(14 ޖޫންގެ އަދަދާ ގުޅޭ)
ނަމަވެސް بــئـرمـعــــونـــة އާއި رجـيــع ގެ ހިތާމަވެރި ހާދިސާއަކީ (އަލްމިއްޔާއަކީ) އޭގެސަބަބުން މުސްލިމުންގެ ތާރީޚު އައުގޯޅިޔަކަށް އަނބުރައިލި ދެ ހާދިސާއެކެވެ. އެދެ ހާދިސާގެ ސަބަބުން މުސްލިމުންވަނީ ޤަތުލުކުރުމުގެ ރޭވުންތަކާއި ޢަހްދު އުވާލުމާމެދު ވަރަށްބޮޑަށް ޙައްސާސުވެފައެވެ. މުސްލިމުންތިބީ އެފަދަ ޖަރީމާތައް ހިންގާ މީހުންގެ ކިބައިން ބަދަލުހިފަން ވަރަށް ވަރުގަދަޔަށް ޢަޒުމު ކަނޑައަޅައިގެންނެވެ. ނަޟީރުވަންހައިގެ މީހުންވަނީ ތަކުރާރުކޮށް އެތައްފަހަރަކު ޢަހްދާ ޚިލާފުވެފައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޝަހީދުކުރާން އެތައްފަހަރަކު ރާވައި އެކަމަށް ޢަމަލީސިފަ ގެންނާން މަސައްކަތް ކޮށްފައެވެ. އެހެންކަމުން މުސްލިމުން ކަނޑައެޅީ ނުކުމެދާނެ ނަތީޖާއަކަށް ނުބަލައި ނަޟީރުވަންހައިގެ މީހުނާ ހަނގުރާމަ ކުރާށެވެ. އެހެންކަމުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް ނަޟީރުވަންހައިގެ ރައީސް حُــيَـيُّ بــن أخطب ގެ ޖަވާބު އައުމާއެކު މުސްލިމުން اللّــــه أكـبــــــر ގެ ނައުރާކުރަމުން ހަނގުރާމަޔަށްޓަކައި ތެދުވެގެންފޫއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާގެ އިންތިޒާމުތައް ޙަވާލުކުރެއްވީ إبـــن أمّ مـكــتــــوم رضـــى اللّــــه عــنـــــه އާއެވެ. އިތުރު ސާހިބާގެ ދިދަކޮޅުދެއްވީ عــلــــى بـــن أبـــــى طـالـب رضـــى اللّــــه عــنـــــه އަށެވެ. (އައްރަޙީޤުލްމަޚްތޫމި، މައުލާނާ ސަފިއްޔުއްރަޙްމާނު މުބާރިކުޕޫރީ)
ނަޟީރުވަންހައިގެ މީހުންގެ ބޯހަރުކަމާއި ބޮޑާކަމުގެ އެތައް ސަބަބުތަކެއްވެއެވެ. އޭގެތެރެއިން އެއްސަބަބަކީ އެބައިމީހުންގެ ކިއްލާތަކުގެ ވަރުގަދަކަމެވެ. އެކަމަކު ނަޟީރުވަންހައިގެ މީހުންނަށް ކުރެވުނީ ކުށްހީތަކެކެވެ. ޤުރައިޡަތުވަންހައިގެ މީހުން އެބައިމީހުންނަކާ ބައިވެރިއެއް ނުވިއެވެ. މުނާފިޤުންނަކަށްވެސް ފާޅުގައި މުސްލިމުންނާ ހަނގުރާމަޔަށް ނުކުންނާކަށެއް ނުކެރުނެވެ. ނަޟީރުވަންހައިގެ މީހުން އެބައިމީހުންގެ ކިއްލާތަކަށްވަދެ ރައްކައުތެރިވެގަތެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކިއްލާތައް ޙިޞާރުކުރައްވައިފިއެވެ. އެ ކިއްލާތަކުގެ ވަށައިގެންހުރި ކަދުރު ބަގީޗާތައް ވެފައިވަނީ އެބައިމީހުންގެ އައްޑަނަތަކެއް ކަމުގައެވެ. އެހެންކަމުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އޭގެތެރެއިން ބައެއް ރުއްތައް ކަނޑުއްވައިލެއްވިއެވެ. سهـيــلـــى ގެ روض الأنـف ގައި ލިޔުއްވައިފައިވަނީ ކިއްލާތަކުގެ ވަށައިގެންހުރި ހުރިހައި ކަދުރު ރުއްތަކެއް ކެނޑުއްވި ކަމުގައެވެ. އެކަމަކު ކަނޑުއްވައިފައިވަނީ ވަކިބާވަތެއްގެ ރުއްތަކެކެވެ. لـيــنـــة އެވެ ކިޔޭ ބާވަތުގެ ރުއްތަކެވެ. لـيــنـــة އަކީވެސް ކަދުރުގެ ވައްތަރެކެވެ. އެކަމަކު އެއީ ޢަރަބީން ޢާންމުކޮށް ކައިއުޅޭ ބާވަތެއް ނޫނެވެ. މުސްލިމުން ކެނޑީ އެބާވަތުގެ ރުއްތަކެވެ. ކިއްލާތައް ޙިޞާރުކުރުމުގައި ހުރަހަކަށްވިޔަ ނުދިނުމަށްޓަކައެވެ. (ސީރަތުއްނަބިއްޔު، ޢައްލާ ޝިބްލީ ނުޢުމާނީ، ސައްޔިދު ސުލައިމާން ނަދުވީ)
ކީރިތި ޤުރްއާނުގައިވެސް އެ ހާދިސާ ވަނީ ބަޔާންކުރައްވައިފައެވެ.
"ތިޔަބައިމީހުން ކަނޑައިލި ކޮންމެ لـيــنـــة އަކާއި (ކޮންމެ ކަދުރު ރުކަކާއި) ނުވަތަ ނުކަނޑައި އޭގެ ބުޑާއެކު ކޮޅަށްހުރުމަށް ދޫކޮށްލި ކޮންމެ لـيــنـــة އެއް (ކަދުރު ރުކެއް އެކަނޑައިލީ ނުވަތަ ނުކަނޑައި ދޫކޮށްލީ) ފަހެ، اللّــــه ގެ އިޒުނަފުޅަށެވެ. އަދި ފާސިޤުވި މީހުން ދެރަކޮށް، ނިކަމެތިކޮށްލުމަށްޓަކައެވެ." (الحــثـــــــر: 5)
ނަޟީރުވަންހައިގެ މީހުން ކިއްލާގެ ފާރުމަތީން ހިލަޔާއި ދުނި އުކިއެވެ. އެކަމަކު މުޙާޞިރާ މާކަދިގެއް ނުވިއެވެ. މުޙާޞިރާ ދެމިއޮތީ އެންމެ ހަރޭހަދުވާ ވާންދެނެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން ފަނަރަރޭ ފަނަރަދުވާ ވާންދެނެވެ. އަރަހުށި މާތް اللّــــه އެބައިމީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަވައިފިއެވެ. އެބައިމީހުން މުސްލިމުންނާމެދު ޖެހިލުންވެ ހިތްވަރު އެލިއްޖެއެވެ. ހަތިޔާރު ބަހައްޓާން އެއްބަސްވެއްޖެއެވެ. އެބައިމީހުން މަދީނާއިން ފައިބައިގެންދާން ތައްޔާރަށްތިބި ވާހަކައިން އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް ޚަބަރު ފޮނުވައިފިއެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެބައިމީހުންގެ ދެންނެވުމުން ޤަބޫލުކުރެއްވިއެވެ. އަނބިދަރީން ގޮވައިގެން ހަތިޔާރުނޫން އެހެން ހުރިހައި މުދާތަކެއް ޖަމަލުތަކަށް އަރުވައިގެން ގެންދެވުނު ވަރަކަށް ހިފައިގެންދާން ހުއްދަ ދެއްވިއެވެ. ނަޟީރުވަންހައިގެ މީހުން އެގޮތް ޤަބޫލުކޮށް ހަތިޔާރު ބަހައްޓައިފިއެވެ.
