ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ޓްރިވެންޑްރަމަށް ދަތުރުކުރަމުންދިޔަ މޯލްޑިވިއަންގެ ފުލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަނބުރާ ވީއައިއޭއަށް ޖައްސައިފިއެވެ.

އެ ފްލައިޓަކީ މިއަދު މެންދުރު 1:00 ގައި ވީއައިއޭއިން ނައްޓާލި ޓްރިވެންޑްރަމަށް ނައްޓާލި ފްލައިޓެކެވެ. ވީއައިއޭއިން ފުރައިގެން ދިޔަތާ ކުޑަ އިރުކޮޅެއް ތެރޭ ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަނބުރާ ވަނީ ޖައްސައިފައެވެ.

މޯލްޑިވިއަންއިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، އަނބުރާ ވީއައިއޭއަށް ލޭންޑްކޮށްފައިވަނީ ފްލައިޓު Q2700 ކަމަށެވެ. މޯލްޑިވިއަންއިން ބުނީ އެ ފުލައިޓް، ޓްރިވަންޑްރަމަށް ކުރަމުންދިޔަ ދަތުރު ކެންސަލްކޮށްފައިވާ ކަމަށެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ ފުލައިޓަށް ދިމާވި މައްސަލަތައް ބަޔާންކޮށް މިރޭ ނޫސްބަޔާނެއް ނެރޭނެ ކަމަށެވެ.

އެ ފުލައިޓަށް ދިމާވީ ކޮން މައްސަލައެއްކަން އަދި ސާފު ނުވާ ކަމަށާއި އެ ކުންފުނީގެ އިންޖިނިއަރިން ޓީމަކުން ދަނީ ދިމާވި މައްސަލަ ދެނެގަތުމަށް މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.