ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ މަނިކުފާނުގެ ވެރިކަމުގެ މައްޗަށް ފޮތެއް ލިޔުއްވަން ފައްޓަވައިފިއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ރައީސް ސޯލިހު ވިދާޅުވީ، މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ ރަނގަޅު ކަންކަން ކުރެވިފައި އެބަހުރި ކަމަށެވެ. އަދި އެއީ ތާރީހަށްޓަކައި އެނގުން މުހިންމު ކަންކަން ކަމަށް ވިދާޅުވިއެވެ.
"މިދިޔަ ފަސް އަހަރު އަޅުގަނޑުމެންނަށް އެބަހުރި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި. އަދި ތާރީހަށްޓަކައިވެސް ރައްޔިތުންނަށްޓަކައިވެސް އެނގެން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި. އަޅުގަނޑު ފަށައިފިން އެ ލިޔަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެ މަނިކުފާނު ލިޔުއްވާ ފޮތުގައި ވަރަށް ގިނަ ހާދިސާތަކާ ބެހޭ މައުލޫމާތު ހުންނާނެއެވެ. އަދި ބައެއް ބޭފުޅުން ރުޅިދުރުވާފަދަ ވާހަކަތައްވެސް ހުރެދާނެ ކަމަށް ވިދާޅުވިއެވެ.
"ކޮވިޑްގެ ވާހަކަވެސް އެ ނޫންވެސް އެހެން ބައެއް ވާހަކަތައްވެސް ހުންނާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، މިހާރު ފެންނަން އޮންނަނީ ވެރިކަމުގައި ތިބި ބަޔަކު ވެރިކަން ކުރި ގޮތް އެކަނި ކަމަށާއި އޭގެ ފަހުގައިވާ ކަންކަން ގިނަ މީހުންގެ ހަނދާނުގައި ނުހުންނަ ކަމަށެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ވެރިކަމާ ގުޅޭ ފޮތެއް ލިޔުއްވަނީ އެ މަނިކުފާނާ ގުޅޭ ގޮތުން ދައްކާ ހުރިހާ ވާހަކައަކަށް ޖަވާބު ދެއްވުމަށާއި ކޮށްދެއްވި ކަންކަން އަންގައިދިނުމުގެ ގޮތުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު