ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރަން ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް، އެދިވަޑައިގަތުމުން އެ ފުރުސަތު އޭނާއަށް ދިނުމަށް އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ މި ފަހުން ޖިނާއީ އަދުލުގެ ނިޒާމު އަދި އެ ނިޒާމާ ގުޅޭ ގޮތުން މަޖިލީހުގެ ވިސްނުން ހުރި ގޮތް ބެލުމަށް ބޭނުންވާތީ ޖުޑިޝަރީ ކޮމިޓީއާ ބައްދަލުކުރަން ބޭނުންވާ ކަމަށް ބުނެ ސިޓީއެއް ފޮނުވައިފައެވެ.

ޝަމީމު އެދިވަޑައިގަންނަވާ ގޮތަށް އެ ފުރުސަތު ދިނުމަށް ކޮމިޓީން ނިންމީ މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ކްރިމިނަލް ކޯޓް، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވެސް ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފައެވެ.

އަދި ކަމާގުޅޭ އެހެން އިދާރާތަކުންވެސް މައުލޫމާތު ސާފުކުރުމަށްޓަކައި ކަނޑައަޅާ ތަރުތީބުން އެ ފަރާތްތަކާ ބައްދަލުކުރުމަށްވެސް ނިންމިއެވެ.