އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ސްޓޭޖު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެއްވަރު ވެއްޖެއެވެ.

މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ދެޓީމަށް ސެމީގެ ފުރުސަތު ލިބުނީ ގްރޫޕް އޭގެ ކުޅުން ނިމުނު އިރު، ފަސް ޕޮއިންޓް ހޯދައިގެންނެވެ. ފައިދާ ގޯލުގެ ފަރަގުން ސަސްއަށް ގްރޫޕްގެ އެއްވަނަ ލިބުނު އިރު، ޓީސީ ނިންމާލީ ދެވަނައިގައެވެ. ތިން ވަަނައިގައި މި ވަގުތު އޮތް އޮޑި ސްޕޯޓްސް ކްލަބާއި ހަތަރެއްގައި އޮތް ބުރު ސްޕޯޓްސް ކްލަބަށް، ކޮންމެ ޓީމަކަށް ޕޮއިންޓެއް ލިބިފައިވާ އިރު، މިރޭ އެ ދެ ޓީމު ބައްދަލުކުރާ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، ތާވަލުގެ އެއްވަނަ އަދި ދެވަނައަކަށް ބަދަލެއް ނާންނާނެއެވެ.

މިއަދުގެ މެޗު ފަށައިގެން ދެމިނެޓް ތެރޭގައި ސަސްއިން ލީޑޫ ނެގިއެވެ. އެ ގޯލު ކާމިޔާބު ކޮށްދިނީ މުހައްމަދު ހޫދު އަހުމަދެވެ. އެ ގޯލާއެކު ސަސްއިން ކުރީގައި އޮވެ ހާފު ނިންމާލަން ދިޔަ ނަމަވެސް އަލީ މުސްތަފާ ޖެހި ގޯލުން ޓީސީ އެއްވަރު ކުރިއެވެ.

ދެވަނަ ހާފުގައި އިތުރު ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، މެޗު ނިމެންދަނިކޮށް، ސަސްއަށް ލިބުނު ޕެނަލްޓީގައި މުހައްމަދު ނާމީ ނަޒީފް ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރު އަހުމަދު އިފްހާމް މުހައްމަދު ވަނީ މަތަކޮށްފައެވެ.