ޖޯޖިއާއިން ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުގައި ހޯދި ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުން، އެގައުމުގެ ކުރީގެ ޕްރައިމް މިނިސްޓަރު ބިލިއަނަރު ބިޑްޒީނާ އިވަނިޝްވިލީ ޓީމަށް ބޯނަސް ފައިސާ ދޭން ހުށަޙަޅައިފިއެވެ.
ޖޯޖިއާގެ ތާރީހު އަލަށް ބޮޑު މުބާރާތަކަށް ނުކުމެ، ރޭ ވަނީ ޔޫރޯ 2024 ގެ ގަދަ 16 ޔަގީން ކޮށްފައެވެ. އެޓީމުން ރޭ ޕޯޗުގަލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެއީ މިހާތަނަށް ޔޫރޯގައި ފެނުނު އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެވެ.
އިވަނިޝްވިލީއަކީ އެގައުމުގެ ވެރިކަން ކުރާ ޖޯޖިއަން ޑްރީމް ޕޮލިޓަލް ޕާޓީގެ ފައުންޑަރެވެ. އޭނާ ޕްރައިމް މިނިސްޓަރު ކަމަށް އިންތިހާބުވީ 2012 ވަނަ އަހަރުއެވެ. އިވަނިޝްވިލީ ރޭ ޓީމުން ހޯދި ކާމިޔާބީއަށްފަހު ވިދާޅުވީ އެއީ ތާރީހީ އަދި ހުވަފެނީ ކާމިޔާބީއެއް ކަމަށެވެ. އުމުރުން 68 އަހަރުގެ އިވަނިޝްވިލީ ވިދާޅުވީ ޓީމަށް 8.4 މިލިއަން ޕައުންޑް، 30 މޮލިއަން ޖޯޖިއަން ލާރި) ދެއްވަން ނިންމަވާފައި ވަނީ ގަދަ 16 ގައި ސްޕެއިން ބަލިކޮށްފި ކަމަށްވާ ނަމައެވެ. އެ ފައިސާ ދެއްވަން ނިންމަވާފައި ވަނީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށެވެ.
އިވަނިޝްވިލީއަކީ ޖޯޖިއާއަށް އުފަން ބިލިއަނަރެކެވެ. އޭނާ ވިޔަފާރި ފުޅާކޮށްފައި ވަނީ 1990 ގެ އަހަރުތަކުގައި ރަޝިއާގައެވެ. އޭނާގެ ވިޔަފާރި ބިނާވެފައި ވަނީ ބޭންކިން އާއި ކޮމްޕިއުޓާ އަދި ދަގަނޑުގެ ވިޔަފާރިއަށެވެ.
ޖޯޖިއަން ޑްރީމް ޕާޓީން ބުނެފައި ވަނީ އިވަނިޝްވިލީ ދޭ ބޯނަސް ދޭނީ އިވަނިޝްވިލީ ޗެރިޓެބަލް ފައުންޑޭޝަނުންނެވެ. އިވަނިޝްވިލީގެ ވިޔަފާރީގެ އަގު 3.87 ބިލިއަނަށް އަރާ ކަމަށް ފޯބްސްއިން ބުނެފައިވެއެވެ.
ޖޯޖިއާގެ ސިޔާސީ މަޝްރަހުގެ ތެރޭގައި މިހާރުގެ އޮތް ޓީމުން އެގައުމުގެ ވެރިކަން ކުރާ ޕާޓީގެ "ފޮރިން އެޖެންޓް" ބިލަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. ބޭރުގެ ކުންފުނިތަކުން ޖޯޖިއާގެ އެސްޓެބްލިޝްޓްމަންޓްތަކަށް އެހީގެ ފައިސާ ދޭ ލިމިޓް ކުޑަކުރަން އެ ބިލުގައި ބަޔާން ކޮށްފައިވާ އިރު، އެ ބިލާއެކު މަގުތަކުގައި ދަނީ މުޒާހަރާވެސް ކުރަމުންނެވެ. މިއީ 1991 ވަނަ އަހަރަށްފަހު އެގައުމުގައި ކުރަމުންދާ އެންމެ ބޮޑެތި މުޒާހަރާތަކެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024