ޔޫރޯ 2024 ގެ "ގްރޫޕު ބީ"ގެ ފަހު މެޗު ވެސް ކާމިޔާބުކޮށް، ސްޕެއިނުން އަލްބޭނިއާ ކަޓުވާލައިފިއެވެ.
ޖަރުމަންގެ ޑުސެލްޑޯފް އެރީނާގައި މިރޭ ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި އަލްބޭނިއާގެ މައްޗަށް ސްޕެއިނުން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. އެއް ވަގުތެއްގައި ކުޅުނު ގްރޫޕުގެ އަނެއް މެޗުގައި އިޓަލީން ވަނީ 1-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާއާ އެއްވަރުކޮށްފައެވެ.
"ގްރޫޕު ބީ" ގެ ފަހު މެޗުތަކަށްފަހު ސްޕެއިނުން ގްރޫޕު ސްޓޭޖު ނިންމާލީ ތިން މޮޅާއެކު ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ނިންމާލި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ނިންމާލި ކްރޮއޭޝިއާއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި އަލްބޭނިއާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މި ގްރޫޕުން ސްޕެއިނާއެކު އިޓަލީން ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފައިވާ އިރު، ކްރޮއޭޝިއާ އާއި އަލްބޭނިއާއަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ.
މިރޭގެ މެޗަށް ނުކުތް އިރު، ސްޕެއިނަށް އޮތީ ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ގަދަ 16 ޔަގީންވެފައެވެ. ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުގައި ކްރޮއޭޝިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ދެން ކުޅުނު މެޗުގައި އިޓަލީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
އަލްބޭނިއާއިން ފުރަތަމަ މެޗުގައި 1-0 އިން އިޓަލީ އަތުން ބަލިވި ނަމަވެސް، ކްރޮއޭޝިއާއާ އެޓީމު ވަނީ 2-2 އިން އެއްވަރުކޮށްފައެވެ. އެހެންވެ މިރޭގެ މެޗުން މޮޅުވެ، އަލްބޭނިއާއަށް އުންމީދު ހޯދެން އޮތެވެ.
ސްޕެއިނުން މިރޭގެ މެޗަށް ނުކުތީ ދިހަ ބަދަލަކާއެކުއެވެ. އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 އިން ފެނުނު އައިމެރިކް ލަޕޯޓް ފިޔަވައި، ދެން މުޅިން ވެސް ފެނުނީ އެ މެޗުގައި ބެންޗުން ފެށި ކުޅުންތެރިންނެވެ.
މެޗުގެ ކުރީކޮޅުގައި އަލްބޭނިއާ އިން ދިޔައީ ސްޕެއިންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްތަކެއް ނަގައިގެން ނުރައްކާކުރުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް އެއިން އެއްވެސް ހުރަހެއްގެ ބޭނުން އަލްބޭނިއާއަށް ހިފިފައެއް ނުވެއެވެ.
މެޗުގެ 12 ވަނަ މިނެޓުގައި ސްޕެއިނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހެސޫސް ނަވާސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، މިކެލް މެރީނޯ ބޮލުން ފޮނުވާލި ހަމަލާ، އަލްބޭނިއާ ކީޕަރު ތޯމަސް ސްޓްރަަކޯޝާ ވަނީ މަތަކޮށްފައެވެ.
އޭގެ މިނެޓެއް ފަހުން ސްޕެއިނުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޑެނީ އޮލްމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސްއެވެ. އޭނާ ފޮނުވާލި ހަމަލާ، އަލްބޭނިއާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ސްޕެއިނަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ފެރާން ޓޮރޭސް އަދި މެރީނޯ ފޮނުވާލި ހަމަލާ ވެސް އަލްބޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ހާފުގެ ފަހު މިނެޓުގައި އަލްބޭނިއާގެ ނުރައްކާތެރި ހަަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ކްރިސްޓިއަން އަސްލާނީ ފޮނުވާލި ބާރު ހަމަލާ، ސްޕެއިންގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިތާ ދެ މިނެޓު ފަހުން ސްޕެއިނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ގްރިމާލްޑޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހޯސޭލޫ ފޮނުވާލި ހަމަލާ ދިޔައީ އަލްބޭނިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 64 ވަނަ މިނެޓުގައި އަލްބޭނިއާއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އަރްމާންޑޯ ބްރޯޔާ ފޮނުވާލި އެ ހަމަލާ، ސްޕެއިންގެ ކީޕަރު ރާޔާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ވެސް އަލްބޭނިއާގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ބްރޯޔާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކްރިސްޓިއަން އަސްލާނީ ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް އަލްބޭނިއާއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބްރޯޔާ ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު ރާޔާ ވަނީ މަތަކޮށްފައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024