ޔޫއެފާ ޔޫރޯ 2024 ގައި ބެލްޖިއަމުން ކުޅުނު ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިރޭ ރުމޭނިއާ ބަލިކޮށްފިއެވެ.
ކޮލޯން ދަނޑުގައި ކުޅުނު މެޗުގައި ބެލްޖިއަމުން ރުމޭނިއާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ ނަތީޖާއާއެކު ދެ މެޗުން ތިން ޕޮއިންޓާއެކު ބެލްޖިއަމަށް އުންމީދު ލިބުނު އިރު، ރުމޭނިއާއަށްވެސް އަދި ފުރުސަތެއް ހަންޏެއް ނުވެއެވެ.
ބެލްޖިއަމް މިރޭގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި ސްލޮވާކިއާ އަތުން ބަލިވެފައި އޮވެގެންނެވެ. އެއީ ގިނަ ބަޔަކު ހީވެސް ނުކުރާ ބައްޔެކެވެ. އެ މެޗުގައި ބެލްޖިއަމްއިން ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލި އިރު، ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ރޮމެލޫ ލުކާކޫއަށް ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އިރު، ރެފްރީގެ ނިންމުމުންވެސް އޭނާއަށް ހުރަސް އެޅިފައިވެއެވެ. އަނެއްކޮޅުން ރުމޭނިއާ މުބާރާތް ފެށީ ފޯމުގައެވެ. އެޓީމުން ފުރަތަމަ މެޗުގައި ޔުކްރެއިން ބަލިކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ބެލްޖިއަމުން މިރޭ ދިރުމެއް ހޯދަން ނުކުތް އިރު، ރުމޭނިއާ ނުކުތީ ގަދަ 16 ޔަގީން ކުރުމަށެވެ. މެޗުގައި ތަފާތު ފޯރިގަދަ ކުޅުމެއް ދެ ޓީމުންވެސް ފެނިގެން ގޮސްފައިވާ އިރު، ބެލްޖިއަމަށް ލެއްވި ނަސީބަކީ އަވަސް ގޯލެއް ޖެހުމެވެ. ފުރަތަމަ ހަމަލާގައި، ދެވަނަ މިނެޓް ތެރޭގައި ބެލްޖިއަމް މިރޭ ލީޑު ނެގިއެވެ. ރޮމެލޫ ލުކާކޫ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ބޭރުން ރުމޭނިއާ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެން ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޔޫރީ ޓީލެމަންސްއެވެ.
ޓީލެމަންސް ކުރީ ރޭ ބެންޗުން އެރި ނަމަވެސް، ލިއާންޑްރޯ ޓްރޮސާޑްގެ ބަދަލުގައި މިރޭ ފުރަތަމަ 11 އަށް ނުކުމެ، ތަފާތު ދެއްކިއެވެ.
އެ ގޯލަށް އިރުކޮޅެއްފަހުން ރުމޭނިއާއިން ނުރައްކޮށް، އެޓީމުން މަޑުން ނުތިބޭނެކަން ދައްކާލިއެވެ. މެރިއަސް މެރިން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އަންދްރޭ ބުރްކާ ބޮލުން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޮއެން ކަސްޓީލްސް ވަނީ މަތަކޮށްފައެވެ. އެހެން ނަމަވެސް ފެންވަރުގެ ގޮތުން އެޓީމަށް ބެލްޖިއަމާ ހަމަކުރުންވީ އުނދަގޫ ކަމަށެވެ. ހާފުގެ ބޮޑުބައިގައި ބެލްޖިއަމް ދިޔައީ ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުންނެވެ.
