އާންމުންނަށް ފެން ލިބުން ދަތިވުމުން ދިއްލީގެ ފެނާއި ބެހޭ މިނިސްޓަރު، ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިޔަށް ގެންދަވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.

މިނިސްޓަރު އަޓިޝީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރައްވާތާ ހޯމަ ދުވަހަށް ހަތަރު ދުވަސް ވެފައިވާއިރު އަޓިޝީގެ ސިއްހީ ހާލު ދެރަވާން ފަށާފައިވާކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. އަދި މިއަދު ހެނދުނުގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިނިސްޓަރު، އަޓިޝީގެ ޑޮކްޓަރުން އޭނާއަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދިނުމަށް ލަފާ ދީފައި ވީނަމަވެސް އަޓިޝީ ވަނީ އެކަމަށް އިންކާރުކުރައްވައި ދިއްލީއަށް ފެން ދިނުމަށް އެ ގައުމުގެ ހަރިއާނާއިން ފުރުސަތު ނުދޭހާ ހިނދަކު ހަޅުތާލު ކުރިޔަށް ގެންދެވުމަށް ނިންމަވައިފައެވެ.

އޮފިޝަލުން ވަނީ މިމަހުގެ 21 ވަނަ ދުވަހު އަޓިޝީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފަށްޓަވާފައިވާއިރު ބަރުދަނުގައި 65.8 ކިލޯ ހުރި ނަމަވެސް ހަތަރު ދުވަސްފަހުން ހޯމަ ދުވަހު ބަރުދަން ހުރީ 63.6 ކިލޯގައި ކަމަށް ފާހަގަކޮށްފައެވެ.

20 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދިއްލީ ހޫނު ގަދަވެ އެ ސިޓީގެ އާންމުންނަށް ގިނަ ދަތިތަކާއި ކުރިމަތިވެފައިވާއިރު އެ ސިޓީ ވަނީ ފެނަށް ޖެހިފައިކަމަށް އޮފިޝަލުން ބުނެއެވެ.

ދިއްލީއަށް އާންމުކޮށް ފެން ލިބޭ ޔަމްނާ ކޯރުގެ ސިއްލީ އާއި ވީފަޅީގެ ފެން މަދުވެ ހަނަފަސް ވެފައިވާކަމަށް އޮފިޝަލުން ބުނާއިރު ދިއްލީ އާއި އިންވެގެން އޮންނަ ހަރިއާނާއިން އެކޯރުގެ ބޮޑު ބައެއް ވެރިކޮށްފައިވާ ކަމަށްވެއެވެ.

ދިއްލީ ފެނަށްޖެހި އަވަށްޓެރި ހަރިއާނާއިން ފެން ގެނައުމަށް މަސައްކަތް ކުރި ނަމަވެސް އެ ސްޓޭޓުން ވަނީ ފެން ދިނުމަށް ދެކޮޅު ހަދާފައެވެ. ހަރިއާނާ ސަރުކާރުގެ އޮފިޝަލުން ވަނީ ދިއްލީ ފެނަށް ޖެހިފައިވަނީ ދިއްލީ ސަރުކާރަށް އެ ސިޓީ ހިންގަން ނޭނގުމުން ކަމަށް ބުނެފައެވެ.