މިއަހަރުގެ ޔޫރޯ ކުރިން އެންމެފަހުން ބޭއްވި ޔޫރޯ 2020 ގައިވެސް ގްރޫޕް ސްޓޭޖު ފަހު މެޗަށްދިޔަ އިރު، ސްކޮޓްލޭންޑަށް އޮތީ މިރޭވެސް އޮތް ހާލަތު ކަމަށާއި އެފަހަރުގެ ފެއިލިއާއިން ފިލަވާޅެއް ލިބުނު ކަމަށް އުންމީދުކުރާ ކަމަށް ކޯޗު ސްޓީ ކްލާކް ބުނެފިއެވެ.
ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގައި ސްކޮޓްލޭންޑް ކުޅުނު ފުރަތަމަ މެޗުގައި ޗެކު ރިޕަބްލިކް ކައިރިން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި އޭގެފަހުން އިންގްލެންޑާ 0-0 އިން އެއްވަރުވި އިރު، އެންމެފަހު މެޗުގައި ކްރޮއޭޝިއާ ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. ސްކޮޓްލޭންޑަށް މުބާރާތެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައި ނުވާ އިރު، ގްރޫޕްގެ ފަހު މެޗަށް ނުކުންނަ އިރު، މިފަހަރުވެސް އޮތީ އެ ހާލަތެވެ.
ފުރަތަމަ މެޗުގައި ޖަރުމަނު ކައިރިން އޮތީ ބަލިވެފައެވެ. އަދި ދެން އެންމެފަހުން ކުޅުނު މެޗުގައި ސްވިޒަލޭންޑް ކައިރިން އެޓީމު ވަނީ އެއްވަރު ކޮށްފައެވެ. ގަދަ 16 އަށް ދާން ސްކޮޓްލޭންޑަށް ހަންގޭރީ ބަލިކުރަން ޖެހެއެވެ.
"އަހަރެމެން ތައްޔާރުވެގެން ތިބީ މި ހާލަތަށް އައިސްދާނެ ކަމަށް. ފަހު މެޗަށް ނުކުންނައިރު މިހާރު މިއޮތީ ކުރީ ފަހަރު ޔޫރޯގައިވެސް އޮތް ހާލަތުގައި. އެހާލަތުގައި ކުރީ ފަހަރު އަހަރެމެންނަށް ލިބުނީ ފިލާވަޅެއް. އެހެންވީމަ އެ ފިލާވަޅުގެ ބޭނުން ހިފައިގެން މިފަހަރު ފަހު މެޗުން މޮޅުވާން ބޭނުންވަނީ،" ކްލާކް ބުންޏެވެ.
ކޯޗު ކްލާކް ބުނީ ސްކޮޓްލޭންޑުން މިރޭގެ މެޗަށް ނުކުންނާނީ ރަނގަޅު ތަމްރީނުތަކަކަށްފަހު ރަނގަޅު ރެސްޓް ކޮށްގެން ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން ތަމްރީނުތަކުގައި އެ ކުރާ މަސައްކަތް ދަނޑަށް އަރާ ދެއްކުމަކީ ކޮންޓްރޯލްގައި އޮންނަ ކަމެއް ނޫން ކަމަށާއި ކުރީ ފަހަރުގެ ހާލަތުން މި ހާލަތަށް ފިލާވާޅެއް ލިބިފައި ވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ސްކޮޓްލޭންޑްގެ ކޯޗު ބުނީ ހަންގޭރީ އެއްވެސް ގޮތަކަށް ދަށްކޮށްލެވެން ނެތް ކަމަށާއި، އެޓީމުގެ ފަރާތުން ފަސޭހަކޮށް ދޫ ނުދޭނެ ކަމަށެވެ.
ސްކޮޓްލޭންޑާއި ހަންގޭރީ ވާދާކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024