ޔޫރޯ 2024ގައި ޗެކް ރިޕަބްލިކުން ކުޅޭ ގްރޫޕްގެ ފަހު މެޗުގައި މިރޭ ތުރުކީއާ ދެކޮޅަށް ނުކުންނަ އިރު، ޓީމުގެ ތަރި، ޕެޓްރިކް ޝިކް ނުފެނުން އެކަށީގެންވާ ކަމަށް ކޯޗު އިވާން ހަސޭކް ބުނެފިއެވެ.
ޗެކް ރިޕަބްލިކަށް މިރޭ މޮޅުވެގެން ގަދަ 16 އަށް ދެވެން އެބައޮތެވެ. އެހެން ނަމަވެސް، އެޓީމަށް އެ ނޫން ގޮތަކަށް ގަދަ 16 އަށް ދެވޭކަށް ނެތެވެ. އެއީ ތިން ޕޮއިންޓާއެކު ނޫން ގޮތަކަށް ތިންވަނައިގައި ނިންމާލިޔަސް އެޓީމަށް ގަދަ 16 އަށް ފުރުސަތު ނެތީމައެވެ.
މިރޭގެ މުހިއްމު މެޗަށް ނުކުންނަ އިރު، އެންމެފަހުން ޖޯޖިއާއާ ދެކޮޅަށް ކުޅެ، 1-1 އިން އެއްވަރުވި މެޗުގައި ޗެކުގެ ފޯވަޑް، ޝިކަށް ވަނީ އަނިޔާވެފައެވެ. ބަޔާން ލެވަކޫސަންގެ ފޯވަޑަކީ މިދިޔަ ސީޒަނުގައިވެސް ޔޫރަޕްގައި އެންމެ ވިދުންގަދަ އެއް ފޯވަޑެވެ. އޭނާ ވަނީ ބަޔާން ލެވަކޫސަންއާއެކު ބުންޑަސްލީގާއާއި ޖަރުމަނު ކަޕް ކާމިޔާބުކޮށް، ޔޫރޮޕާ ލީގުގެ ފައިނަލުގައިވެސް ކުޅެފައެވެ.
"ޝިކް މިދިޔަ ދެ ދުވަހު ޑޮކްޓަރުންނާއި ފިޒިއޮތެރަޕިސްޓުން އަދި މަސާޖުކުރާ މީހުންނާއެކު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އެދަނީ. އަނިޔާ މިހާރު ކުރިއަށްވުރެ ރަނގަޅު،" ހަސޭކް ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
ޖޯޖިއާ މެޗުގައި ޝިކްގެ ގޯލެއްވެސް ފެނިގެން ގޮސްފައިވާ އިރު، އޭނާ މެޗުގެ ފަހު ހާފުގައި ބާލަން ޖެހުނީ ފަލަމަސްގަނޑަށް ތަދުވާތީ އެ ޝަކުވާ ކުރުމުންނެވެ.
"ޝިކަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް. އޭނާ ނެތްތައް ދައްކާނެ. އެހެންނަމަވެސް، އޭނާ ނެތްތައް ފޫބައްދަން އަރަން ތައްޔާރަށް ތިބި ކުޅުންތެރިން އެބަތިބި. އެހެންވީމަ ޝިކް ނުފެނިއްޖެނަމަ، އެމަގާމަށް އެކަށީގެން ބަދަލެއް ފެންނާނެ. އިތުބާރު ކުރަން ކޮންމެ ކުޅުންތެރިޔަކަށްވެސް،" ހަސޭކް ބުންޏެވެ.
ޗެކުން ފުރަތަމަ ކުޅުނު މެޗުގައި ޕޯޗުގަލް ކައިރިން ބަލިވި އިރު، އެމެޗުގައި ޗެކު ކޮޅަށް ގޯލު ވަނީ ފަހު މިނެޓު ކޮޅުގައެވެ. މިދިޔަ ޔޫރޯ 2020 ގެ ކުއާޓާ ފައިނަލަށް ދިޔައިރު، އެފަހަރު ޝިކަކީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޔޫރޯ 2020 ގައި ފަސް ގޯލު ޖަހައިފައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024