ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ އައުން ހުއްޓުވުމަކީ އިދިކޮޅު އެމްޑީޕީގެ ތެރޭގައި ހުރި ވިސްނުމެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ތަރުޖަމާނު، މަޖިލީހުގެ ކެންދޫ ދާއިރާ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން އަދި ވަކިގޮތެއް ނިންމާފައި ނުވި ނަމަވެސް އެއް އަހަރުން އަނެއް އަހަރަށް އިންތިހާބު ކުރަންޖެހޭ މަޖިލިސް މެންބަރުން އިތުރުވަމުންދާ މައްސަލަ ހައްލު ކުރުމުގެ ވިސްނުން އެ ބޭފުޅުންގެ މެދުގައިވެސް އެބަ އޮތް ކަމަށެވެ.
އޭނާ ވިދާޅުވީ މެންބަރުން އިތުރުވުން ހުއްޓުވަން ޖެހޭ ކަމަށެވެ. އެކަމަށްޓަކައި ގާނޫނު އިސްލާހު ކޮށް، މެންބަރުން އިތުރު ނުކުރެވޭ ގޮތަށް ކޮންމެސް ކަހަލަ ކެޕެއް އެޅުވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެން ޖެހޭނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަން ޖެހެއެވެ.
މިހެން އޮތުމުގެ ސަބަބުން މަޖިލީހުގެ ކޮންމެ އާ ދައުރަކަށް މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބެވި އިރު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 މެންބަރުން ވަނީ އިންތިހާބު ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ގަސްދުކުރާ ބިލްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވެސް ވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށް ވިދާޅުވެފައެވެ.
ނަަމަވެސް އެ ނިންމުން ނިންމާނީ މުޅި ގައުމަށް އެންމެ ފައިދާ ބޮޑުވާ ގޮތެއް ބެލުމަށް ފަހުގައި ކަމަށާއި މިކަމުގައި ގޮތެއް ނިންމާނީ މަޝްވަރާކޮށް، ގިނަ ބައެއްގެ ހިޔާލު ހޯދައިގެން ކަމަށް އުޝާމް ވިދާޅުވިއެވެ.
ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް މެންބަރުން އިތުރު ނުވާނެ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ހުށަހެޅުއްވިއެވެ. ނަމަވެސް އެކަން އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގޮސްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު