ޔޫރަޕުގެ އިރުދެކުނުގައި ބޯލްކަނޭ ކިޔުނު ސަރަހައްދެއް އޮވެއެވެ. މިއީ އަބަދުވެސް ކަނިބުރަބުރައި އޮންނަ ސަރަހައްދެކެވެ. މި ސަރަހައްދަށް ނިސްބަތްވާ މިހާރު 8 ގައުމެއް އެބައޮތެވެ. ސާރބިޔާ އާއި ކްރޮއޭޝިއާއެވެ. ބޮސްނިޔާ އާއި ސްލޮވީނިއާއެވެ. ނޯތު މެސެޑޯނިއާ އާއި މޮންޓެނީގްރޯއެވެ. އަދި އަލްބޭނިޔާ އާއި ކޮސޮވޯއެވެ. ދުނިޔޭގެ ބޮޑު ހަމަ ކޮންމެ ހަނގުރާމައެއްގައި މި ސަރަހައްދުގެ ކޮންމެވެސް ބައެއްގެ އަތެއް އޮވެއެވެ. ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމުގެ ސަބަބަކަށްވީ އޮސްޓްރިއާ ހަންގޭރީގެ ރަސްކަމުގެ ވަލީއަހުދު ފްރޭންޒް ފާޑިނާންޑް 1914 ވަނަ އަހަރު ބޮސްނިޔާގެ ވެރިރަށް ސަރަޔޭވޯއަށް ވަޑައިގެން އުޅުއްވަނިކޮށް ސާރބުންގެ ބަޔަކު އޭނާ އަވަހާރަކޮށްލުމެވެ. ހަމައެގޮތަށް ދެވަނަ ބޮޑު ހަނގުރާމައަށް ތެޔޮއަޅައި އިތުރަށް އަލިފާން އެންދުމަށްޓަކައި ކްރޮއޭޝިޔާ ވަނީ ހިޓްލަރުގެ ސިފައިންނާ ގުޅިގެން 1941 ވަނަ އަހަރުން ފެށިގެން 1945 ވަނަ އަހަރާ ހަމައަށް ބޯލްކަންގައި އެތައް އެތައް ކަތިލުމެއް ހިންގައިފައެވެ.

ބޯލްކަންގައި ދާދިފަހަކާ ހަމައަށް އޮތް އެންމެ ބޮޑު ގައުމަކީ ޔޫގޯސްލާވިޔާއެވެ. އެގައުމު ރޫޅިގެން ދިއުމަށްފަހު 1990 ގެ އަހަރުތަކުގެ ތެރޭގައި ހިނގި ވަރުގަދަ ހަނގުރާމައިގެ ވާހަކަ މިލިޔުމުގައި އަދި ބަޔާންކުރާނަމެވެ. މިހާރު ޔުކްރޭނާއި ރަޝިޔާގެ މެދުގައި އެހިނގާ ހަނގުރާމައިގައިވެސް ބޯލްކަނުގެ ދައުރެެއް އެބައޮތެވެ. ބޯލްކަނުގެ ގައުމުތަކުގެ ތެރެއިން ސާރބިޔާއަކީ ހަމަފާޅުގައި ރަޝިޔާއަށް ތާއީދުކުރާ ގައުމެކެވެ. ރަޝިޔާއާ އެއްކޮޅަަށް އަޑު އުފުލާ ގައުމެކެވެ. ކޮންމެއަކަސް ބޯލްކަން ސަރަހައްދުގެ އެކި ގައުމުތައް އެއްބަޔަކު އަނެއްބަޔަކާ މުޑިއަރައި ބުރަމުންދާ ކަނިކަނީގެ އަސަރު މިހާރު އެންމެ ބޮޑަށް ފާޅުވަނީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާއި ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށްދާއިރު ސްޓޭޑިއަމްތަކުންނެވެ. ބޯލްކަނުގެ ދެތިން ގައުމެއްނެތި މިއިން މުބާރާތެއް ނުކުޅެވެއެވެ. އެހެންވީމާ ކަނިބުރަނީއެވެ. މިހާރު ޖަރުމަންވިލާތުގައި ކުރިއަށްދާ ޔޫރޯގައި ކުޅޭ ސައުވީސް ޓީމުގެ ތެރޭގައިވެސް ބޯލްކަނުގެ ހަތަރު ޓީމެއް އެބަހިމެނެއެވެ.

މައްސަލަތައް އުފެދި ހަމަނުޖެހުމަށް މަގުފަހިވާ ސަބަބުތައް ގިނަގުނައެވެ. ލަނޑު ޖެހުމަށްފަހު އުފާފާޅުކުރުމަށް ކުޅުންތެރިޔަކު ގެންނަ ހަރަކާތަކީވެސް އަނެއްބަޔަކަށް ފުރައްސާރަ ކުރުމަކަށް ވެދެއެވެ. ޗޭންޖިން ރޫމުގައި ބަހައްޓާ ޗާޓެއްގައި އަނެއްބައެއްގެ ސަރަހައްދެއް ހިމެނުމަކީވެސް މައްސަލައެކެވެ. ދިދަޔަށް ފައިންއެރުމާއި ކުޅުޖެހުމަކީވެސް މައްސަލައެކެވެ. ވަކި ބާވަތެއްގެ އަންބާއެއް ކިޔުމަކީވެސް އަނެއް ބައެއްގެ ހައްގަށް އަރައިގަތުމަކަށް ވެދެއެވެ. ދެން ދެފަރާތުގެ ސަޕޯޓަރުން މާރާމާރީ ހިންގައި މުޅި ސްޓޭޑިއަމް ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެދެއެވެ. ފީފާޔާއި ޔުއޭފާއާއި ހޯސްޓްކުރާ ގައުމުގެ ސަރުކާރާއި ފުލުހުންވެސް މިކަމުގެ ތެރެއަށް ވަންނާން ޖެހިދެއެވެ. މިފަހަރުގެ ޔޫރޯވެސް އެއޮތީ މިހިސާބުގައެވެ. މުބާރާތް ފުރިހަމަނުކޮށް ސާރބިޔާގެ ޓީމު އެނބުރި ރަށަށް ހިނގައިދާނެ ކަމުގެ އިންޒާރުވެސް އެގައުމުގެ އެސޯސިއޭޝަނުން ދީފިއެވެ.

ބޯލްކަނުގެ ގައުމަކަށް ނުވިޔަސް ސުވިޒަރލެންޑުގައި ބޯލްކަނުގެ ނަސްލުތަކުގެ ކުޅުންތެރިން ގިނަކަމާއެކު ސުވިޒަރލެންޑަކީވެސް މި ހަސަދައިގެ ކަނިބުރުވާ ޓީމެކެވެ. މިކަން 2018 ގެ ވޯލްޑްކަޕުގެ ތެރެއިން ވަނީ ފެނިފައެވެ. އެފަހަރުވީ ގޮތަކީ ސުވިޒަރލެންޑުގެ ކުޅުންތެރިންގެ ތެރެއިން ޖަރުދާން ޝަކީރީ އާއި ގްރަނިތު ޖަކާ ދެބޯލީ ބާޒެއްގެ ނިޝާން ދެއްކީއެވެ. މިއީ އަލްބޭނިއާގެ ގައުމީ ނިޝާނެކެވެ. މިކަން ސާރބިޔާއަށް ހަޖަމުނުވީއެވެ. އެ ދެކުޅުންތެރިންނަކީ ސާރބިޔާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ކޮސޮވޯ ދޫކޮށް ސުވިޒަރލެންޑަށް ހިޖުރަކުރި ދެ އާއިލާއެއްގެ މެންބަރުންނެވެ. މިފަހަރުގެ ޔޫރޯގައި ވާދަކުރާ ސުވިޒަރލެންޑުގެ ޓީމުގައި އަނެއްކާވެސް މި ދެކުޅުންތެރިން އެބަހިމެނެއެވެ. ސާރބިޔާއާއި ސުވިޒަރލެންޑު ނޮކައުޓް ބުރެެއްގައި ވާދަކުރަން ޖެހިދާނެއެވެ. އަލްބޭނިޔާ އާއި ސާރބިޔާވެސް ކުޅެން ޖެހިދާނެއެވެ. ސާރބިޔާ އާއި ކްރޮއޭޝިއާވެސް ކުޅެން ޖެހިދާނެއެވެ. ގްރޫޕް ސްޓޭޖުގައި މިހާރުވެސް ސާރބިޔާ އާއި ސްލޮވީނިއާ ކުޅެފިއެވެ. ސްޓޭޑިއަމްގައި އޮތީ މުޅިންވެސް ތަޅާފޮޅުމެވެ.

