ޔޫރޯ 2024ގެ ގްރޫޕް ސްޓޭޖުގައި އަލްބޭނިއާއި ކްރޮއޭޝިއާ ވާދަކުރި މެޗުގައި ހިނގާދިޔަ ކުޅިވަރުގެ ރޫހާ ހިލާފު ކަންތައްތަކަށް އެ ދެ ގައުމުގެ ގައުމީ ޓީމު ޖޫރިމަނާކޮށް، އަލްބޭނިއާގެ ފޯވަޑް މިރްލިންޑް ޑަކޫ ދެ މެޗަށް ސަސްޕެންޑް ކޮށްފިއެވެ.
އަލްބޭނިއާއި ކްރޮއޭޝިއާ ކުޅުނު މެޗުގައި ފެނިގެން ދިޔައީ ބޯލްކަން ރީޖަންގެ ގައުމުތަކުގެ ތެރޭގައި އުފެދިފައިވާ ނުތަވަސްކަމަށް ސަޕޯޓަރުން އަޑުއުފުލި ތަނެވެ. އެ ގައުމުގެތަކުގެ ނުތަވަސްކަން ފާޅުކުރުމަށް ބައެއް ބޭއަދަބީ ބެނާތަކާއި ޗޭންޓްތައް ބޭނުންކުރި އިރު، ކްރޮއޭޝިއާއާއި އަލްބޭނިއާގެ ސަޕޯޓަރުން ވަނީ މެޗަށްފަހު ސާބިއާގެ މީހުން މަރަންވެސް ގޮވައިފައެވެ.
އެއްވަރުވެގެން ނިމުނު އެ މެޗަށްފަހު "ކިލް ދަ ސާބްސް"ގެ ޗޭންޓްތައް ސަޕޯޓަރުންގެ ފަރާތުން އަޑު އިވިފައިވާއިރު، އަލްބޭނިއާގެ ފޯވަޑް ޑަކޫ ވަނީ މެގަފޯނެއް ހިފައިގެން ބައެއް ރޫހާ ހިލާފު ޗޭންޓްތަކުގައި ބައިވެރިވެ، ސަޕޯޓަރުންނާއެކު އަޑުގަދަކޮށްފައެވެ.
ފަހުން ޑަކޫ ވަނީ އެކަމަށް މައާފަށް އެދިފައެވެ. ޑަކޫގެ އަމަލުތަކަށް މައާފަށް އެދެން ބޯލްކިންގެ އިތުރު ގައުމެއް ކަމަށްވާ ނޯތު މެސަޑޯނިއާގެ އެފްއޭއިންވެސް ވަނީ ޑިމާންޑްކޮށްފައެވެ.
އެ މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ޔޫއެފާ އިން ބަލާފައިވަނީ ކްރޮއޭޝިއާއާއި އަލްބޭނިއާއަށް ފިޔަވަޅު ނާޅައިފިނަމަ، ޔޫރޯ މުބާރާތުން ވަކިވާން ޖެހިދާނެ ކަމަށް ސާބިއާގެ އެފްއޭ އިން ބުނުމާ ގުޅިގެންނެވެ.
ފުޓުބޯޅައިގެ ރޫހާ ހިލާފު މެސެޖުތައް އާންމުކުރުމުގެ ސަބަބުން އަލްބޭނިއާ 21،250 ޕައުންޑުން ޖޫރިމަނާ ކޮށްފައިވާ އިރު، ދަނޑަށް އަރައި، ދަނޑަށް ގޮވާ ޒާތުގެ އެއްޗެހި އުކުމުން އިތުރު 19،000 ޕައުންޑުގެ ޖޫރިމަނާއެއް ވަނީ ކޮށްފައެވެ. ކްރޮއޭޝިއާ ޖޫރިމަނާ ކޮށްފައިވަނީ 23،600 ޕައުންޑުންނެވެ. އެއީ ދަނޑަށް ގޮވާ ޒާތުގެ އެއްޗެހި އުކުމުންނެވެ.
ޔޫއެފާ އިން ދަނީ ޗޭންޓްތަކާއި ބެނާތަކުގެ މައްސަލަ އިތުރަށް ބަލަމުންނެވެ. ޔޫއެފާ އިން ބުނީ އެއީ ސީރިއަސް މައްސަލަތަކެއް ކަމަށާއި އެފަދަ ކަންކަން ތަކުރާރުވާ ނަމަ ބޮޑެތި ފިޔަވަޅުތައް އަޅަން ޖެހިލުން ނުވާނެ ކަމަށެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024