ފުރަތަމަ މެޗުގައި ހޯދި ތާރީހީ މޮޅާއެކު، މުޅި ގައުމު އެކުގައި ގައުމީ ފުޓުބޯޅަ ޓީމާއެކުގައި ތިބިކަން ޔަގީން ވެއްޖެ ކަމަށާއި މިފަހަރުގެ ޔޫރޯގައި ތާރީހު ލިޔެލަން އެއީ ބޮޑު ހިތްވަރެއް ކަމަށް ކޯޗު، އެޑްވާޑް ލޯޑަނެސްކޫ ބުނެފިއެވެ.
ރުމޭނިއާއިން މިފަހަރު ޔޫރޯގެ ގްރޫޕް ސްޓޭޖު ފެށީ ޔުކްރެއިން ކައިރިން 3-0 އިން ބޮޑު މޮޅެއް ހޯދައިގެންނެވެ. އެ މެޗުގައި ރުމޭނިއާގެ ރޫހާއި ގައުމީ ޖޯޝު ފެނިގެން ދިޔައެވެ. އެއީ 24 އަހަރަށްފަހު ރޮމޭނިއާއިން ޔޫރޯގައި ހޯދި ފުރަތަމަ މޮޅުވެސް މެއެވެ. 2،000 ވަނަ އަހަރު އިންގްލެންޑް ކައިރިން ރުމޭނިއާ ހޯދި މޮޅާ އެކު ގަދަ 16 އަށް ދިޔަ ފަހުން އަދި ޔޫރޯގެ ގަދަ 16 އަށްވެސް އެޓީމު ދަތުރު ކޮށްފައެއް ނުވެއެވެ. އެޓީމަށް މިރޭ ބެލްޖިއަމް ބަލިކޮށް، އެ ތާރީހު ލިޔެލުމަށް ފުރުސަތު އެބައޮތެވެ.
"އަހަންނަށް އެނގޭ، އަހަންނަށް އިހުސާސް ކުރެވޭ، ފުރަތަމަ މެޗުން ހޯދުނު ބޮޑު މޮޅާ އެކު މުޅި ރުމޭނިއާ އެކުގައި މިހާރު އަހަރެމެން ފަހަތުގައި ތިބިކަން. އަހަރެމެންގެ ގައުމުގައި ތިބި އެންމެންނަށް މި ޓީމާ ދޭތެރޭ އުންމީދު އާވެއްޖެ. މިފަހަރު މުބާރާތުގައި ތާރީހު ލިޔެލަން އެއަށްވުރެ ވަކި ބޮޑު ހިތްވަރެއް ނެތް. ތާރީހު ލިޔެލެވޭނެ،" ލޯޑަނެސްކޫ ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
އޭނާ ވަނީ ބެލްޖިއަމްގައި ތިބި ކުޅުންތެރިންގެ ފެންވަރަށް ވެސް ޕްރެސްގައި ވާހަކަ ދައްކައިފައެވެ. ލޯޑަނެސްކޫ ބުނީ ބެލްޖިއަމްއަކީ މިވަގުތު ވެސް ދުނިޔޭ ރޭންކިންގެ ތިންވަނައިގައި އޮތް ޓީމު ކަމަށާއި ކެވިން ޑި ބްރޭނާ ފަދަ ވަރުގަދަ ކުޅުންތެރިން މަޖުބޫރު މޮޅެއް ހޯދަން ނުކުތުމުން، އެޓީމު ހިފަހައްޓަން އުނދަގޫވާނެ ކަމަށެވެ. އެހެން ނަމަވެސް ފޮތުގައި އޮތް ފެވަރިޓުންނަށް ނުބަލާ ރުމޭނިއާ ކުޅޭނީ ވަރުގަދަ ފުޓުބޯޅައެއް ކަމަށްވެސް ލޯޑަނެސްކޫ ބުންޏެވެ.
ރުމޭނިއާ އާއި ބެލްޖިއަމް ވާދަކުރާ މެޗު އޮންނާނީ މިރޭ މެންދަމު ރާއްޖެ ގަޑިން 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024