ޔޫއެފާ ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުގައި މިރޭ ޖޯޖިއާ އާއި ޗެކު ރިބަޕްލިކް ކުރިމަތިލާނެއެވެ. މެޗަށް ނުކުންނަ އިރު، ދެ ޓީމަށް ވެސް އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. މިރޭ ބަލިވެއްޖެނަމަ، ހަނި ފުރުސަތަކުން ނޫން ގޮތަކަށް ދެން ދެ ޓީމަށްވެސް ގަދަ 16 އަށް ދާން އުނދަގޫވާނެއެވެ. ޗެކުން ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ޕޯޗުގަލް އަތްދަށުވީ 2-1 އިންނެވެ. އަލަށް ބޮޑު މުބާރާތެއްގައި ވާދަކުރަމުންދާ ޖޯޖިއާއިން ފުރަތަމަ މެޗުގައި ތުރުކީ ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ބާރުގައި މުބާރާތުގައި ދެމި އޮންނަން ދެ ޓީމަށްވެސް މިރޭގެ މެޗު އިންތިހާއަށް މުހިއްމު ވެފައި އޮތް އިރު، ދެ ޓީމުގެ ކޯޗުންގެ ގުޅުން ފްރާންސް ފުޓުބޯޅައިން ބޮޑެވެ. ޖޯޖިއާގެ ކޯޗު، ފްރާންސަށް އުފަން ވިލީ ސަގްނޯލަކީ އާއިލީ ގޮތުންވެސް ފުޓުބޯޅައާ ގުޅިފައިވާ ކޯޗެވެ. އޭނާ ފްރާންސްގެ އެކަޑެމީތަކުން ކުރިއަރައިގެން ޕްރޮފެޝަލް ކުޅުންތެރިއެއްގެ ގޮތުގައި ގިނަ މެޗުތަކެއް ކުޅެފައިވެއެވެ. އަރިމަތިން ފަހަތަށް ކުޅުނު ސަގްނޯލްގެ ކެރިއަރު ފެށުމަކީ ފްރާންސްގެ ސެއިންޓް އެޓިއޭންއެވެ. އެއީ ސަގްނޯލްގެ ހިތްދެވިފައިވެސް ވާ ކްލަބެވެ.
އޭގެ އިތުރުން ކުޅުންތެރިއެއް ގޮތުގައި މޮނާކޯ ފަދަ ކްލަބުތަކަށް ކުޅެ، ބަޔާން މިއުނިކްގައި ސަގްނޯލް ވިދައިވެސްލައިފައެވެ. ފްރާންސްގެ ގައުމީ ޓީމަށްވެސް 60 އަކަށް މެޗު ކުޅުނު ސަގްނޯލް ބަޔާން އާއި ފްރާންސްގެ ޓެކްނިކަލް މަގާމުތަކުގައި މަސައްކަތްކޮށް ޖޯޖިއާ ފުޓުބޯޅައާ ހަވާލުވީ 2021 ގައެވެ.
"އަހަންނަށް ޕާސަނަލީވެސް އެނގޭ ކޯޗެއް ޗެކުގެ ކޯޗު ހަސޭކަކީ. ފްރާންސްގައި ވަރަށް މަގުބޫލުވެސް ކޯޗެއް ހަސޭކަކީ. އޭނާއަކީ އަހަރެންގެ ފެވަރިޓް ޓީމު، ސެއިންޓް އެޓިއޭންގެ ކޯޗަކަށް ހުރި މީހެއް. އަހަރެން ހަސޭކަށް ވަރަށް ބޮޑަށް އިހުތިރާމް ކުރަން. އަހަރެން މެޗުގެ ކުރިން އޭނާއަށް މަރުހަބާ ކިޔާނީ ވަރަށް ހޫނުކޮށް،" ޕްރި މެޗު ޕްރެސްގައި ސަގްނޯލް ބުންޏެވެ.
ކޯޗިން ތަޖުރިބާ ބޮޑު، އުމުރުން 60 އަހަރުގެ އިވާން ހަސޭކަކީ އެކި ގައުމުތަކުގެ ކްލަބުތަކަށް ކޯޗުކަން ކޮށްދީފައިވާ ކޯޗެކެވެ. އޭނާ 2006 ވަނަ އަހަރު ސެއިންޓް އެޓިއޭންގެ ކޯޗުކަމުގައި ހުރި އިރު، ސަގްނޯލް ހުރީ ބަޔާން މިއުނިކްގެ ކުޅުންތެރިޔަކަށެވެ. އޭރު ސަގްނޯލް ގެންދަން ހަސޭކް މަސައްކަތް ކުރިއެވެ. އެއީ ސަގްނޯލްގެ ހިތުގައިވާ ކްލަބަކީ ސެއިންޓް އެޓިއޭން ކަމަށް ވާތީއެވެ. އެހެންނަމަވެސް އެ މަސައްކަތްވީ ނާކާމިޔާބެވެ.
"އަހަރެން ސެއިންޓް އެޓިއޭންގެ ކޯޗަކަށް ހުރި އިރު، އަހަރެމެން ވަރަށް މަސައްކަތް ކުރި ސަގްނޯލް ގެންދަން. އެކަމަކު އެންމެ ފަހުވަގުތު އެކަން ކާމިޔާބެއް ނުވި. ސަގްނޯލަކީ ފްރާންސާއި ޖަރުމަނު ފުޓުބޯޅަ ރަނގަޅަށް ދަންނާނެ ކޯޗެއް. އެއީ އޭނާގެ ފުޓުބޯޅަ ސްކޫލްތަކަކީ. އޭނާއަށް ވަރަށް ރަނގަޅަށް ފުޓުބޯޅަ އެނގޭނެ. އެއީ ޖޯޖިއާގެ ކޯޗުކަމަށް އެންމެ ރަނގަޅުވެސް މީހާ،" މެޗުގެ ކުރިން ހަސޭކް މީޑިއާއަށް ބުންޏެވެ.
މެޗާ ގުޅޭގޮތުން ހަސޭކް ބުނީ ޖޯޖިއާއަކީ ހަލުވި އެޓޭކިން ކުޅުންތެރިންތަކެއްގެ ޓީމެއް ކަމަށާއި ޖޯޖިއާ ތުރުކީ ކައިރިން ބަލިވިޔަސް، އެ ޓީމަކީ ފެންވަރުގެ ގޮތުން ބަލި ޓީމެއް ނޫން ކަމަށެވެ. އަނެއްކޮޅުން ސަގްނޯލް ބުނީ ޗެކުގެ ބަލި ފަޔާއި ވަރުގަދަ ކަންކަންވެސް ރަނގަޅަށް އެނގޭ ކަމަށެވެ. އެހެން ނަމަވެސް ކޮންމެ މެޗަކީވެސް ތަފާތު މެޗަކަށްވާތީ މެޗު ތެރެއިން ޓީމަށް ބަދަލު ގެނެވެން ޖެހޭނެ ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.
ސަގްނޯލާއި ހަސޭކްގެ ވާދަވެރިކަން ފެނިގެންދާ ޖޯޖިއާ އާއި ޗެކު ވާދަކުރާ ގްރޫޕް ސްޓޭޖު މެޗު އޮންނާނީ މިއަދު ހަވީރު 6:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024