އިޓަލީގައި މަސައްކަތް ކުރާ އިންޑިއާގެ ދަނޑުވެރިޔަކު މަރުވުމުން ބޮޑު ތަހުގީގެއް ފަށައިފިއެވެ.

އިޓަލީގެ މެދުތެރޭ ލާޒިއޯ ރީޖަންގައި ދަނޑުވެރިކަން ކުރާ ތަނެއްގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 31 އަހަރުގެ ސަތުނަމް ސިންގް މަރުވެފައިވަނީ އޭނާއާ މެދު އެ ފާމުން އިހުމާލުވުމުން ކަމަށް އޮފިޝަލުން ތުހުމަތު ކޮށްފައިވެއެވެ.

އިޓަލީގެ ނޫސްތަކުން ވަނީ ސިންގް މަސައްކަތް ކުރުމުގެ ތެރޭގައި އޭނާގެ އަތް ޕްލާސްޓިކް ރެޕް ކުރާ މެޝިނުގައި ތާށިވެ، އޭނާގެ ކަނާއަތް ފިތި، އަތް ބުރިވެ، ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމުގެ ބަދަލުގައި އެތަނުގެ ވެހިކަލަކަށް އަރުވައި ސިންގް ދިރިއުޅޭ ގޭގެ ބޭރަށް ދޫކޮށްލާފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ.

ސިންގް މަރުވެފައި ވަނީ ރޯމްގައި ހުންނަ ސަން ކަމިލޯ ހޮސްޕިޓަލުގައި މިދިޔަ ބުދަ ދުވަހު ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ސިންގް އެތަނުގައި މަސައްކަތް ކުރި ނަމަވެސް އޭނާގެ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށާއި އެ ގައުމުގައި ދިރިއުޅުމުގެ ވިސާވެސް ނެތް ކަމަށް އޮފިޝަލުން ބުނެއެވެ.

ހާދިސާއަށްފަހު އެފާމްގެ ވެރިޔާ އެންޓޮނެއްލޯ ލޮވާޓޯގެ މައްޗަށް މީހަކު މަރައި އޭނާގެ މައްޗަށް ލާއިންސާނީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި، ތަހުގީގު ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ސިންގްގެ މަރާ ގުޅިގެން އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ ވަނީ ތައުޒިޔާ ވިދާޅުވެ، އެ މައްސަލަ ތަހުގީގު ކުރުމަށް އަންގަވައިފައެވެ.