ދޫނި ރޯގާ ފެތުރޭ ގައުމުތަކުން ޖަނަވާރާއި ޖަނަވާރުން އުފައްދާ މުދާ އެތެރެކުރުން ސްރީ ލަންކާއިން ހުއްޓާލައިފިއެވެ.

ސްރީލަންކާގެ އެނިމަލް ޕްރޮޑަކްޝަން އެންޑް ހެލްތް ޑިޕާޓްމަންޓުން ވަނީ ދޫނި ރޯގާ ފެތުރޭ ގައުމުތަކުން ޖަނަވާރާއި ޖަނަވާރުން އުފައްދާ މުދާ އިއްޔެއިން ފެށިގެން އެ ގައުމަށް އެތެރެކުރުން މަނާކޮށްފައިވާކަން އިއުލާނުކޮށްފައެވެ.

އެނިމަލް ޕްރޮޑަކްޝަން އެންޑް ހެލްތް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް ޑރ ހިމާލީ ކޮތަލަވާލާ ވަނީ އެގައުމަށް އޭވިއަން އިންފްލުއެންޒާ ނުވާތަ ''އެޗް5 އެން1'' ވައިރަސް އެތެރެވުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

ސްރީ ލަންކާއާއި އަވަށްޓެރި އިންޑިއާގައި ދޫނިރޯގާ ފެތުރޭތީ، ލަންކާ އެލާޓަށް ގެނައުމަށް ދުނިޔޭގެ ސިއްހަތާ ބެހޭ މައި އިދާރާ، ޑަބްލިއުއެޗްއޯއިން މީގެ ކުރިން ވަނީ އަންގާފައެވެ.

ޑަބްލިއުއެޗްއޯއިން ވަނީ އިންޑިއާއިން އިންސާނެއްގެ ހަށިގަނޑުން ދޫނި ރޯގާ ފެނިފައިވާ ކަމަށާއި މިއީ އެގައުމުން ފެނުނު ދެވަނަ ކޭސް ކަން ފާހަގަކޮށްފައެވެ.

މިދިޔަ މަހު އޮސްޓްރޭލިއާއިން ވެސް ވަނީ އިންޑިއާއަށް ދަތުރު ކުރި އެ ގައުމުގެ ކުޑަކުއްޖެއްގެ ހަށިގަނޑުން ދޫނި ރޯގާގެ އަސަރު ފެނި ރިޕޯޓު ކޮށްފައި ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ.