ހައްޖުން އެނބުރި އައުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ އަރިދަފުސް ރޯގާ އާއި ވައިރަލްހުން ޖެހިފައިވާ ނަމަ ރައްކާތެރިކަން ދޭންވީ ކަންކަމާއި އެ އަލާމާތްތައް ފެންނަ ނަމަ ދެވިދާނެ ފަރުވާތައް ކިޔައިދީފައެވެ. އެގޮތުން، އެންމެ ހާއްސަ ކަމެއްގެ ގޮތުން ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގިނައިން އަތް ދޮވުމާއި ދަތުރުމައްޗާއި ހައްޖު/އުމްރާ އަދާކުރުމުގައި އުޅޭއިރު މާސްކް އަޅައިގެން އުޅުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ ހައްޖު ނުވަތަ އުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި، ހުން އައިސް ކެއްސާ، ނޭވާލާން އުނދަގޫވެ، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށް އެދޭ ކަމަށެވެ.

ރާއްޖެއިން މި އަހަރު ހައްޖުގެ އަޅުކަމަށް 1،150 މީހުން ދިޔަ އެވެ.

ހައްޖު މިޝަންއިން ބުނި ގޮތުގައި ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ މީހުން މާދަމާ އަންނަން ފަށާނެއެވެ.