ރާއްޖެ އިން ބޭރުން ގެންނަ ހަތިމާއި ދީނީ ފޮތްތައް ބަހައްޓާނެ ތަނެއް ހެދުމަށް އިސްލާމިކް މިނިސްޓްރީއަށް މާލެއިން ބިމެއް ދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މޭޔާ އާދަމް އާޒިމް ވިދާޅުވީ ރާއްޖެއިން ބޭރުން އިސްލާމިކް މިނިސްޓްރީއަށް ގެންނަ ހަތިމުތައް ބަހައްޓަން ގުދަނެއް ބޭނުންވެގެން އެ ކައުންސިލުގައި އެދިފައިވާ ކަމަށެވެ.

"ކަނބާއާސާރަނި މިސްކިތުގެ ބިއްދޮށުގައި އެބަ އޮތް ހުސްތަންކޮޅެއް. ކަނބާއާސާރަނި މިސްކިތަކީ ޕްރޮޓެކްޓް ކޮށްފައި އޮންނަ މިސްކިތެއް. ހެރިޓޭޖު މިސްކިތެއް. އެއީ ވަރަށް އެތެރޭގައި އޮންނަ ތަންކޮޅެއް. ދެން މި ވަގުތު އަޅުގަނޑުމެން އިތުރު ބޭނުމަކަށް ބޭނުން ކުރާނެ ތަންކޮޅެއް ނޫން އެއީ. އެހެންވީމަ އަޅުގަނޑު ހުށަހަޅަން އެ ބޭފުޅުންނަށް (އިސްލާމިކް މިނިސްޓްރީއަށް) އެލޮކޭޝަން ދިނުމަށް" އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ އެ ހުށަހެޅުއްވުން ފާސްވީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުންނެވެ.