ރައީސް އޮފީހުގައި މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ރަމީޒު އެ މަގާމުން ސަސްޕެންޑްކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް މިއަދު ވިދާޅުވީ ރަމީޒު، ސަސްޕެންޑް ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ރަމީޒުގެ އިތުރުން އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ސަލީމް ވެސް ސަސްޕެންޑް ކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

އެ ދެ މީހުން ސަސްޕެންޑްކުރިކަން ކަށަވަރުކޮށްދިން ނަމަވެސް އެ ދެ މީހުންނާ ގުޅޭގޮތުން ބަލަމުންދާ މައްސަލައިގެ ތަފްސީލެއް ހީނާ ނުދެއްވައެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ޝަމްނާޒާއި އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ޝަމްނާޒް ހައްޔަރުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގާތްވުމަށް ސިހުރު ހެދިކަމުގެ ތުހުމަތުގައެވެ.

ރަމީޒްއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް އަރިސް ބޭފުޅެކެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު، ރަމީޒު، ރައީސް މުއިއްޒާ އެކު އެއްވެސް ވަރަކަށް ފެނިފައެއް ނުވެއެވެ.