ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅުކުރެވޭނީ އެ މަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވި ސިޔާސަތުތައް މި ސަރުކާރުންވެސް ކުރިއަށް ގެންގޮސްގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ރައީސް ސޯލިހު މިއަދު ވިދާޅުވީ، ސަރުކާރު ބަދަލުވި އިރު ދައުލަތުގައި ފައިސާ ނެތް ކަމަށާއި އިގުތިސޯދު ދަރަނިވެރިވެފައިވާ ކަމަށް މި ސަރުކާރުން ބުނުމަކީ އޮޅުވާލުމުގެ ގޮތުން ދައްކާ ބުހުތާނު ދޮގު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ނިމުނު އިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފްގައި 140 މިލިއަން ޑޮލަރު ހުންނާނެ ކަމަށާއި އޭގެ ތެރެއިން ގިނަ ފައިސާ އަކީ ބޭނުން އިރަކު ނެގޭ ގޮތަށް ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި ފައިސާ ކަމަށެވެ.
ރައީސް ވިދާޅުވީ، މަސްވެރިންނަށް ފައިސާ ނުދެވިގެން އުޅޭ މައްސަލައަށްވެސް ހައްލެއް ގެނެވޭނީ، އެ މަނިކުފާނުގެ ވެރިކަމުގައި ގެންގުޅުނު ސިޔާސަތުތައް ތަންފީޒުކޮށްގެން ކަމަށެވެ. އެގޮތުން، އެ މަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް ބާނާ މަސް ރައްކާކުރެވޭނެ 1200 ޓަނުގެ ކެޕޭސިޓީއަކަށް ޓާގެޓުކޮށްގެން މަސައްކަތްކުރައްވާފައިވާނެ ކަމަށާއި މަހަށް ހަމަ އަގު ހޯދުމަށް ރަނގަޅު ޕްލޭންތަކެއް ގެންގުޅުއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
އޭގެ ތެރެއިން ބައެއް ކަންކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ރޯމަހުގެ ގޮތުގައި މިހާރު ތައިލެންޑަށް ފޮނުވާ މަހުގެ ބަދަލުގައި، އެ މަސް ރާއްޖޭގައި ޕްރޮސެސްކޮށް ޔޫރަޕް ފަދަ ތަންތަނަށް ވިއްކުމަށް ޕްރޮސެސް އިތުރުކުރުމުގެ މަސައްކަތް އޭރުގެ ސަރުކާރުގައި ފަށާފައިވާނެ ކަމަށެވެ.
އެގޮތުން ވެރިކަން ބަދަލުވި އިރު މަހަށް ނަގާ 22 ޕަސަންޓު ޓެކްސް ކުޑަކުރުމަށް ޔޫރަޕާއި އިނގިރޭސިވިލާތާ މަޝްވަރާކުރެވެމުންދިޔަ ކަމަށާއި އުންމީދުކުރެވިފައި އޮތީ މިދިޔަ ޖެނުއަރީ ނުވަތަ ފެބްރުއަރީ ހިސާބުގައި އެ ޑިއުޓީ ކަނޑާލެވި، މަހުގެ ހަމަ އަގު މަހަށް ލިބޭނެ ކަމަށް ކަމަށެވެ.
"އަޅުގަނޑުމެން އޭރުވެސް ދެންނެވިން އިނގިރޭސިވިލާތާއި ޔޫރަޕާ ދެމެދު މިދެކެވޭ ވާހަކަތަކާ އެކީ އެއަށް ހެޔޮ ބަދަލު އައީމާ މަސްވެރިން އެ ބޭނުންވާ މަހަށް އަގު ލިބިގެންދާނޭ. މިއަދު އެކަން ނުކުރެވިގެން މިއުޅެނީ އެ ވާހަކަތައް ނުދެކެވޭތީ،" ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މަސްވެރިން ސިނާއަތް މިހާ ބޮޑަށް އަޑިއަޅައިލީ މިފްކޯ، އެސްޓީއޯއިން ވަކިކުރުމުންނެވެ. އެއީވެސް "ގޯހެއް" ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރުން ރިކަރަންޓު ހަރަދުތައް ކުޑަކޮށް ސިޔާސީ މަގާމުތައް މަދުކުރަން ޖެހޭ ކަމަށެވެ.
"ކުރިއަށް މިދަނީ އިގުތިސޯދީ ދަތި ދުވަސްތަކެއް ކޮވިޑާ އެކީގައި. އެއް ފަހަރުން ހައްލުކުރެވޭނެ ކަންތަކެއް ނޫން އެއީ. އަޅުގަނޑުމެންގެ ޕްލޭން އޮންނާނެ 2021 އިން ފެށިގެން 2028 އާ ހިސާބަށް އެކަން ހައްލުކުރާނެ ގޮތް. އެ ސިޔާސަތުތައް ތަންފީޒުކުރައްވަންވީ މިހާރު. އޭގެ ބަދަލުގައި މިފެންނަނީ ފަށާފައި ހުރި މަޝްރޫއުތައްވެސް ހުއްޓާލާފައި މުޅިން އާ ކަންތައްތަކެއް ކުރައްވަން އުޅުއްވާ ތަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގައި އިގުތިސޯދީ ހާލަތު ބަދަލުކުރެވުނީ ކެތްތެރިކަމާއި ރަނގަޅު ޕްލޭންތަކަކާ އެކު ތަންފީޒުކުރަމުންދިޔަ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު