ދެކުނު އެމެރިކާގެ އެންމެ ބޮޑު މުބާރާތް، ކޮޕާ އެމެރިކާ 2024 ގްރޫޕް ސީގައި ރޭ ކުޅުނު މެޗުތަކުނު އުރުގުއާއީ އާއި އެމެރިކާ މޮޅުވެއްޖެއެވެ.
މި ފަހަރުގެ ކޮޕާ އެމެރިކާ މުބާރާތް އުތުރު އެމެރިކާގެ، އެމެރިކާގައި ހޯސްޓް ކުރަމުންދާއިރު، ދެކުނު އެމެރިކާ އިން ބޭރުން ކެނެޑާއާއި އެމެރިކާ ދަނީ މުބާރާތުގައި ވާދަކުރަމުންނެވެ. ރޭ އުރުގުއާއީން މިއާމީ، ފްލޮރިޑާގައި ކުޅުނު މެޗުގައި ޕެނަމާ ބަލިކުރީ 3-1ގެ ނަތީޖާ އަކުންނެވެ.
މި ފަހަރުގެ މުބާރާތަށް ދިޔައިރު އުރުގުއާއީ އަކީ ތައްޓަށް ވާދަކުރާނެ ކަމަށް ބެލެވިފައި އޮތް ޓީމެކެވެ. އެއީ މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކުގައި ބްރެޒިލާއި އާޖެންޓީނާވެސް އެ ޓީމުން ބަލި ކޮށްފައި އޮތުމުންނެވެ.
ރޭގެ މެޗު ފެށިގެން 16 ވަނަ މިނެޓުގައި ރޮނާލްޑޯ އަރައޭހޯ ޖެހި ގޯލުން އުރުގުއާއީ ލީޑު ނެގި އިރު، ދެން މެޗުގައި ފެނުނު އަނެއް ގޯލުތައް ފެނުނީ ފަހު 10 ވަރަކަށް މިނެޓުގައެވެ. ލިވަޕޫލްގެ ފޯވަޑް، ޑާވިން ނުނޭޒް އުރުގުއާއީއަށް ލީޑު ފުޅާކޮށްދިން އިރު، އެ ޓީމުގެ ތިންވަނަ ގޯލު ޖެހީ މަޓިއަސް ވީނާއެވެ. ޕެނަމާގެ ހަމައެކަނި ގޯލު މެޗުގައި ޖެހީ އަމިރް މުރީލޯއެވެ.
ގްރޫޕް ސީގައި ރޭ ކުޅުނު އަނެއް މެޗުގައި އެމެރިކާއިން ވަނީ ބޮލީވިއާ، 2-0 އިން ބަލިކޮށްފައެވެ. އެ މެޗުގައި ގޯލުތައް ޖެހީ އެމެރިކާގެ ކެޕްޓަން ކްރިސްޓިއަން ޕުލިސިޗާއި ފޮލާރިއަން ބަލޯގުންއެވެ. ދެވަނަ ގޯލަށް އެސިސްޓް ކޮށްދިނީ ޕުލިސިޗެވެ.
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