ދެކުނު ކޮރެއާގައި ލިތިއަމް ބެޓެރީ އުފައްދާ ފެކްޓްރީއެއްގައި ރޯވެ 22 މީހުން މަރުވެއްޖެއެވެ.

ދެކުނު ކޮރެއާގެ ޖިއޮންގީ ޕްރޮވިންސްގެ ހުވާސެއޮންގް ގައި ހުންނަ ބެޓެރީ އުފައްދާ ފެކްޓްރީއެއްގައި ރޯވުމުގެ ސަބަބުން މަރުވި 20 މީހުންނަކީ އެހެން ގައުމުތަކުގެ މީހުން ކަމަށް އޮފިޝަލުން ބުނެއެވެ. އަދި މަރުވި މީހުންގެ ތެރެއިން ދެ މީހުންނަކީ ކޮރެއާގެ ދެމީހުންކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އިއްޔެ ހިނގި އެ ހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ހަ ގަޑިއިރު ހޭދަވި ކަމަށް އަލިފާން ނިއްވާ ޓީމުތަކާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެއެވެ.

ރެސްކިއުޓީމުތަކުން ވަނީ މަރުވި އެންމެ މީހަކު ފިޔަވައި އެހެން އެންމެން މަރުވެފައިވަނީ އަލިފާނުގައި އަނދައިގެން ކަމަށާއި އެކަކު މަރުވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބުނެފައެވެ.

އަލިފާނުގެ ހާދިސާގައި ހަތް މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާއިރު އެތަނުން ދެމީހެއްގެ ހާލު ސީރިއަސްކަމަށްވެސް އޮފިޝަލުން ބުނެއެވެ.

މި ހާދިސާގެ ތަހުގީގު ފަށާފައިވާއިރު އެތަނުގައި މަސައްކަތް ކުރާ މީހުުންގެ މައުލޫމާތު ހިމެނޭ އެއްވެސް ލިޔެކިޔުމެއް ނެތުމުގެ ސަބަބުން ތަހުގީގަށް ވަނީ ދަތިތަކާ ކުރިމަތިވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.