ނަޟީރުވަންހައިގެ މީހުން އެބައިމީހުންގެ ގެދޮރު އަމިއްލަޔަށް ހަލާކުކޮށް ރޫޅައިގެން ޖަމަލުމައްޗަށް އަރުވައިގެން ގެންދާން ދަތުރު ހަދާންފަށައިފިއެވެ. ބައެއްމީހުން ގޭގެ މަތިވަޑާންގަނޑާއި ފާރުތަކަށް ޖަހައިފައިހުރި މޮހޮރުތަކަށް ދާންދެން ގެންދިޔައެވެ. އެންމެފުރަތަމަ އަނބިދަރީން ސަވާރުކުރުވުމަށްފަހު އެބައިމީހުންގެ ފަހަތުން ހަސަތޭކަ ޖަމަލަށް މުދާ ބަރުކޮށް ގެންދިޔައެވެ. އެބައިމީހުން ނުކުމެގެންދިޔައީ ސަމާއެކޭ ބުނެވޭފަދަ ގޮތަކަށެވެ. ނަށަމުން ލަވަކިޔަމުންނެވެ. ބެރުޖަހަމުންނެވެ. މަދީނާގެ އަހްލުވެރީން ބަޔާންކޮށްފައިވާ ގޮތުގައި އެވަރަށް މުދާ ބަރުކޮށްފައިހުރި ސަވާރީތަކެއް މަދީނާގެ އަހްލުވެރީން އޭގެކުރިޔަކު ދެކެފައެއް ނުވެއެވެ.
ކީރިތި ޤުރްއާނުގެ ޢިބާރާތުން އެވާހަކަ ވިދާޅުވެލައްވާށެވެ.
"އެކަލާނގެއީ ފޮތުގެ އަހްލުވެރީންކުރެ ކާފިރުވި މީހުން ފުރަތަމަ ޙަޝްރުގެ ދުވަހު، އެއުރެންގެ ގެދޮރުން ނެރެލެއްވި ރަސްކަލާނގެއެވެ. އެއުރެން ނުކުންނާނެކަމަކަށް ތިޔަބައިމީހުން ހިއެއްނުކުރަމުއެވެ. އަދި އެއުރެން ހީކޮށްގެންތިބީ، އެއުރެންގެ ކިއްލާތައް، اللّــــه ގެ ބާރުވެރިކަމުން އެއުރެން ރައްކައުތެރިކޮށްދޭނެ ކަމަށެވެ. ފަހެ، އެއުރެންގެގާތަށް اللّــــه ގެ ޢިޤާބުއައީ، އެއުރެން ހީވެސްނުކުރާ ފަދަޔަކުންނެވެ. އަދި އެކަލާނގެ އެއުރެންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. އެއުރެންގެ އަމިއްލަ އަތްތަކުން އެއުރެންގެ ގެދޮރު ހަލާކުކުރަމުން ދިޔައޫއެވެ. އަދި މުއުމިންތަކުންގެ އަތްތަކުންވެސްމެއެވެ. އޭ ބުއްދީގެ އަހްލުވެރީންނޭވެ! ފަހެ، ތިޔަބައިމީހުން ޢިބްރަތް ލިބިގަންނާށެވެ." (الحــثـــــــر: 2)
ނަޟީރުވަންހައިގެ ބޮޑެތި ރައީސުންކުރެ ســــلام بــــن أبـــى الحـقـيـق އާއި كـنـــانـــة بـــن الــرّبـيــع އާއި حُــيَـيُّ بــن أخطب ފަދަ މީހުން ދިޔައީ ޚައިބަރަށެވެ. ޚައިބަރުގެ އަހްލުވެރި ޔަހޫދީން އެބައިމީހުންނަށް މަރްޙަބާކީ ވަރަށްބޮޑު ތަރްޙީބަކާ އެކުގައެވެ. އެބައިމީހުންނަކީ ޚައިބަރުގެ ފުރަދާނައިން ކަމުގައި ހަމަޖެއްސިއެވެ. އެކަންތައް ހިމެނުނީ ޚައިބަރު ހަނގުރާމައިގެ މުޤައްދިމާ ކަމުގައެވެ. ދެމީހަކު އިސްލާމްވިއެވެ. يــامــيــن بـــن عــمـــــر އާއި أبـــو ســعيــد بـــن وهـب އާ ދެމީހުންނެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ނަޟީރުވަންހައި މީހުން ކޮށްފައިވާ ޝަރުޠާ އެއްގޮތަށް އެބައިމީހުންގެ ހަތިޔާރުތަކާއި ބިމާއި ގެދޮރާއި ބަގީޗާތައް އެމާތް ސާހިބާގެ ބެއްލެވުމުގެދަށަށް ގެންނެވިއެވެ. އޭގެތެރޭގައި ދަގަނޑުގެ ފަންސާސް ދަހަނާއާއި ފަންސާސް މިޣުފަރާއި ތިންސަތޭކަސާޅީސް ކަނޑި ހިމެނެއެވެ.
