިމީހުންގެ ފަސްފަހަތުން ވަޑައިގެންފައި އަދި ކިރިޔާ މިވަޑައިގެންނެވީއެވެ. އަރަހުށި މާތް اللّــــه ކަލޭގެފާނަށް އަމުރުކުރައްވަނީ ޤުރައިޡަތުވަންހައިގެ މީހުނާ ހަނގުރާމަޔަށް ނުކުމެވަޑައިގެންނެވުމަށެވެ. އެބައިމީހުނާ ހަނގުރާމަކުރައްވައި ކަލޭގެފާނު ހުންނަވާ ރަށުން އެބައިމީހުން ބޭރުކޮށްލެއްވުމަށެވެ. އެރަށުގެ ބިން ކާފަރުކަމުން ޠާހިރުކުރެއްވުމަށެވެ. އެބައިމީހުންނަކީ ޢަހްދަކުން މަންފާއެއް ނުކުރާ ބަޔެކެވެ. މީޘާޤަކުން ރައްކައުތެރިކަމެއް ނުލިބޭ ބަޔެކެވެ. މުސްލިމުންނަށް އަންނަ ކޮންމެ ދަތިކަމެއްގެ ތެރޭގައި ޣަދަރުވެރިވޭވެތިބޭ ބަޔަކެވެ. ތެދުވެވަޑައިގަންނަވާށެވެ. ކަލޭގެފާނުގެ އެކުވެރީން ގޮވައިގެން ޤުރައިޡަތުވަންހައިގެ މީހުނާ ދިމާޔަށް ވަޑައިގަންނަވާށެވެ. ތިމަންކަލޭގެފާނު މިވަޑައިގަންނަވަނީ އެދިމާޔަށެވެ. އެއުރެންގެ ކިއްލާތަކަށް ޒަލްޒަލާ ގެންނަވާނަމެވެ. އެބައިމީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަވާނަމެވެ." جــبـــــريـــل عـلــيـــه السّــلام މިހެން ވިދާޅުވެފައި މަލާއިކަތުންގެ ޖަލްވާގައި އެދިމާޔަށް ވަޑައިގެންފިއެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، عــلــــى رضـــى اللّــــه عــنـــــه އަށް ހަނގުރާމައިގެ ދިދަ ދެއްވައިފައި އިސްލަޝްކަރުގެ ކޮމާންޑަރެއްގެ ހައިސިއްޔަތުން ޤުރައިޡަތުވަންހައިގެ މީހުންނާ ދިމާޔަށް ފޮނުއްވައިލެއްވިއެވެ. އެއަށްފަހު ގޮވާމީހަކު ނެރުއްވައި މަދީނާގެ އަހްލުވެރީންނަށް އެންގެވިއެވެ. "ޚަންދަޤު ހަނގުރާމައިގައި ބައިވެރިވި އަހައި ކިޔަމަންވުމުގައި ދެމިތިބ އެންމެން ޤުރައިޡަތުވަންހައިގެ މީހުނާ ހަނގުރާމަޔަށް ނުކުންނާށެވެ. މިއަދުގެ ޢަޞްރުނަމާދު ކުރައްވާންވާނީ ޤުރައިޡަތުވަންހައިގެ އަވަށްބޭރުގައެވެ."

عــلــــى رضـــى اللّــــه عــنـــــه ޤުރައިޡަތުވަންހައިގެ މީހުންގެ ކިއްލާތަކުގެ ކައިރިޔަށް ވަޑައިގެންނެވުމުން ޤުރައިޡަތުވަންހައިގެ މީހުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ފާޅުގައި ހުތުރު އެއްޗެހި ގޮވާން ފަށައިފިއެވެ. އެބައިމީހުން ޚިޔާރުކުރީ ހަނގުރާމައެވެ. އެބައިމީހުން ޞުލްޙަވެރި މޫނެއް ދެއްކިނަމަ ހެޔޮނަތީޖާއެއް ފެނުމުގެ އެކަށޭނަކަން އޮތެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވެސް އޭރުވަނީ ޤުރައިޡަތުވަންހައިގެ މީހުންގެ އަވަށާ ދިމާޔަށް ވަޑައިގަންނަވާން ނުކުމެވަޑައިގެންފައެވެ. މުހާޖިރުންނާއި އަންޞާރުން އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާގެ އިންތިޒާމުތައް ޙަވާލުކުރެއްވީ إبــــن أمّ مكــتـــــوم رضـــى اللّــــه عــنـــــه އާއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޤުރައިޡަތުވަންހައިގެ މީހުންގެ ސަރަޙައްދަށް ވަޑައިގެން މަޑުކުރެއްވީ "އަނާ" އެވެ ކިޔުނު ވަޅެއްގެ ކައިރީގައެވެ. އިސްލާމީ ލަޝްކަރުގެ ޢަދަދަކީ ތިންހާސް ހަނގުރާމަވެރީންނެވެ. އެބޭކަލުން ބޭނުންކުރެއްވީ ތިރީސް އަހެވެ. އިސްލާމީ ލަޝްކަރު ޤުރައިޡަތުވަންހައިގެ ކިއްލާތައް ޙިޞާރުކޮށްފިއެވެ. ޤުރައިޡަތުވަންހައިގެ މީހުން ކުރީކޮޅުގައި ތިބީ އެބައިމީހުންގެ ކިއްލާތަކުގެ ގަދަފަދަކަމާހުރެ ވަރަށް ބޮޑާވެފައެވެ. ނަމަވެސް އިސްލާމީ ލަޝްކަރުގެ މުޙާޞިރާގެ ވަރުގަދަކަމުން ދާދިއަވަހަށް އެބައިމީހުން ކަންބޮޑުވެ ބިރުގެންފިއެވެ. ކުރިޔަށްތިބި މީހުން އެއްވެގެން އެ ޙާލަތުގައި ޢަމަލުކުރާނެ ގޮތަކާމެދު އެބައިމީހުންގެ ރައީސް كــعب بـــن أســــد އާ މަޝްވަރާކުރުމުން އޭނާ ތިން ހުށަހެޅުމެއް ހުށަހެޅިއެވެ.

1. އިސްލާމްދީން ޤަބޫލުކޮށް محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) އާ ތަބާވަމާ ހިނގާށެވެ. އޭރުން އަހަރެމެންނާއި އަހަރެމެންގެ އަނބިދަރީންނާއި މުދާ ރައްކައުތެރިވެދާނެއެވެ. ތިޔަބައިމީހުން އެންމެންނަށްވެސް އެކަލޭގެފާނަކީ ނަބީ މުރްސިލެއްކަން އެނގޭނެއެވެ. އަހަރެމެންގެ ފޮތްތަކުގައިވެސް އެކަލޭގެފާނުގެ ވާހަކަ ބަޔާންކުރައްވައިފައި އެބަހުއްޓެވެ. ތިޔަބައިމީހުން ޤުރައިޝުންނާ ބައިވެރިވެ މި މުސީބަތް ލިބިގަތްއިރުވެސް އަހަރެން ހުރީ މިކަމާ ނުރުހިކަން ތިޔަބައިމީހުން ދަންނާނޫއެވެ. މިހުރިހައި ބަލާއާފާތެއް ހޯދާބަޔަކީ މިތިބަ މީހުންނެވެ. އޭނާ މިހެންބުނީ حُــيَـيُّ بــن أخطب އެތާ އިންދައި އޭނާ ހަށަކޮށްފައެވެ. ތިޔަބައިމީހުން އީމާންނުވާން ތިޔަތިބީ ޙަސަދަވެރިކަމުންނެވެ. ބަނީއިސްރާއީލް ބާގައިން ނަބީކަންނެގި ޢަރަބީންނަށް ނަބީކަން ލިބުމުންނެވެ. إسحــاق ގެފާނުގެ ދަރިކޮޅުން ނަބީކަން ނެގި إسمـــــاعـــيــــل ގެފާނުގެ ދަރިކޮޅަށް އެކަން ލިބުމުން އެކަމާ އައިރުޅީގައެވެ. މިހާރު ދެން ދެކޮޅުވެރިކަން ބޮޑުކުރަމުން ޙަސަދަވެރިކަން އިތުރުކުރަމުންގޮސް ތިޔަބައިމީހުން ފެށުނުތަން ހަނދާންހުރިކަމަކަށެއްވެސް ނުވެއެވެ. މިހާރު ތިޔަބައިމީހުންނަށް ޢަރަބީންގެ ތެރެއިންވެސް ކާފަރު އަބާއްޖަވެރިޔަކު ފެނިއްޖެކަމުގައިވާނަމަ ހީވަނީ إسحــاق ގެފާނަށްވުރެވެސް މޮޅުހެންނެވެ. އެއީވެސް އަޖައިބުވާންޖެހޭ ކަމެއްނޫނެވެ. ޙަސަދަވެރިކަމަކީ މިކަހަލަ ކަމެކެވެ.

(ނުނިމޭ)