މެޗުގެ ރެފްރީން ކިބައިން އެދެނީ ބޮޑެތި ޓީމުތަކަށް ބަހައްޓާ ހާއްސަ ކަމާއި އެޓީމުތަކުގެ ކުޅުންތެރިންނަށް ދޭ ރައްކާތެރިކަން ހަންގޭރީ ކުޅުންތެރިންނަށްވެސް ހޯދައިދިނުން ކަމަށް ކޯޗު މާކޯ ރޮސީ ބުނެފިއެވެ.

މިރޭ ގްރޫޕް އޭގެ ފަހު މެޗުތަކަށް ނުކުންނަ އިރު، ހަންގޭރީއަށް މިހާރު އެންމެ މޮޅު ދެ ޓީމުގެ ތެރޭގައި ހިމެނޭނެ ފުރުސަތެއް ނެތެވެ. އެޓީމަށް ކިރިޔާވެސް އުންމީދެއް އޮތީ މިރޭގެ މެޗުން މޮޅުވެގެންނެވެ. އޭރުން އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނުމަށް ކުޑަ ފުރުސަތެއް ލިބިދާނެއެވެ.

އަނެއްކޮޅުން ނުކުންނަ ސްކޮޓްލޭންޑަށް ހަންގޭރީއަށްވުރެ ތަންކޮޅެއް ފުރުސަތު ބޮޑެވެ. ސްކޮޓްލޭންޑަށް ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 ޔަގީންކުރަން، ސްވިޒަލޭންޑް ޖަރުމަނު ކައިރިން ބަލިވާން ޖެހެއެވެ. އަދި އެ ފުރުސަތު ސްވިޒަލޭންޑަށް ލިބޭނީ ތާވަލުގެ ޓައި ބްރޭކިން އުސޫލުތަކަށް ބަލައިގެންނެވެ. މިރޭ ހަންގޭރީ ކައިރިން ބަލިވެއްޖެނަމަ، ދެން ސްކޮޓްލޭންޑަކަށް ގަދަ 16 އަށް ނުލިބޭނެއެވެ.

"އަހަރެމެން ބޭނުންވޭ ބޮޑެތި ޓީމުތަކުގެ ކުޅުންތެރިން ބޭނުންވާ ހިމާޔަތް. މިސާލަކަށް އިންގްލެންޑާއި ޖަރުމަނު އަދި އިޓަލީ ކަހަލަ ޓީމުތައް ކުޅޭއިރު އެޓީމުތަކާ މެދު އަމަލުކުރާ ގޮތް ތަފާތުވޭ ބައެއް ރެފްރީންގެ ފަރާތުން. އެންމެފަހުން އަހަރެމެން ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި ޖަރުމަނުން ފުރަތަމަ ގޯލެއް ޖެހީ ފައުލެއް ކޮށްފައި. އެމެޗުގައި ހުރި ޑަޗް ރެފްރީ އެކަމަށް ފަރުވާލެއް ނުދިން. އަހަަރެން އެކަންތައް މި ނަގަކީ އެކްސްކިއުސްއަކަށް ނޫން. އެ ގޯލު ނުޖެހުނަސް ޖަރުމަނު މޮޅުވާނެ. އަހަރެމެން ބޭނުންވަނީ މެޗު އޮފިޝަލުން އަބަދު އެއް ލެވެލްއެއްގައި މެޗަށް ބެލުމަށް،" ރޮސީ ބުންޏެވެ.

ރޮސީ ބުނީ ވީއޭއާރާއި އެހެނިހެން އެހީތެރިކަމާއެކު ރެފްރީކަން ކުރަމުންދާ އިރު، ޖޯޖިއާއެކޭ ހަންގޭރީއެކޭ، އިޓަލާ އާއި ޖަރުމަނު އަދި އިންގްލެންޑާ ރެފްރީންގެ ނަޒަރުގައި ތަފާތު ވެގެން ނުވާނެ ކަމަށެވެ.

ހަންގޭރީން މިރޭ އޮންނަ ގްރޫޕް އޭގެ މެޗުގައި ސްކޮޓްލޭންޑާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.