ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.

ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައިވާ ކަމަށެވެ.

"މީގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ. މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައި،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ފިޔަވަޅުތަކުގެ އިތުރުން ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެކި ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

ސަރުކާރުން މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައި މިވަނީ ފިޗުގެ ރާއްޖޭގެ ރޭޓިން މިއަހަރު "ސީސީސީ ޕްލަސް" އަށް ދައްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ދައުލަތަށް އާމްދަނީ އިތުރުކުރުމުގެ ގޮތުން ކުރަން ނިންމައިފައިވާ ކަންކަމުގެ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ ރިޕޯޓު ފިނޭންސް މިނިސްޓްރީން ވަނީ ރޭ ވަނީ އާންމުކޮށްފައެވެ.

ޕޯޓުގައިވާ ގޮތުން މިއަހަރު ނިމުމުގެ ކުރިން ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން އެއާޕޯޓް ބޭނުން ކުރާ މީހުންގެ އަތުން ނަގާ ފީ އާއި ޓެކްސްތައް ބޮޑުކުރާނެއެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން މިހާރު އިމްޕޯޓް ޑިއުޓީ ނުނަގާ ބައެއް ތަކެތިން އިމްޕޯޓް ޑިއުޓީ ނަގަން ފަށާނެ ކަމަށް ރިޕޯޓުގައި، ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން އާމްދަނީ އިތުރު ކުރުމުގެ މިއަންނަ އަހަރުގެ ތެރޭގައި ގިނަ ޓެކްސްތަކަކާއި ފީތަށް ބޮޑުކުރަން ވެސް ނިންމައިފައިވެއެވެ. އެގޮތުން ޖީއެސްޓީ ނަގާ ތަކެތި އިތުރުކުރުމާއި ޖީއެސްޓީ ބޮޑުކުރުމާއި އިމްޕޯޓް ޑިއުޓީ ނަގާ ރޭޓްތައް ބޮޑުކުރުމާއި ޓެލެކޮމް އޮޕަރޭޓަރުންގެ ހިދުމަތްތަކުން ނަގާ ފީތައް ބޮޑުކުރުމުގެ އިތުރުން ރިސޯޓް ކުއްޔާއި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ބޮޑުކުރުން އަދި

ރަލާއި، ދުންފަތް އަދި އޫރުމަސް ފަދަ ހާއްސަ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން ނުވަތަ އެ ސިޔާސަތަށް ބަދަލުތަކެއް ގެނައުން ހިމެނެއެވެ.

އޭގެ ތެރެއިން ގިނަ ފިޔަވަޅުތަކެއް މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަޅައި ތަންފީޒުކުރަން ފަށާނެއެވެ.

އާމްދަނީ އިތުރުކުރުމަށް 2026، 2027 އަދި 2028 ވަނަ އަހަރު ވެސް ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމައިފައެވެ. އެގޮތުން ކާބަން ކްރިޑިޓް ބޭރުގެ މާކެޓްތަކުގައި ވިއްކައިންގެން އާމްދަނީ ހޯދުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޓެކްސްގެ އިދާރީ ބުރަ ކުޑަކުރުމާއި އިންކަމް ޓެކްސް ނަގާ އާމްދަނީ ދަށްކުރުމުގެ އިތުރުން ބްރިޖް ފަދަ ތަންތަނުން ފީ ނެގޭނެ ސިޔާސަތެއް އެކުލަވާލުން އަދި ޕްރޮޕަޓީ ޓެކްސް ނިޒާމެއް ތައާރަފްކުރުން ހިމެނެއެވެ.

އެ ފިޔަވަޅުތަކަކީ ދައުލަތުގެ ހަރަދުތަައް ހަމަޖެއްސުމަށް ބޭރުގެ ފަރާތްތަކަށް ބަރޯސާވާވުން ކުޑަކުރުމުގެ މަގްސަދުގައި އަޅާ ފިޔަވަޅުތަކެއް ކަމަށް ރިޕޯޓުގައި ފިނޭންސުން ބުންޏެވެ.

މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ 35.5 ޕަސަންޓަށް އިތުރުކުރެވޭނެ ކަމަށާއި މިހާރު ޓެކްސް އާމްދަނީއަކީ ޖީޑީޕީގެ ނިސްބަތުން 32.5 ޕަސަންޓް ކަމަށެވެ.