ނަޟީރުވަންހައިގެ މީހުން ދޫކޮށްފައިދިޔަ ބަގީޗާތަކާއި ބިންތަކާއި ގެދޮރަކީ ޚާއްޞަ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙައްޤެކެވެ. އެތަކެއްޗާމެދު ގޮތްނިންމެވުމަކީ އެމާތް ސާހިބާގެ އިޚްތިޔާރުގައިވާ ކަމެކެވެ. އެހެނީ ނަޟީރުވަންހައިގެ މީހުން ދޫކޮށްފައިދިޔަ މުދަލަކީ ފައިއު މުދަލެވެ. މުސްލިމުން ހަނގުރާމަކޮށްގެން ލިބިގަތް އެއްޗެއްސެއް ނޫނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެތަކެތީން ޚުމުސު ނެންގެވުމަށްފަހު އެމުދާ ބައްސަވައިދެއްވީ އެންމެކުރީން މަދީނާއަށް ހިޖްރަކުރެއްވި މުހާމީރުންގެ މެދުގައެވެ. އެމާތް ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ފައިއު މުދަލާމެދު ލިބިވަޑައިގެންފައިވާ ޚާއްޞަ އިޚްތިޔާރުގެ ދަށުންނެވެ. އަންޞާރިއްޔަ ބޭކަލުންކުރެ ފަޤީރުފުޅު ދެބޭކަލުން ކަމުގައިވާ أبـــودجــانــــة އާއި سَـهْــلُ بــــن حُـنَـيـف އާ ދެބޭކަލުންނަށްވެސް (رضــــى اللّــــه عــنــــهــم) ބައި ދެއްވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާގެ ބެއްލެވުމުގެ ދަށުގައި ކުޑަކުޑަ ބިންކޮޅެއް ބޭއްވެވިއެވެ. އެތާނގެ އާމްދަނީން ކުރައްވާ ކަމަކީ أمّــهــات المــؤمـنـيــــن ގެ އަހަރުދުވަހުގެ ޚަރަދުބަރަދު ހަމަޖެއްސެވުމާއި ބާކީވާ ތަކެތީން ޖިހާދަށްޓަކައި އަސް ބައްލަވައިގެންނެވުމެވެ.
