ރާއްޖޭގެ ހޭންޑްބޯޅަ ކޯޗު، ހުސައިން އަޒްހަމްއަށް ޖަރުމަނުގެ ލެއިޕްޒިގުގައި ހޭންޑް ބޯޅަ ކޯޗިން ތަމްރީނުތަކެއް ހަދަން ހާއްސަ ފުރުސަތެއް ލިބިއްޖެއެވެ.

ޔުނިވާސިޓީ އޮފް ލެއިޕްޒިގުގެ ކޯޗިން ކޯސްތަކުގައި ހިމެނޭ ފިނި މޫސުމުގެ ހޭންޑްބޯޅަ ކޯޗިން ކޯހަކީ ފަސް މަސް ދުވަހުގެ ހާއްސަ ކޯހެކެވެ. އެ ކޯސް މިފަހަރު ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށެވެ. ރާއްޖެއަށް އެ ކޯހުގައި ކޯޗަކު ބައިވެރިކުރުމަށް ފުރުސަތު ދީފައި ވަނީ ސްރީ ލަންކާގައި ހުންނަ ޖަރުމަނު އެމްބަސީންނެވެ.

އެމްބަސީން ދިން ފުރުސަތުގައި ހޭންޑްބޯޅަ އެސޯސިއޭޝަނުން ވަނީ ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފައެވެ. އެ ކޯސް އަޒްހަމަށް ލިބުނު ޝޯޓް ލިސްޓް ކުރި ކޯޗުންތަކުގެ ތެރެއިންނެވެ. ރާއްޖޭގެ ކޯޗުންވެސް ލިޔެކިޔުންތައް ފޮނުވާފައި ވަނީ ޖަރުމަނު އެމްބަސީއަށެވެ. އެމްބަސީން ޔުވާސިޓީއަށް ލިޔުންތައް ފޮނުވުމުން، ކޯސް ދޭ ކޯޗަކު ކަނޑައަޅަނީ ޔުނިވާސިޓީންނެވެ.

އަޒްހަމްއަށް ލިބުނު ފުރުސަތަކީ ޔުނިވާސިޓީގެ ސްކޯލާޝިޕެއްގެ ދަށުން ލިބުނު ފުރުސަތެކެވެ. އޭނާއަށް ކޯހުގެ ހަރަދު ޔުނިވާސިޓީން ކަވަރު ކޮށްދޭ އިރު، ދަތުރު ފަތުރުގެ ހަރަދު ކަވަރު ކޮށްދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖެގެ ކުޅިވަރާ ބެހޭ ވުޒާރާއިންނެވެ.

"ހޭންޑްބޯޅައިގެ ނޮލެޖު އިތުރުވުމާ އެކު މިކޮޅުގައި ކުރަމުންދާ ކޯޗިިން މަސައްކަތްތަކަށް ތަފާތެއް ގެނެވޭނެ ކަމަށް އުންމީދު ކުރަން. އޭގެ އިތުރުން ރާއްޖޭގައި ކުރިއަށް ގެންދާ ކޯޗިން އެޑިއުކޭޝަންގެ މަސައްކަތުގައި ޝާމިލްވެ، ކޯޗުން ތަމްރީނު ކުރުމުގެ މަސައްކަތްތަކަށްވެސް ބަދަލެއް ގެނެވޭނެ ކަމަށް އުންމީދުކުރަން. އެހެންވީމަ މިއީ ވަރަށް ރަނގަޅު ފުރުސަތެއް،" އަޒްހަމް "ވަން ސްޕޯޓްސް" އަށް ބުންޏެވެ.

އަޒްހަމްއަކީ 2019 ވަނަ އަހަރުން ފެށިގެން އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑަރޭޝަން (އައިއެޗްއެފް) ގެ ސަޓިފައިޑް ބީ ލައިސަންސް ކޯޗެކެވެ. އަޒުހަމް ވަނީ 2017 ވަނަ އަހަރުވެސް ޖޫނިއާ ޓީމުތަކާ އެކު މަސައްކަތް ކޮށް، 2023 ވަނަ އަހަރު އައިއެޗްއެފްގެ މުބާރާތުގެ 19 އަހަރާއި 17 އަހަރުން ދަށުގެ ޓީމުން ބައިނަލްއަގުވާމީ ލޯ މެޑަލްއެއް ގެނެސްދިން ކޯޗިން ޓީމުގައިވެސް ހިމެނިފައެވެ.

އޭގެ އިތުރުން އައިއޯއައިޖީއަށް ދިޔަ ކޯޗިން ޓީމުގައިވެސް އަޒުހަމް ހިމެނިފައިވެއެވެ. އެއީ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ. އަޒުހަމްއަކީ މިހާރުވެސް ގައުމީ ސީނިއާ ފިރިހެން އަދި އަންހެން ޓީމުގެ އެސިސްޓެންޓް ކޯޗެވެ.

އަޒްހަމް އިތުރަށް ބުނީ ޖަރުމަކީ ޔޫރަޕްގެ ހޭންޑް ބޯޅައިގައި އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށާއި ކޯޗިން ކޯހުގެ ތެރޭގައި އެގައުމުގެ ކޯޗުންނާ ބައްދަލުވެ، ތަޖުރިބާތައް ހިއްސާކުރެވުމުން، ބޭނުންވާ ވަރަށް ގިނަ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

ޖަރުމަނުގެ ފުރުސަތާ އެކު އަޒްހަމް ވަނީ އާއިލާގެ އިތުރުން ހޭންޑްބޯޅަ އާއިލާ އާއި އެސޯސިއޭޝަން އަދި ސްޕޯޓްސް މިނިސްޓްރީއަށްވެސް ޝުކުރު އަދާކޮށްފައެވެ. އޭގެ އިތުރުން ފޮރިން މިނިސްޓްރީ އާއި ކުރިން ޖަރުމަނުގައި ފުޓުބޯޅަ ކޯޗިން ކޯހެއް ފުރިހަމަ ކުރި ފުޓުބޯޅަ ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ) އަށްވެސް އަޒްހަމް ޝުކުރު އަދާކުރިއެވެ.