ޔޫއެފާ ޔޫރޯ 2024 ގައި މިރޭ ކުޅުނު މެޗުގައި އޮސްޓްރިއާއިން ޕޮލެންޑް ބަލިކޮށްފިއެވެ.

ބާލިންގައި މިރޭ ކުޅުނު މެޗުގައި އޮސްޓްރިއާއިން ޕޮލެންޑް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ ނަތީޖާއާއެކު ދެ މެޗުން ތިން ޕޮއިންޓް އޮސްޓްރިއާއަށް ލިބި އެޓީމަށް ވަނީ ގަދަ 16 އަށް އުންމީދު އާވެފައެވެ. ޕޮލެންޑަށް ދެ މެޗުން ޕޮއިންޓެއް ނުލިބި، އެޓީމު އޮތީ ކެޓުމާ ގާތުގައެވެ. އެޓީމަށް ކިރިޔާވެސް ފުރުސަތެއް އޮތީ ތިންވަނައަށް ޖެހި ފުރުސަތެއް ހޯދުމެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ޕޮލެންޑް އޮތީ ފުރަތަމަ މެޗުގައި ނެދަލޭންޑްސް ކައިރިން ބަލިވެފައެވެ. އެއީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ނެދަލޭންޑްސްއިން ޕޮލެންޑް ކޮޅަށް ދެވަނަ ގޯލު ޖެހީ ފަހު ވަގުތުއެވެ. އޮސްޓްރިއާވެސް އޮތީ ފުރަތަމަ މެޗުގައި ބަލިވެފައެވެ. އެއީ ފެވަރިޓެއް ކަމަށްވާ ފްރާންސް އަތުންނެވެ. މެޗުގައި އޮސްޓްރިއާ ރަނގަޅަށް ކުޅުނު ނަމަވެސް ބަލިވީ 1-0 ގެ ނަތީކާއަކުންނެވެ.

މެޗުން ނަތީޖާ ނެރުން ދެ ޓީމަށްވެސް މުހިއްމުވެފައި އޮތް އިރު، ޕޮލެންޑް ސަޕޯޓަރުން އެންމެ ބޮޑަށް އިންތިޒާރުކުރީ ރޮބާޓް ލެވަންޑޯސްކީ ފުރަތަމަ 11 ގައި ހިމެނޭތޯއެވެ. ލެވަންޑޯސްކީ މިރޭގެ މެޗުގެ ފުރަތަމަ 11 އަށް ނުކުމެފައި ނުވި ނަމަވެސް، ދެވަނަ ހާފުގައި އޭނާ ކުޅުމަށް ނެރެފައިވެއެވެ.

މެޗުގެ ފުރަތަމަ 10 ވަރަކަށް މިނެޓުގައި މުޅި މެޗު ކުޅުނީ އޮސްޓްރިއާއެވެ. ސްޓެފަން ޕޮޝް، ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ ޕޮލެންޑް ކީޕަރު ވޮޖްސިއެޗް ސެޒްނީގެ އަތަށެވެ. އޭގެފަހުން މާކޯ އާނަޓޮވިޗަށް ލިބުނު ފުރުސަތު، އޭނާ އަތުން ގެއްލުނު އިރު، ނުވަ ވަނަ މިނެޓުގައި އޮިސްޓްރިއާއިން ލީޑު ނެގިއެވެ. ފިލިޕް މުވޭނީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އޮސްޓްރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ގާނޮޓް ޓްރައުނާއެވެ.

އޭގެ އިރުކޮޅެއް ފަހުން ޕޮލެންޑްގެ ނުރައްކާ ބޮޑަށް ފެނިގެން ގޮސްފައިވެއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޕޮލެންޑް ކެޕްޓަން ޕިއޮޓާ ޒީލެންސްކީ ފޮނުވާލި ހަމަލާ، އޮސްޓްރިއާ ޑިފެންޑަރު މުވޭނީ ވަނީ ބްލޮކްކޮށްފައެވެ. އަދި ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ނިކޮލާ ޒަލޭވްސްކީ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

އެ ހަމަލާތަކުން ޕްރެޝަރުކޮށް، ޕޮލެންޑުން ވަނީ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. 30 ވަނަ މިނެޓުގައި ޕޮލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކްރީސްޓޮފް ޕިއަޓެކެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޔޭން ބެޑްނަރެކް ފޮނުވާލި ހަމަލާއެއް އޮސްޓްރިއާ ޑިފެންޑަރު ގާނޮޓް ޓްރައުނާ ބްލޮކްކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުންނެވެ.

ދެ ޓީމުން ވެސް ދެވަނަ ހާފަށް ނުކުތީ ބަދަލަކާއެކުއެވެ. ޕޮލެންޑުން ޔަކުބް ޕިއޮޓްރޯވްސްކީގެ ބަދަލުގައި ކުޅެން ނުކުތީ ޔަކުބް މޮޑާއެވެ. އަދި އޮސްޓްރިއާ އިން ފްލޯރިއަން ގްރިލިޗްގެ ބަދަލުގައި ކުޅެން ނުކުތީ ޕެޓްރިކް ވިމާއެވެ.

ދެވަނަ ހާފުގައި އޮސްޓްރިއާއިން މެޗުގެ އޮއިވަރު ބަދަލުކޮށްލިއެވެ. އެޓީމުން ޕްރެސިން އިތުރުކޮށް، މާ ބޮޑަށްވެސް ބުންވަރު ރަނގަޅުކޮށް ކުޅެން ފެށިއެވެ. އެ ޕްރެސިންނާއެކު ޕޮލެންޑްގެ ފަހަތަށް ބާރު ބޮޑުވެ، އޮސްޓްރިއާއިން ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އޮސްޓްރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކްރިސްޓޮފް ބައުމްގާޓްނާއެވެ.

އަދި އޭގެ ދިހަ މިނެޓް ފަހުން، މެޗުގެ 77 ވަނަ މިނެޓުގައި އޮސްޓްރިއާއަށް ޕެނަލްޓީއެއް ލިބި އެޓީމުން މެޗުގެ ލީޑު އިތުރަށް ފުޅާކުރިއެވެ. އޮސްޓްރިއާއަށް އެ ޕެނަލްޓީ ލިބުނީ ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ނައްޓާލުމަށް މަސައްކަތްކުރަނިކޮށް، ސަބިޓްޒާއަށް ޕޮލެންޑް ކީޕަރު ސެޒްނީ ކުރި ފައުލަކާ ގުޅިގެންނެވެ. އޮސްޓްރިއާ ކެޕްޓަން އާނަޓޮވިޗްގެ ޕެނަލްޓީ އަމާޒުކޮށްލީ ޕޮލެންޑް ގޯލުގެ ތިރީ ކަނަކަށެވެ.

ރަލްފް ރަންގްނިކްގެ ސްޓައިލް އޮސްޓްރިއާއިން މެޗުގައި ދައްކާލާފައިވާ އިރު، ތިންވަނަ ގޯލަށް ފަހުވެސް އެޓީމުން ނުރައްކާ ކުރިއެވެ. ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން ޕޮލެންޑް ކީޕަރު ސެޒްނީ ކައިރިން ނައްޓާލުމަށްފަހު ކޮންރާޑް ލައިމާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ހުރަސްކޮށް ބޭރަށެވެ. އަދި ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ޕޮޝް ފޮނުވާލި ހަމަލާ، ގޯލުގެ ކަނަކަށް އަމާޒުވާން ދަނިކޮށް ޕޮލެންޑް ކީޕަރު ސެޒްނީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.