ނަޟީރުވަންހައިގެ މީހުން މަދީނާއިން ބޭރުކުރެއްވުމުގެ މައްސަލަ ހިނގީ ހިޖްރައިން ހަތަރުވަނަ އަހަރުގެ ރަބީޢުލްއައްވަލު (އޮގަސްޓް 625 މ.) މަހުގައެވެ. ކީރިތި ޤުރްއާނުގެ ســـــورة الحــثـــــــر ބާވައިލެއްވީ މި ހާދިސާއާ ގުޅުއްވައިގެންނެވެ. އެ ސޫރަތުގައިވަނީ ނަޟީރުވަންހައިގެ މީހުން ރަށުން ބޭލުއްވުމުގެ ފުރިހަމަ ތަސްވީރެއް ކުރައްސަވައިދެއްވައިފައެވެ. މުނާފިޤުންގެ ޢަމަލުތައް ހުންނަގޮތް ބަޔާންކުރައްވައިފައެވެ. ފައިއު މުދަލުގެ ޙުކުމްތައް ބަޔާންކުރައްވައިފައެވެ. މުހާޖިރުންނާއި އަންޞާރުންނަށް މަދަޙައާއި ތާރީފު ވަޙީކުރައްވައިފައެވެ. ޢަސްކަރީ މަޞްލަޙަތުތަކަށްޓަކައި ދުޝްމިނުންގެ ރުއްގަސް ކަނޑައި އަންދައި ހެދިދާނެކަމާއި އެއީ ބިމުގައި ފަސާދަކުރުމެއް ނޫންކަން އަންގަވައިފައެވެ. އީމާންކަމުގެ އަހްލުވެރީން ތަޤްވާވެރިވުމަށާއި އާޚިރަތަށް ތައްޔާރުވުމަށް ބާރުއަޅުއްވައިފައެވެ. ސޫރަތް ނިންމައިލައްވައިފައި އަރަހުށި މާތް اللّــــه އެކަލާނގެ ޒާތުފުޅަށް ޙަމްދާއި ޘަނާ ވަޙީކުރެއްވުމުންނެވެ. އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ބަޔާންކުރެއްވުމުންނެވެ. إبـــن عـبّـــاس رضـــى اللّـــه عــنـــــه ވަނީ حــثـــــــر ســـــورة އަށް ســـــورة بـــن الـنّـصـيــر އޭ ކިޔަން އިރްޝާދު ދެއްވައިފައެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ގެމަށް ވޮޑިގެންނެވިތާ އެންމެކުރީކޮޅުގައިވަނީ މަދީނާގައިތިބި ޔަހޫދީ ޤަބީލާތައްވެސް ހިމެނޭގޮތުން ދިފާޢީ މުޢާހަދާއެއް (މަދީނާގެ މީޘާޤު) ކުރައްވައިފައެވެ. އެ މުޢާހަދާއަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ދުރުވިސްނުންފުޅާއި މޮޅު ސިޔާސީ ރޭއްވެވުންތަކުގެ މަޒްހަރެއްކަމުގައި އިޢުތިރާފުވެ އިންސާފުވެރި އެންޓަލިސްޓުންވެސްވަނީ ތާރީފުކޮށްފައެވެ. އެ މުޢާހަދާގެ އެންމެ ޚާއްޞަ ސިފަޔަކީ އެ މުޢާހަދާ ނުވަތަ މީޘާޤަކީ ގުޅިފައިވާ ދިފާއީ މުޢާހަދާ (Joint Defence Pact) އެއްކަމެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙަޔާތްޕުޅުގައި މަދީނާއަށް ކުރިމަތިވި އެންމެ ބިރުވެރި އަދި އެންމެ ނުސިޔާނު ޢަސްކަރީ ޙާލަތަކީ އަހްޒާބު ހަނގުރާމައެވެ. އެ ހަނގުރާމައިގެ ތެރޭގައި ޤުރައިޡަތުވަންހައިގެ މީހުންވަނީ އެބައިމީހުން ކޮށްފައިވާ ޢަހްދާ ޚިލާފުވެފައެވެ. އެއީ ޤައިނުޤާޢުވަންހައާއި ނަޟީރުވަންހައިގެ މީހުން ހިންގި ޖަރީމާތަކަށްވުރެވެސް މާ އަފޫރުއްބަ ޖަރީމާއެކެވެ. އޭގެ ނަތީޖާ މާނުރައްކައުތެރިވާނެ ކަމެކެވެ.
1. މީގެކުރީންވެސް އަޅުގަނޑު ކޮންމެވެސްވަރެއްގެ ތަފްސީލަކާއެކު ބަޔާންކުރި ފަދައިން މަދީނާގައި ދިރިއުޅުނު ޔަހޫދީންގެ އަނެއް ދެވަންހައެކޭ އެއްގޮތަށް ޤުރައިޡަތުވަންހައިގެ މީހުންވެސްވަނީ މަދީނާގެ މީޘާޤުގައި ބައިވެރިވެފައެވެ. ނަމަވެސް އިސްލާމީ ތަޙްރީކު ކުރިއަރައިގެންދާ މަންޒަރު ފެނުމުން އެބައިމީހުންގެވެސް ޙަސަދަވެރި ޠަބީޢަތަށް އެކަން ބަލައިނުގަނެވުނީއެވެ.
2. ޞަޙީޙު މުސްލިމުގެ ރިވާޔަތަކުން އެނގޭގޮތުގައި ނަޟީރުވަންހައިގެ މީހުންނެކޭ އެއްފަދައިން ޤުރައިޡަތުވަންހައިގެ މީހުންވެސްވަނީ މުޢާހަދާއާ ޚިލާފުވެ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ދެކޮޅަށް ޖަރީމާތައް ހިންގައިފައެވެ. ޤުރައިޡަތުވަންހައިގެ މީހުން ނަޟީރުވަންހައިގެ މީހުނާ ބައިވެރިވާންވެސް އުޅުނެވެ. ނަމަވެސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއުރެންގެ ތެރެޔަށް ފައިންޕުޅު ބީއްސަވައި މުޢާހަދާ އާކުރުމުގެ ފުރުސަތު ދެއްވައި ވާހަކަފުޅު ދެއްކެވުމުން އެމީހުންވަނީ މުޢާހަދާ އައުކޮށްފައެވެ. އާދެ، މަދީނާގެ މީޘާޤުގައި ސާބިތުވެ ތިބޭނެކަމަށް އަލުން ޢަހްދުވެފައެވެ.
3. ޚަންދަޤު ހަނގުރާމައިގެ ތެރޭގައި ނަޟީރުވަންހައިގެ ރައީސް حُــيَـيُّ بــن أخطب ޤުރައިޡަތުވަންހައިގެ ރައީސް كــعب بـــن أســــد ގެ ގާތަށްގޮސް ޢަހްދު އުވައިލުމުގެ ވާހަކަ ދެއްކުމުން كــعب بـــن أســــد ދިން ޖަވާބުގެ ވާހަކަވެސް އަޅުގަނޑުވަނީ ބަޔާންކޮށްފައެވެ. އާދެ، އޭނާ ޞަރީޙު ބަހުން ބުނެފައިވަނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަކީ ވަޢުދަށް ވަފާތެރި ޢަހްދުގައި ސާބިތުވެ ހުންނަވާ ބޭކަލަކުކަން އޭނާއަށް ފެނިފައިވާ ކަމުގައެވެ. މިއީ ޤުރައިޡަތުވަންހައިގެ މީހުނާއެކު ސޮއިކޮށްފައިވާ މީޘާޤަށް މުސްލިމުން ވަފާތެރިވިކަމުގެ ޞަރީޙު އިޢުތިރާފެކެވެ. ނަމަވެސް كــعب بـــن أســــد. ވަނީ ޢަރަބި ލަޝްކަރުތަކުގެ ބައިބޯކަމާއި އެބައިމީހުންގެ ޢަޒުމު އޮތްގޮތް އޮޅުންފިލުމުން ޢަހްދު އުވައިލައި އަޙްޒާބުގެ ބައިވެރީންނާ ބައިވެރިވެފައެވެ. ޙަޤީތުގައި ޤުރައިޡަތުވަންހައިގެ މީހުންގެ މައްޗަށް ހަމަޔާއި އިންސާފު ލާޒިމުކުރަނީ މުސްލިމުންނާ އެއްބައިވުމެވެ. މުސްލިމުންނާ ބައިވެރިވެ މުސްލިމުންގެ ދިފާޢުގައި ޢަރަބީންގެ އަޙްޒާބާ ހަނގުރާމަކުރުމެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން