ފުޓުބޯޅައަށް މަރުދޭ ރައްޔިތަކު ދިރިއުޅޭ ޖޯޖިއާއިން ޔޫރޯ 2024 ގެ ގަދަ 16އަށް ދަތުރުކޮށް ހޯދި ކާމިޔާބީއާއެކު، އެގައުމުގެ ވެރިރަށް ތިބިލިސީގެ މަގުތަކަށް އެތައް ބަޔަކު ނުކުމެ އުފާފާޅުކޮށްފިއެވެ.
ޖޯޖިއާއަށް މިފަހަރުގެ ޔޫރޯއަށް ކޮލިފައިވުންވެސް އެއީ ބޮޑު ކާމިޔާބެކެވެ. އެއީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައިވެސް ނުކުތް އެންމެ ފުރަތަމަ ބޮޑު މުބާރާތެވެ. އެންމެ ފުރަތަމަ ޔޫރޯއެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހު މެޗަށް ނުކުތް އިރު، ޖޯޖިއާ އަތުގައި އޮތީ އެންމެ ޕޮއިންޓެކެވެ. އެޓީމަށް މޮޅުވާން މަޖުބޫރެވެ. މޮޅުވާން މަޖުބޫރު މެޗަކަށް ރޭ ޕޯޗުގަލްއާ ދެކޮޅަށް ނުކުމެ، ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
އެ ކާމިޔާބީއާއެކު މުޅި ގައުމު ހިނިތުންވެ، ރައީސާގެ މަރުހަބާވެސް ޓީމަށް ދަންނަވައިފިއެވެ. އެގައުމުގެ ރައީސާ ސަލޯމޭ ޒޯރަބިޗްވިލީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖޯޖިއާގެ ހިތްވަރުން ސާބިތުކޮށްދެނީ ކަމަކަށް އަޒުމެއް ކަނޑައަޅައި، އަމިއްލަ އެދުމެއް ނެތި އެކަން ހާސިލުކުރަން މަސައްކަތް ކޮށް، އެކަމަށް އުންމީދުކޮށްފިނަމަ އެކަމެއް ވާނެކަން ކަމަށެވެ. "އަހަރެން މުޅި ޖޯޖިއާއަށް މަރުހަބާ ދަންނަވަން. ހަމައެކަނި ޔޫރަޕަށް ތައާރަފު ވެގެން ނޫން. އެއަށްވުރެ އުހަށް އުންމީދުކޮށް، އެކަން ހާސިލުކޮށްގެން،" ރައީސާ ވިދާޅުވިއެވެ.
ޖޯޖިއާގެ މަގުތަކުގައި ދިދަ ނެގި ކާރުތައް، ޖާޒީގައި ތިބި ސަޕޯޓަރުން އަންނަނީ ބަޑިބޭހުގެ ކުޅިވަރާއެކު އުފާފާޅުކުރަމުންނެވެ. އެގައުމުގެ ލިބަޓީ ސްކޮޔާއަށް އެތައް ސަތޭކައަކުން ކާރުތައް ޖަމާވެ، އެތައް ބަޔަކު އަންނަނީ އުފާފާޅުކުރަމުންނެވެ.
"އަހަރެމެންނަށް މިއީ އަޖައިބެއް. އެންމެންނަށް ޝުކުރު ހައްގު،" ޕްރައިމް މިނިސްޓަރު އިރާކީ ކޮބޮހިޑްޒޭ ވިދާޅުވިއެވެ. އެ އުފާވެރިކަމުގައި އެފްއޭގެ ރައީސް، ކުރީގެ ކުޅުންތެރިޔާ ލެވާން ކޮބިއާޝްވިލީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޖޯޖިއާއިން މިފަހަރު ޔޫރޯގެ ގަދަ 16 ގައި ނުކުންނަން ޖެހޭނީ ވަރުގަދަ ސްޕެއިނާ ދެކޮޅަށެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024