ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަޑައިގެންނެވުނީ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯއާއި ހުސްގޮނޑި ދައްކައިގެން ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވެއްޖެއެވެ.

އަމިއްލަފުޅު ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާއެއް ހިފައިގެން ޕީޕީއެމް/ޕީއެންސީގެ އިސްވެރިން އެ މަނިކުފާނުގެ އަރިހަށް ވަޑައިގެންނެވި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.

ޔާމީން ވިދާޅުވީ އެ ބޭފުޅުން އެ މަނިކުފާނުގެ އަރިހަށް ވަޑައިގެންނެވީ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ސިޔާސީ މަސައްކަތުގައި އުޅުއްވާތީ އެކަން ހުއްޓުވުމަށް ކަމަށާއި އެކަން އެގޮތަށް ކުރެއްވުމަށް ދެކޮޅު ހެއްދެވި ކަމަށެވެ. އަދި އެ މަނިކުފާނުގެ "މަވެތިކަމުން" 2018ގެ ރިޔާސީ އިންތިހާބު ގެއްލުނު ކަމަށް އަބްދުއްރަހީމް ދައްކަވާ ވާހަކަވެސް ގަބޫލުނުކުރައްވާ ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ތެރެއިން ރިޔާސީ އިންތިހާބަށް ކުރި މަސައްކަތެއްވިއްޔާ ކުރެއްވީ އެ މަނިކުފާނު ކަމަށް ވިދާޅުވިއެވެ.

"އަދިވެސް ގަބޫލުކުރަންޖެހޭ ދެއްތޯ އެއްކަލަ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައީ. ކީއްވެގެންތޯ އެކަން ހަނދާން ނެތިގެން މި އުޅެނީ. ހަމަ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައީ. ހުސް ގޮނޑި ދައްކައިގެން ވެރިކަމަށް އައީ. އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ނުލިބުނީ ހުސްގޮނޑިތަކުގެ ވާހަކަދައްކާނެ ކަމެއް ނެތް. އާދެވުނީ ހުސްގޮނޑީގެ ބޭނުމުގައި. އެ ޖާދުލުގައި. އެ މަސްތުގައި އައީ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ތެރެއިން އޭރު ސިޔާސީ އެންމެ އުސް ގޮނޑިއަށް އަރާވަޑައިގަންނަވަން ފަސް ވަރަކަށް ބޭފުޅުން ބޭނުންވި ކަމަށާއި އެ ބޭފުޅުންގެ ތެރޭގައި އަދިވެސް އެ ކޯޅުން އެބަ އޮތް ކަމަށެވެ.

"އެއީކީ އެއްގަލަށް އަރައިގެން ހުރިހާ ކަމެއް ފަސޭހަވެ، ފާރު ފަސޭހަވެގެން ތިބި ބައެއް ނޫނޭ. އެ ކޯޅުން އެ މީހުންގެ ތެރޭގައި އަދިވެސް އެބަ އޮތް އެނގޭތޯ،" ޔާމީން ވިދާޅުވިއެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒަށް ލިބިވަޑައިގަތުމުން، ރައީސް މުއިއްޒުގެ ރަނިންމޭޓަކީ ކޮން ބޭފުޅެއްތޯ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލަކަށް އޭރު ހުންނެވި މުހައްމަދު ތޮލާލް ކައިރިން އެއްސެވި ކަމަށާއި ތޮލާލް ނަމެއް ވިދާޅުވި ކަމަށާއި ނަމަވެސް އެ ބޭފުޅާއަށް އިތުރަށް ހޯދޭނެ ވޯޓެއް ނޯންނާނެތީ އެ ބޭފުޅާއާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ތޮލާލަށް ދެންނެވި ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ އޭރުގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު ނުވަތަ މަޖިލީހުގެ ގުރައިދޫ ދާއިރާގެ އޭރުގެ މެންބަރު ގައްސާން މައުމޫން އައްޔަންކުރެއްވުމަށް ދެންނެވި ކަމަށްވެސް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ރައީސް މުއިއްޒަށް، އެ މަނިކުފާނާއި އަނބިކަނބަލުން ފާތުމަތުވެސް ކެމްޕޭން ކޮށްދެއްވި ކަމަށާއި ނަމަވެސް ޖަލު ހުކުމުގައި ހުންނެވިއިރު އެ މަނިކުފާނުގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އެހެން ކެންޑިޑޭޓެއް ދޮންކުރި ކަމަށް އަބްދުއްރަހީމް މިހާރު އިއުތިރާފުވެފައިވާ ކަމަށެވެ.