މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ރާއްޖޭން 1،150 މީހުން ހައްޖަށް ދިޔައެވެ.
ހައްޖު މިޝަންއިން ބުނި ގޮތުގައި، ހައްޖުވެރިން ރާއްޖެ އަންނަން ނިންމާފައިވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ހަތަރު ދުވަހުއެވެ. އެގޮތުން ފުރަތަމަ ގްރޫޕުން 296 ހައްޖާޖީން މިއަދު އައިސްފައިވާ އިރު، ދެ ވަނަ ގްރޫޕް އަަންނާނީ މި މަހުގެ 28 ގައެވެ. ތިން ވަނަ ގްރޫޕް އަންނަ މަހުގެ އެއް ވަނަ ދުވަހު އަންނަ ގޮތަށް ހަމަޖައްސާފައިވާ އިރު، ފަހު ގްރޫޕް އަންނާނީ އަންނަ މަހުގެ ހަތަރެއްގައެވެ.
މި އަހަރު ރާއްޖޭން ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެކަކު މަރުވިއެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެފައި ވަނީ، ހައްޖު އޮޕަރޭޝަން ކާމިޔާބުކަމާ އެކު ގެންދެވުނު ކަމަށާއި އެކަން އުފަލާ އެކު ފާހަގަކުރައްވާ ކަމަށެވެ. އަދި މިއީ ހައްޖު ކޯޕަރޭޝަނުން އެންމެ ގިނަ ހައްޖާޖިން ހައްޖަށް ގެންދިޔަ ދެވަނަ ފަހަރު ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު