މޯލްޑިވްސް ފުޑް ކާނިވަލް "ޕަވާޑް ބައި ދިރާގު" ގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށް، ކުލަގަދަ ފެސްޓިވަލަކަށް ތައްޔާރުވެއްޖެއެވެ.

މި އަހަރުގެ ކާނިވަލަކީ މޯލްޑިވްސް ފުޑް ކާނިވަލްގެ ދެ ވަނަ އެޑިޝަނެވެ.

ދިރާގުން މިއަދު ބުނީ، މި އަހަރުގެ އިވެންޓް އޮންނާނީ އަންނަ މަހުގެ ތިނަކުން ހަތެއްގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ.

ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ހަރަކާތުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުގެ ބައިވެރިވުން ފެނިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މި އިވެންޓްގެ ސަބަބުން ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަށް އެއްތަނަކަށް ގެނެސް، އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ، ކާބޯތަކެތީގެ އިތުރުން މޯލްޑިވްސް ފުޑް ކާނިވަލްގައި ތަފާތު ގޭމްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށެވެ.

ދިރާގުގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޖައިޝަން ހަމީދު ވިދާޅުވީ، މޯލްޑިވްސް ފުޑް ކާނިވަލްގައި ދިވެހި އަދި ބައިނަލްއަގްވާމީ ތަފާތު ކާބޯތަކެތީގެ އިތުރުން އާޓްސް އެންޑް ކްރާފްޓް، ކުޅިވަރު އަދި މުނިފޫހިފިލުވުގެ ތަފާތު ސްޓޯލްތައް ހިމެނިގެންދާނެ ކަމަށެވެ.

"މިއީ އާއިލާ އާއި ރައްޓެހިންނާ އެކު ތަފާރު ތަޖުރިބާއެއް ކޮށްލުމަށްލިބޭ ރަނުގެ ފުރުސަތެއް" ޖައިޝަން ވިދާޅުވިއެވެ.

ދިރާގުން އިތުރަށް ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭ ފަދަ ތަފާތު މުނިފޫހިފިލުވުމާއި އިޖުތިމާއީ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.