ޔޫއެފާ ޔޫރޯ ގްރޫޕް އެފްގައި ޖޯޖިއާއާއި ޗެކް ރިޕަބްލިކް މިރޭ ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
ހެމްބާގުގައި ކުޅުނު މެޗު އެއްވަރުވުމާއެކު ދެ ޓީމަށްވެސް ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ހޯދުމަށް އަމިއްލަ ބާރު ވަނީ ގެއްލިފައެވެ. އަދި މުބާރާތުން ނުކެޓި ނަމަވެސް، ދެ ޓީމަށްވެސް ގަދަ 16 އަށް ދެން އޮތީ އުނދަގޫ ފުރުސަތެކެވެ. އެއީ ދެ މެޗުން އެންމެ ޕޮއިންޓެއް ލިބުމާއެކުގައެވެ.
މިރޭ މެޗަށް ނުކުތް އިރު، ދެ ޓީމަށް ވެސް އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. ބަލިވެއްޖެނަމަ، ހަނި ފުރުސަތަކުން ނޫން ގޮތަކަށް ދެން ދެ ޓީމަށްވެސް ގަދަ 16 އަށް ދާން އުނދަގޫވާނެކަން އެނގި ތިބެ ދެ ޓީމުންވެސް ނުކުތީ އުންމީދެއް ހޯދުމަށެވެ. ޗެކުން ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ޕޯޗުގަލް އަތްދަށުވީ 2-1 އިންނެވެ. އަލަށް ބޮޑު މުބާރާތެއްގައި ވާދަކުރަމުންދާ ޖޯޖިއާއިން ފުރަތަމަ މެޗުގައި ތުރުކީ ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ޖޯޖިއާ އަދި ޗެކު ރިޕަބްލިކް ވާދަކުރި ފުރަތަމަ މެޗެވެ. އެހެންކަމުން ތާރީހުން ބުރަވެވޭނެ ވަކި ނަތީޖާއަށް މެޗަށް ނުކުތް އިރު ނެތެވެ. ޗެކުން މިރޭގެ މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ. ފުރަތަމަ 30 އަކަށް މިނެޓުގައި ޗެކުގެ ހަމަލާތައް ހުއްޓުމެއް ނެތި ފެނިގެން ދިޔައެވެ. ޖޯޖިއާ ކޮޅަށް ގޯލުތަކެއް ނުވަދެ ސަލާމަތްކޮށްދިނީ ކީޕަރު ގިއޯގީ މަމަރްޑަޝްވިލީއެވެ.
މެޗުގެ ކުރީކޮޅުގައި ޕެނަލްޓީ އޭރިއާ ތެރެއިން އެޑަމް ލޮޒެކް އަދި އޭގެ ފަހުން ޕެޓްރިކް ޝިކް ފޮނުވާލި ހަމަލާ ވެސް ކީޕަރު މަމަރްޑަޝްވިލީ މަތަކުރި އިރު، ފަސްވަނަ މިނެޓުގައި ޑޭވިޑް ޔުރަސެކް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޗެކް ފޯވަޑް ޝިކް ބޮލުން ފޮނުވާލި ހަމަލާ ވެސް ކީޕަރު މަމަރްޑަޝްވިލީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
އޭގެފަހުން މެޗުގެ 23 ވަނަ މިނެޓުގައި އެޑަމް ލޮޒެކް، ޖޯޖިއާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލޮޒެކްގެ އަތުގައި ބޯޅަ ޖެހުނު ކަމަށެވެ.
މެޗުގައި ޖޯޖިއާގެ ފުރަތަމަ ނުރައްކާވެސް ފެނުނީ ހާފު ނިމެންދަނިކޮށެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ހުސްކޮށް ހުރެ ކެޕްޓަން ގުރާމް ކާޝިއާ ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ޔިންޑްރިޗް ސްޓަނެކް މަތަކުރި އިރު، އެޓީމުން ހާފު ނިންމާލީ ސަޕްރައިޒް ލީޑަކާއެކުގައެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް، ޖޯޖިއާއަށް ލިބުނު ހިލޭ ޖެހުމުގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރި ޗެކްގެ ރޮބިން ރަނެކްގެ އަތުގައި ބޯޅަ ޖެހުމުން، ވީއޭއާރްއަށް ބެލުމަށްފަހު ރެފްރީ ޖޯޖިއާއަށް ޕެނަލްޓީއެއް ދިނެވެ.
ޖޯޖިއާއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޯޖެސް މިކައުޓަޑްޒޭ އެވެ.
ދެވަނަ ހާފަށް ނުކުމެ ޖޯޖިއާއިން ފުރަތަމަ ރަނގަޅަށް ކުޅެގަތް ނަމަވެސް، 59 ވަނަ މިނެޓުގައި ޗެކުން އެއްވަރުކުރިއެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޗެކަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޝިކެވެ. އޭނާއަށް ޕެނަލްޓީ އޭރިއާ ތެރެއިން އެ ބޯޅަ ލިބުނީ ލަޑިމިއާ ކޯފާލް ނަގައިދިން ކޯނަރަކުން އޮންދްރޭ ލިންގާ ފޮނުވާލި ހަމަލާ، ޖޯޖިއާ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ނުކުތުމާއެކުގައެވެ. އެ ގޯލަކީ ޔޫރޯގައި ޝިކް ޖެހި ހަވަނަ ގޯލެވެ.
އޭގެފަހުންވެސް އިތުރު ގޯލަކަށް ޗެކުން ނުރައްކާ ކުރި ނަމަވެސް، ޖޯޖިއާގެ ގޯލްކީޕަރު މަމަރްޑަޝްވިލީ ފެނުނީ ފޯމު ރަނގަޅު ކޮށެވެ. ޕެނަލްޓީ އޭރިއާ ބޭރުން މަޓޭއީ ޔުރަސެކް ފޮނުވާލި ބާރު ހަމަލާ، ޖޯޖިއާ ކީޕަރު މަމަރްޑަޝްވިލީ މަތަކުރި އިރު، އޭގެ އިރުކޮޅެއް ފަހުން ޗެކުގެ އިތުބާރު ފޯވަޑް ޝިކަށް އަނިޔާވެ ބާލަން ޖެހުނެވެ.
އެއީ ޗެކަށް މާޔޫސް ކަމަށްވި އިރު، އޭގެފަހުން އެޓީމުގެ އެޓޭކް ކުރިއަށްވުރެ ދަށްވިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގައި އިތުރު ގޯލެއް ފެނިގެން ނުދިޔައެވެ. އެންމެ ފަހު ސިކުންތު ޖޯޖިއާއަށް މެޗުން މޮޅުވާން މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، ގިއޯގީ ޗަކްވެޓަޑްޒޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ސަބާ ލޮބްޒަނިޑްޒޭ ފޮނުވާލި ހަމަލާ، ޗެކްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024