ޓީމެއްގެ ގޮތުގައި ރުމޭނިއާ ނުރައްކާވާނެ ކަމަށާއި ސްލޮވާކިއާ އިން ކުޅުމުގެ ސްޓައިލް ބަދަލުނުކޮށް ނުކުންނާނީ މޮޅުވުމަށް ކަމަށް އެ ޓީމުގެ ކޯޗު ފްރެންޗެސްކޯ ކަލްޒޯނާ ބުނެފިއެވެ.

ޔޫރޯ 2024ގެ "ގްރޫޕު އީ" ގައި ކުޅުނު ފުރަތަމަ މެޗުގައި ހައިރާންކުރެނިވި ގޮތަކަށް ސްލޮވާކިއާ އިން ވަނީ ބެލްޖިއަމް އަތުން 1-0ގެ ނަތީޖާއަކުން މޮޅުވެފައެވެ. ސްލޮވާކިއާގެ ދެވަނަ މެޗުގައި ޔޫކްރެއިން އަތުން ލީޑު ލިބިފައިވަނިކޮށް، 2-1ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. ނަމަވެސް ރުމޭނިއާ އަތުން މިރޭގެ މެޗުން ޕޮއިންޓެއް ހޯދައިގެންވެސް ސްލޮވާކިއާއަށް ގަދަ 16ގެ ޖާގައެއް ކަށަވަރު ކުރެވެން އެބަ އޮތެވެ.

މިރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސްލޮވާކިއާގެ ކޯޗު ކަލްޒޯނާ ބުނީ އިދިކޮޅުން ނުކުންނަ ރުމޭނިއާ އަކީ ފިޒިކަލީ ވަރުގަދަ، ޓެކްނިކަލް ގޭމެއް ކުޅޭ ވަރަށް ރަނގަޅު ޓީމެއް ކަމަށާއި އެހެންކަމުން އެ މެޗު ވެގެންދާނީ ވަރަށް އުނދަގޫ މެޗަކަށް ކަމަށެވެ.

"އަހަރެމެން ކުޅުމުގެ އަމިއްލަ ސްޓައިލެއް އެބަ ގެންގުޅެން. އަހަރެން ބޭނުމެއް ނޫން އެ ކުޅުމުގެ ސްޓައިލް ބަދަލުކުރާކަށް. އަހަރެމެން ނުކުންނާނީ އެ ކުޅުމާއެކު ރުމޭނިއާ ބަލިކޮށްގެން ގަދަ 16ގެ ޖާގައެއް ކަށަވަރުކުރަން،" އޭނާ ބުންޏެވެ.

ކަލްޒޯނާ ބުނީ ވަކި ކުޅުންތެރިއެއް ފާހަގަނުވި ނަމަވެސް، ޓީމެއްގެ ގޮތުގައި ރުމޭނިއާ އަކީ ވަރަށް ނުރައްކާ ޓީމެއް ކަމަށާއި އެއީ އެންމެ ފަހުވަގުތާ ޖެހެންދެންވެސް ހިތްވަރާއެކު މަސައްކަތްކުރާ ޓީމެއް ކަމަށެވެ. އަދި ރޫމޭނިއާގައި ރަނގަޅު ސްކޮޑެއް އޮތްކަންވެސް ސްލޮވާކިއާގެ ކޯޗު ފާހަގަކުރިއެވެ.

"ގްރޫޕު އީ" ގައި ހިމެނޭ ހުރިހާ ޓީމަކަށް ވެސް މިވަގުތު ލިބިފައިވަނީ ތިން ޕޮއިންޓެވެ. ރުމޭނިއާ އާއި ބެލްޖިއަމާއި ސްލޮވާކިއާ އަދި ޔޫކްރެއިން، އެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުގެ އެއްވަނައިގައި ރުމޭނިއާ އޮތީ ޖެހި ގޯލުންނެވެ. ޔޫރޯގެ ތާރީހުގައި ގްރޫޕު ސްޓޭޖުގެ ފަހު މެޗާ ހަމައަށް ދާއިރު، ގްރޫޕުގެ ހުރިހާ ޓީމެއް ޕޮއިންޓުގެ ގޮތުން އެއްވަރުވީ މިއީ ފުރަތަމަ ފަހަރެވެ.

ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ސްލޮވާކިއާ އިން ރުމޭނިއާއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 9:00 ގައެވެ.