ކޮރަޕްޝަންގެ ތުހުމަތުތައް ބެއްލެވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ދައުލަތުގެ ބައި ލާރިއެއްގައިވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ ކުރީ ސަރުކާރާއި ގުޅުވައި ކޮރަޕްޝަންގެ ތުހުމަތުތައް ކުރައްވަމުންނެވެ.
އެކަމާ ގުޅިގެން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ރައީސް ސޯލިހު މިއަދު ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅު ވަނީ، "މޫނަށް ކަނދުރާއަށް" ބެއްލެވުމެއް ނެތި ކޮރަޕްޝަންގެ މައްސަލަތައް ބެއްލެވުން ކަމަށާއި ނުހައްގުން ބައި ލާރިއެއްވެސް ހޯއްދަވާފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު ނޯންނާނެ ބައި ލާރިއެއްގައިވެސް، ބައި ސެންޓުގައި ޖެހިފައެއް، ބައްލަވަންވީ، ބައްލަވާފައި ކަމެއް އޮވެއްޖެއްޔާ ކުރިއަށް ގެންދަވަންވީ، އަޅުގަނޑަށް ހަމަ ޔަގީން އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ، އަޅުގަނޑެއް ނޫން އަޅުގަނޑުގެ ސަރުކާރުގެވެސް އެ ތިއްބެވި ބޭފުޅުންގެ އެފަދަ ކަމެއް ނުފެންނާނެ، ކޮށްފައެއް ނޯންނާނެ އަޅުގަނޑުމެންނެއް،" ސޯލިހު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ކޮރަޕްޝަންގެ ތުހުމަތުތައް ކުރި ނަމަވެސް އެކަމާ ކަންބޮޑުވެނުލައްވާ ކަމަށެވެ.
ނިމިދިޔަ ސަރުކާރުގައި ފެނަކައިގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މިއަދުގެ މަޖިލިސްއަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސްކޮށްފައިވެއެވެ. އެ މައްސަލަ ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު