ކެންޔާގައި މުޒާހަރާ ކުރާ މީހުން އެ ގައުމުގެ މަޖިލީސް ކުރާ ގޭގައި ހުޅުޖަހައިފިއެވެ.

ކެންޔާގެ ސަރުކާރުން ކުރަން ޖެހޭ ހަރަދުތައް ބޮޑުވެ އެ ގައުމުގެ ދަރަނިތައް ދެއްކުމަށް ދަތިވުމުން ސަރުކާރުން ވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް ބިލެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް އެކަމާ ދެކޮޅު ހަދައި އެ ގައުމުގެ އާންމުން ވަނީ ވެރިރަށް ނައިރޯބީގެ މަގުތަކަށް ނިކުމެ ނުރުހުން ފާޅުކުރަން ފަށައި މުޒާހަރާތައް ފަށާފައެވެ.

ކެންޔާގައި ކުރިޔަށްދާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ފުލުހުން ބާރުގެ ބޭނުން ކުރަން ފަށާފައިވާއިރު ގާނޫނު ހަދާ މަޖިލީހުން އެ ގައުމުގެ ސަރުކާރުން ހުށަހަޅާފައިވާ ބިލު ފާސްކުރުމާއެކު މުޒާހަރާ އިތުރަށް ހޫނުވެ ހަމަނުޖެހުން ހިންގަން ފެށުމާއެކު މުޒާހަރާ ބައިވެރިންނަށް އަމާޒުކޮށް ފުލުހުން ވަނީ ރަބަރު ވަޒަން ބޭނުންކޮށް ބަޑިޖަހަން ފަށާފައެވެ.

މުޒާހަރާގެ ބައިވެރިން އެ ގައުމުގެ ގާނޫން ހަދާ މަޖިލީހަށް ވަދެގަނެފައިވާއިރު އެ އިމާރާތުގެ ބައެއް ސަރަހައްދު ތަކުގައި ހުޅުޖަހާފައިވާ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ކެންޔާ ސަރުކާރުން ހުށަހެޅި ބިލުގައި ޓެކުހަށް 16 ޕަސެންޓް އިތުރު ކުރުމަށާއި ކައްކާ ގޭހުން 25 ޕަސެންޓް ޑިއުޓީ ނެގުމަށް ހިމަނާފައިވެއެވެ. މީގެ އިތުރުން ވެހިކަލް ދުއްވާ މީހުންގެ އަތުން ވެސް 2.5 ޕަސެންޓުގެ ޓެކުހެއް ނެގުމަށް ވެސް ހިމަނާފައިވެއެވެ.

ކެންޔާގެ ގާނޫނު ހަދާ މަޖިލީހުން އެބިލު ފާސްކޮށްފައިވާއިރު ބިލު ގާނޫނަކަށްވެ، އަމަލުކުރަން ފެށޭނީ އެ ގައުމުގެ ރައީސް ވިލިއަމް ރުޓޯ، ކުރިޔަށް އޮތް 14 ދުވަހުގެ ތެރޭގައި ބިލު ތަސްދީގު ކުރެއްވުމުންނެވެ.

ދިރާސާ ކުރާ ފަރާތްތަކުން ވަނީ ގައުމު ހަލަބޮލި ވެފައިވާ މިދަނޑިވަޅުގައި ސީދާ ރައްޔިތުންނާއި ގުޅުންހުރި އެބިލް ކެންޔާގެ ރައީސް ތަސްދީގު ނުކޮށް އަނބުރާ ގާނޫނު ހަދާ މަޖިލީހަށް ފޮނުވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.