ޓީލެމަންސްގެ އިތުރު ހަމަލާއެއް ބްލޮކްވި އިރު، ލުކާކޫއަށް މިރޭވެސް ހަމަ ކުރިމަތިވީ ބަދުނަސީބާއެވެ. އޭގެ އިތުރުން ފުރަތަމަ ހާފުގައި ޑޮޑީ ލުކެބަކިއޯ ފޮނުވާލި ހަމަލާ، ރުމޭނިއާ ކީޕަރު ފްލޮރިން ނިޓާ މޮޅު ސޭވެއްކޮށް މަތަކުރި އިރު، ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފުވެސް ޑޮމިނޭޓްކޮށް ކުޅުނީ ބެލްޖިއަމެވެ. އެޓޭކްގައި އެޓީމުގެ ޑޮމިނެންސް ފެނުނު ނަމަވެސް، ރުމޭނިއާއަށް ލިބުނު ކައުންޓާ ފުރުސަތުތައް މަދެއް ނޫނެވެ. އަދި އެއީ ވަރަށް ފަހިކޮށް ލިބުނު ފުރުސަތުތަކެއްވެސް މެއެވެ.
ހާފުގެ ފުރަތަމަ މިނެޓުގައި ރުމޭނިއާގެ ޑެނިސް މޭން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކަސްޓީލްސް މަތަކުރި އިރު، ރިއަށް ގޮސް، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ވެލެންޓިން މިހައިލާ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ދެވަނަ ހާފުގައި ބެލްޖިއަމްގެ ތަރިއަކަށްވީ ކެޕްޓަން ޑި ބްރޭނާއެވެ. އޭނާގެ ފުރަތަމަ ހަމަލާ ގޯލު ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، ދެން ފޮނުވާލި ދެ ހަމަލާ ރުމޭނިއާގެ ކީޕަރު ފްލޮރިން ނިޓާ މަތަކުރިއެވެ. އަދި އޭގެފަހުން ޖެރެމީ ޑޮކޫއަށް ކަނޑާލި ރީތި ބޯޅަ އޭނާއަށް ޖެހޭ ގޮތެއް ނުވިއެވެ.
މެޗުގެ 63 ވަނަ މިނެޓުގައި ޑި ބްރޭނާ ދިން ރީތި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ރުމޭނިއާގެ ގޯލުގެ ތިރީ ކަނަކަށް ލުކާކޫ ބޯޅަ އަމާޒުކޮށްލި ނަމަވެސް، ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ. އެ ބޯޅައަށް މަސައްކަތް ކުރި އިރު، އޮފްސައިޑް މަގާމެއްގައި އޮތީ ލުކާކޫގެ ކަކުލެވެ.
ލުކާކޫއަށް އިތުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހުނު އިރު، އޭގެފަހުން ޖެހި ބޯޅަވެސް އަމާޒުވީ ކީޕަރުގެ އަތަށެވެ. ލުކާކޫގެ ފަރާތުން ހަމަލާއަކަށްފަހު ހަމަލާއެއް ބޭކާރުވެގެން ދަނިކޮށް، އަނެއްކޮޅުން ރުމޭނިއާ ވަނީ ނުރައްކާވެސް ކޮށްފައެވެ. ކައުންޓާގައި އޭރިއާ ތެރެއަށް ވަދެ، މޭން ފޮނުވާލި ހަމަލާ، ބެލްޖިއަމް ކީޕަރު ކަސްޓީލްސް ވަނީ މަތަކޮށްފައެވެ.
ބެލްޖިއަމުން އުފައްދަމުން ދިޔަ ހަމަލާތަކަށް ހައްގު ގޯލު ޖެހުނީ މެޗުގެ 80 ވަނަ މިނެޓުގައެވެ. ފަހަތުން ބެލްޖިއަމް ކީޕަރު ކަސްޓީލްސް ފޮނުވާލި ބޯޅަ، ރުމޭނިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ހޯދައި ގޯލަށް ފޮނުވާލީ ކެޕްޓަން ޑި ބްރޭނާއެވެ. ހިތްގައިމު ގޮތަކަށް ބޯޅައަށް އަރައި އޭނާ ބޯޅަ ގޯލަށް ވައްދާލީ ފަސޭހަ ޓަޗެއް ޖައްސާލައިގެންނެވެ.
އޭގެފަހުންވެސް ޓްރޮސާޑާއި ލުކާކޫގެ ހަމަލާތައް ފެނުނެވެ. އެހެންނަމަވެސް ކާމިޔާބު ވާގޮތެއް ނުވެއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024