ޖަރުމަނުގައި ޔޫރޯގެ މެޗުތައް ކުޅޭ ފްރޭންކްފާޓް އެރީނާ ދަނޑުގެ ވިނަގަނޑުގެ މައްސަލަ ހައްލު ކުރަން ޔޫއެފާއިން މަޝްވަރާ ކުރާނެ ކަމަށް ބުނެފިއެވެ.

މިފަހަރުގެ ޔޫރޯ ބާއްވަމުންދާ ޖަރުމަނުގެ ފްރޭންކްފާޓް ދަނޑުގެ މައްސަލަ މުބާރާތް ފުރަތަމަ ފެށުމުގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ. އެ ދަނޑުގައި ފުރަތަމަ މެޗު ކުޅެން އޮތް ނެދަލޭންޑްސް އާއި ޕޮލެންޑަށް ވެސް މެޗު ކުރިން ފަރިތަކުރަން ދީފައެއް ނުވެއެވެ. އެފެހަރު ޔޫއެފާއިން ބުނީ ދަނޑުގެ ވިނަގަނޑު އާކުރީ ސީދާ ޔޫރޯއަށް ކަމަށްވުމުން، ދަނޑުގައި އޭރު ތަމްރީނު ކުރަން ދެވެން ނެތީ ކަމަށެވެ.

ރޭ އިންގްލެންޑުން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި ދަނޑު މާ ބޮޑަށް ޗަކަސްވެ، ކުޅުންތެރިން ކައްސާލިތަން ވެސް ފެނިފައިވެއެވެ. އަދި ދަނޑުގެ ވިނަގަނޑުން ބައިބައި ނައްޓާލާފައި އޮތްތަން ވެސް ފެނިގެން ގޮސްފައިވެއެވެ. އެ ވިނަތައް ނަގަން މެޗަށްފަހު ދަނޑުގެ ގްރައުންޑް ސްޓާފުން ކުރި މަސައްކަތުން، ބޮޑެތި ވިނަގަނޑުގަނޑު އެއްކޮށް ނަގަން ޖެހިފައިވެއެވެ.

އެ މައްސަލައިގައި ޔޫއެފާއިން ބުނެފައި ވަނީ ކުރިއަށް ހުރި މެޗުތަކަށް ދަނޑުގެ ވިނަގަނޑު ރަނގަޅު ކުރުމަށް ހައްސަ ޕްލޭނެއް އެކުލަވާލައި، އެކަމަށް މަޝްވަރާ ކުރާނެ ކަމަށެވެ.

އޭގެ އިތުރުން ޔޫއެފާއިން ބުނީ އެ އިދާރާ އާއި މިނިވަން ޕިޗް ކޮންސަލްޓެންޓާ އެކު ފްރޭންކްފާޓްގެ ދަނޑު ބަލަހައްޓަމުންދާ ފަރާތްތަކާ އެކު މިހާރު ވެސް ވިނަގަނޑު ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މުބާރާތުގެ ކުރިން ދަނޑުގެ ކޮންޑިޝަން ރަނގަޅަށް ޓެސްޓް ކުރި ނަމަވެސް، ބައެއް މައްސަލަތައް ފާހަގަވެ، އަލުން އެ ޓެސްޓްތައް ކުރާނެ ކަމަށްވެސް ޔޫއެފާއިން ބުންޏެވެ.

ފްރޭންކްފާޓްގެ ދަނޑުގެ ވިނަގަނޑުގެ މައްސަލައިގައި އެ ސްޓޭޑިއަމްގެ ފުރާޅު ކުރިއަށް ހުރި މެޗުތަކުގައި ބަންދު ކުރަން ވެސް އިރުޝާދު ދީފައިވެއެވެ.

ޝެފީލްޑް ހަލަމް ޔުނިވާސިޓީގެ ސްޕޯޓްސް އިންޖިނިއަރިން ރިސާޗް ގްރޫޕްގެ ޕްރޮފެސާ ސްޓީވް ހާކޭ ބުނީ 58،000 މީހުން އެއް ފަހަރާ ދަނޑަށް ވަދެ، ސަޕޯޓްކޮށް، ހަޅޭލަވާ ހެދުމުން ދަނޑުގެ ވައިގެ ތެއްކަން އިތުރުވާނެ ކަމަށެވެ. މޫސުމީ ތެއްކަމާއި އެ ތެއްކަން އެކުވެ، ދަނޑުގެ ވިނަގަނޑަށް އޭގެ އަސަރު ކުރާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެއީ ހިއުމިޑިޓީ މާ މަތިވުމުންނެވެ.

އެހެން ނަމަވެސް މެޗުތައް ނިމުމުން ވީހާވެސް ބޮޑަށް އިރުގެ އަލި ދަނޑަށް ބޭނުންވާ ކަމަށްވެސް ރިސާޗް ކުރި މީހުން ބުނެފައިވެއެވެ.

ފްރޭންކްފާޓްގެ ދަނޑުގައި އަދިވެސް ޔޫރޯގެ އިތުރު މެޗުތަކެއް ކުޅޭނެއެވެ. އެންމެ އަވަހަށް ދެން ކުޅޭނެ މެޗަކީ ޖަރުމަނާއި ސްވިޒަލޭންޑް ގްރޫޕް އޭގައި ވާދަކުރާ މެޗެވެ.