ޔޫރަޕުގެ އިރުދެކުނުން ބޯލްކަނޭ ކިޔުނު ސަރަހައްދުގައި 1918 ވަނަ އަހަރުން ފެށިގެން 1991 ވަނަ އަހަރާ ހަމައަށްއޮތް ފެޑެރަލް ދައުލަތަކަށް ކިޔަނީ ޔޫގޯސްލާވިޔާއެވެ. މި ދައުލަތް އެކުލެވިފައިއޮތީ ޖުމްލަ ހަ ޖުމްހޫރިއްޔާއެއްގެ މައްޗަށެވެ. އެއީ ސާރބިޔާ، ކްެރޮއޭޝިއާ، ބޮސްނިއާ، ސްލޮވީނިއާ، މެސެޑޯނިއާ އަދި މޮންޓެނީގްރޯއެވެ. މިއިން ކޮންމެ ޖުމްހޫރިއްޔާއަކީ ނަސްލީގޮތުންނާއި ސަގާފީގޮތުން އަދި އެނޫންވެސް ގޮތްގޮތުން މުޅިން ތަފާތު ޖުމްހޫރިއްޔާއެކެވެ. މީގެތެރެއިން އެންމެ ބިޔަ އަދި އެންމެ އާބާދީބޮޑު ޖުމްހޫރިއްޔާއަކީ ސާރބިޔާއެވެ. ޔޫގޯސްލާވިޔާގެ ވެރިކަންކުރީވެސް ސާރބިޔާގައެވެ. ސާރބިޔާގެ ބެލްގްރޭޑުގައެވެ. ދުނިޔޭގެ އޮޔާއި ވަޔަށް އަންނަމުން ދިޔަ ބަދަލުތަކެއްގެ ތެރެއިން 1991 ވަނަ އަހަރު ޔޫގޯސްލާވިޔާ ރޫޅިގެން ހިނގާއްޖެއެވެ. ކްެރޮއޭޝިއާ އާއި ސްލޮވީނިއާ، އަދި މެސެޑޯނިޔާ އާއި ބޮސްނިއާ މިނިވަންކަން އިއުލާނުކޮށް ޔޫގޯސްލާވިޔާއިން ވަކިވެގެންފިއެވެ.

އެއަށްފަހު ޔޫގޯސްލާވިޔާގެ ނަމުގައިއޮތީ ސާރބިޔާ އާއި މޮންޓެނީގްރޯ އެކަންޏެވެ. ގާތްގަޑަކަށް ދެ އަހަރެއްހައި ދުވަހު އެ ދެ ޖުމްހޫރިއްޔާގެ އިއްތިހާދު ޔޫގޯސްލާވިޔާގެ ގޮތުގައި އޮތުމަށްފަހު 2003 ވަނަ އަހަރު ސާރބިޔާ އެންޑް މޮންޓެނީގްރޯގެ ނަމަށް ބަދަލުކޮށްފިއެވެ. އެގޮތުގައި ތިން އަހަރު ހޭދަވީތަނާ 2006 ވަނަ އަހަރު މޮންޓެނީގްރޯވެސް މިނިވަންކަން އިއުލާންކޮށް ވަކިވެގެންފިއެވެ. ސާރބިޔާ އެކަނިވީއެވެ. އެހިސާބުން ޔޫގޯސްލާވިޔާ ކަފުންކޮށް ސާރބިޔާވެސް އެ ޖުމްހޫރިއްޔާގެ އަމިއްލަ ނަމުގައި ހަށިފޮޅާލާފައި ބައިނަލްއަގުވާމީ މައިދާނަށް ނުކުމެއްޖެއެވެ. ޔޫގޯސްލާވިޔާ ރޫޅިގެން ދިޔުމާއެކު ބޯލްކަން ސަރަހައްދަށް ފެތުރިގެންދިޔައީ ނުރައްކާތެރި ވަރުގަދަ ހަނގުރާމައެކެވެ. މި ހަނގުރާމައަށް ކިޔަނީ ބޮސްނިއާގެ ހަނގުރާމައެވެ. ބޮސްނިއާގެ ހަނގުރާމައިގައި ޝާމިލްވީ މައިގަނޑު ގޮތެއްގައި ތިން ގައުމެކެވެ. ސާރބިޔާ އާއި ކްރޮއޭޝިއާ އަދި ބޮސްނިއާއެވެ. މި ހަނގުރާމައިގެ ސަބަބަކީ ސަރަހައްދުތަކުގެ މިލްކުވެރިިކަމެވެ.

