ޔޫރޯ 2024 އިން ރޭ ދައްކުވައިދިން ތަފާތު މަންޒަރަކީ އިޓަލީން ފަހު ސިކުންތު ޖެހި ގޯލާއެކު ކްރޮއޭޝިއާ މުބާރާތުން ކެޓި މަންޒަރެވެ. 1-1 އިން މެޗު އެއްވަރުވުމުން، ކްރޮއޭޝިއާއަށް ދެން ގަދަ 16 އަށް އުންމީދު ކުރެވޭނެ ޖާގައެއް ނެތެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްވެސް ކުޅެ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ތިންވަނަ ހޯދި، ވަރުގަދަ ކްރޮއޭޝިއާއަށް ގްރޫޕް ސްޓޭޖުން އަލްވަދާއަކާ ކުރިމަތިލާން ޖެހުނީ އެންމެ ހިތްދަތި ގޮތަށެވެ.
މިފަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިން ކައިރިން ބަލިވީ ލަދުވެތި 3-0 ގެ ނަތީޖާއަކުންނެވެ. ދެން އަލްބޭނިއާއާ 2-2 އިން އެއްވަރުވީ އަލްބޭނިއާ ފަހު މިނެޓް ގޯލެއް ޖަހައިގެންނެވެ. ރޭ އިޓަލީ ގޯލު ޖެހީ އެންމެ ފަހު ސިކުންތުގައެވެ. މުޅި ޓީމު ދަނޑަށް ތިރިވެ، ރުއި މަންޒަރު ފެނުނީ އެ ބަލީގެ ހިތްދަތިކަމުންނެވެ. މެޗަށްފަހު އުމުރުން 38ގެ ކްރޮއޭޝިއާ ކެޕްޓަނަށް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު މެޗަށްފަހު، އޭނާއަށް ފުރަތަމަ ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.
"އަހަންނަކަށް ނޭނގެ ބުނާނެ އެއްވެސް އެއްޗެއް. މިއީ ފުޓުބޯޅައިގެ ހިތްދަތި ފަރާތް. ފުޓުބޯޅައަކީ ބައެއް ފަހަރު ވަރަށް ހިތްދަތި އެއްޗެއް،" ކްރޮއޭޝިއާއަށް ރޭގެ މެޗުގައި ގޯލު ޖަހައިދިން ކެޕްޓަން މޮޑްރިޗް ބުންޏެވެ.
ކްރޮއޭޝިއާއަށް އިހުތިރާމުކޮށް، ކުޅުންތެރިންގެ ހިތްވަރު އޭނާ ފާހަގަކުރިއެވެ. ދެރަވެ މާޔޫސްވެފައި އިން މޮޑްރިޗަށް، އެ ޕްރެސްގެ ތެރެއިން ތަފާތު އިހުސާސެއް ކުރެވުނީ އިޓަލީގެ ނޫސްވެރިޔަކު ކުރި ތައުރީފުންނެވެ.
"އަހަރެން ބޭނުންވަނީ މޮޑްރިޗަށް ޝުކުރު އަދާކުރަން. މިހާތަނަށް ފުޓުބޯޅައިގައި، މިރޭ އެކަންޏެއް ނޫން، މުޅި ކެރިއަރުގައި ތި ދެއްކި ކަންތައްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިރޭވެސް ދަނޑުން ތި ފޭބީ، ތިއީ އެންމެ މަތީ ފަންތީގެ ކުޅުންތެރިއެއްކަން ދައްކުވާލަދީފައި. ޕެނަލްޓީ ނާކާމިޔާބިތާ އިރުކޮޅެއް ތެރޭ ގޯލެއް ޖަހައި ގައުމަކަށް، ޓީމަކަށް ހިތްވަރު ހޯދައިދިނުން. އަހަރެން އިހުތިރާމާއެކު ބުނަން ބޭނުންވަނީ ދުވަހަކުވެސް ރިޓަޔާ ނުކުރާށޭ. ތިޔައީ އަހަންނަށް ކޮމެންޓްރީ ދޭން ޖެހުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއޭ،" އިޓަލީގެ ނޫސްވެރިޔާ ބުންޏެވެ.
މޮޑްރިޗް ޖަވާބުގައި ފުރަތަމަވެސް އިޓަލީ ބަހުން އޭނާއަށް ޝުކުރު އަދާކުރިއެވެ. ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށް މޮޑްރިޗް ބުނީ، ކިތަންމެ ކުޅޭހިތްވި ނަމަވެސް، ބޫޓު ބާލަން ޖެހޭނެ ވަގުތު އަންނާނެ ކަމަށެވެ. އެކަމަކު އަދި އެވަގުތަށް ވަކި އެއްޗެއް ބުނަން ބޭނުން ނޫން ކަމަށްވެސް މޮޑްރިޗް ބުންޏެވެ.
ޔަގީނުންވެސް މޮޑްރިޗަކީ ފަހުގެ ތާރީހުގައި ޔޫރަޕުން ފެނުނު އެންމެ ކުޅަދާނަ އެއް މިޑްފީލްޑަރެވެ. ރެއާލް މެޑްރިޑާއެކު ކްލަބު ކެރިއަރުވެސް ފުރިހަމަ ކޮށް ނިންމާފައިވާ މޮޑްރިޗަށް މިއީ ފަހު މުބާރާތަށް ވުން ގާތެވެ. އެހެންނަމަވެސް، އަދި އެކަމަށް އޮތީ އިންތިޒާރު ކުރުމެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024