ސާރބިޔާއިން ބޭނުންވީ ބޮސްނިއާގައި ސާރބުން ދިރިއުޅޭ އެންމެހައި ސަރަހައްދުތައް ސާރބިޔާއާ ގުޅައިލުމަށެވެ. ކްރޮއޭޝިއާއިންވެސް ބޭނުންވީ ބޮސްނިއާގައި ކްރޮއަތުން ދިރިއުޅޭ އެންމެހައި ސަރަހައްދުތައް ކްރޮއޭޝިޔާއާ ގުޅުވައިލުމަށެވެ. ބޮސްނިއާގައި އެންމެ ގިނައީ މުސްލިމުންނެވެ. ބޮސްނިއާގެ ސަރުކާރުގެ މައްޗަށްވެސް އޮތީ މުސްލިމުންގެ ބާރެވެ. ސާރބުންނާއި ކްރޮއަތުން ބޭނުންވާ ބީދައިން ބޮސްނިއާ ފޮތިފޮތިކުރާކަށް މުސްލިމުން އެއްބަހެއް ނުވިއެވެ. އެހިސާބުން އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް އުފުލައިލީ ހަތިޔާރެވެ. މި ހަނގުރާމަ ހިނގީ 1992 ވަނަ އަހަރުން ފެށިގެން 1995 ވަނަ އަހަރުގެ ނިޔަލަށެވެ. ހަނގުރާމަ ނިމުނީ ނޭޓޯއިން މިކަމުގެ ތެރެއަށްވަދެ ސާރބިޔާއަށް ބޮންއަޅައި މަޖުބޫރުކޮށްގެންނެވެ. މިއީ ރުހިގެން ގެނެވުނު ސުލްހައެއް ނޫނެވެ. މި ހަނގުރާމަ ނިމުނުތަނާ ދެން މައްސަލަ ހިލިގަތީ ސާރބިޔާގެ ތެރޭގައެވެ. ސާރބިޔާގެ ޕްރޮވިންސެއް ކަމަށްވާ ކޮސޮވޯގައެވެ. ކޮސޮވޯގައި އަޣުލަބިއްޔަތު އޮތީ ސާރބުންނަކަށް ނޫނެވެ. އަލްބޭނިއާ ދަރިކޮޅުގެ މުސްލިމުންނަށެވެ.

އަލްބޭނިޔާއަކީ ކޮސޮވޯއާ ޖެހިގެން ދެކުނަށް އޮންނަ ވަކި ގައުމެކެވެ. ކޮސޮވޯގައި ސާރބިޔާގެ ސިފައިން ހިންގި އަނިޔާވެރި އަމަލުތަކަށް ކެތްނުކުރެވިގެން އެންމެފަހުން އަލްބޭނިއާގެ މަދަދާއި ހިތްވަރުދިނުމާއެކު ކޮސޮވޯގެ ސަރަހައްދީ ސަރުކާރުން ވަނީ 2008 ވަނަ އަހަރު މިނިވަންކަން އިއުލާނުކޮށްފަައެވެ. މި މިނިވަންކަން ދުނިޔޭގެ ގިނަބަޔަކު ގަބޫލުކޮށްފިއެވެ. އެކަމަކު ސާރބިޔާއިން އެކަން ގަބޫލެއް ނުކުރެއެވެ. އަދިވެސް ސާރބިޔާއިން ދެކެނީ ކޮސޮވޯއަކީ ސާރބިޔާގެ ބައެއް ކަމުގައެވެ. ޗާޓުތަކުން ދައްކަނީވެސް ސާރބިޔާގެ ސަރަހައްދެއްގެ ގޮތުގައެވެ. ސާރބިޔާގެ ލަޝްކަރުތައް ކޮސޮވޯއަށް ނާރައި އެތިބެނީ ނާރާކަށް ނޫނެވެ. ނޭޓޯދެކެ ގަންނަ ބިރަކުންނެވެ. ކޮޮސޮވޯގެ ދިފާއު ކަށަވަރުކޮށްދެނީ ނޭޓޯއިންނެވެ. ނޭޓޯއިން އެކުލަވާލާފައިވާ ފައުޖަކުން ކޮސޮވޯގެ ހިމާޔަތުގައި ހަރަކާތްތެރިވަނީ 1999 ވަނަ އަހަރުން ފެށިގެންނެވެ. ނޭޓޯ ދުރަށްޖެހިލާއިރަށް ސާރބިޔާ އެއޮތީ ކޮސޮވޯއަށް އަރައިގަތުމަށް ތައްޔާރުވެގެންނެވެ.