ޔޫއެފާ ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުގައި މިރޭ ކުޅުނު މެޗުގައި ސްލޮވޭނިއާ މޮޅުވާން ދަނިކޮށް، ފަހު ސިކުންތު ގޯލު ޖަހައިގެން ސާބިއާއިން މުބާރާތުގައި ދެމިއޮތުމަށް މުހިއްމު ޕޮއިންޓެއް ހޯދައިފިއެވެ.

ސްލޮވޭނިއާގެ ފުޓުބޯޅަ ތާރީހުގައިވެސް ޔޫރޯގައި އަދި މޮޅެއް ހޯދިފައި ނުވާ އިރު، މިރޭ އެލިއާންޒް އެރީނާގައި އެޓީމު ސާބިއާއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ސްލޮވޭނިއާއިން މީގެ ކުރިން ޔޫރޯގައި ކުޅެފައިވާ ހަތަރު މެޗުންވެސް އެޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ތިން މެޗު އެއްވަރުވި އިރު، އަނެއް މެޗުން އޮތީ ބަލިވެފައެވެ.

ސާބިއާއިން ފުރަތަމަ ކުޅުނު މެޗުގައި އިންގްލެންޑް ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ސާބިއާއިން ދަށްކޮށް ފެށި ނަމަވެސ،ް ފަހުކޮޅަށް ގޮސް އެޓީމުން ކުޅުން ރަނގަޅުކޮށް އިންގްލެންޑް ހާސްކޮށްލިއެވެ. ބަލިވީ ގޯލެއް ނުޖެހި ފުރުސަތުތައް ބޭކާރުވުމުންނެވެ. ސްލޮވޭނިއާއިން މިހާތަނަށް ޔޫރޯގައި މޮޅެއް ހޯދާފައި ނުވާ އިރު، މިފަހަރު ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ޑެންމާކާ 1-1 އިން އެއްވަރުކޮށްފައެވެ. އެއީ ރަނގަޅު ނަތީޖާއެއްވެސް މެއެވެ.

ސާބިއާއިން މިރޭގެ މެޗުން އެންމެ މަދުވެގެންވެސް ޕޮއިންޓެއް ހޯދަން ޖެހިފައި އޮތް އިރު، ސްލޮވޭނިއާއަށް މިއަދުގެ މެޗުން ގަދަ 16 ޔަގީން ކުރެވޭކަށް ވެސް ނެތެވެ. އަދި ކަޓާނެ ގޮތެއް ވެސް ނެތެވެ.

މެޗު ވެގެންދަނީ ޝައުގުވެރި މެޗަކަށެވެ. ފުރަތަމަ ކޮޅުގައިވެސް ހަމަލާތައް ފެނިގެން ދިޔައެވެ. ހާއްސަކޮށް ފުރަތަމަ 15 ވަރަކަށް މިނެޓުގައި ސްލޮވޭނިއާއިން ނުރައްކާ ކުރިއެވެ. ކައުންޓާ އެޓޭކެއްގައި ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މައިކާރަށް ބޯޅަ ލިބުމުގެ ކުރިން ސާބިއާގެ ކީޕަރު ރައިކޮވިޗް ބޯޅަ ހޯދި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ޔޭން މިއަކާރް އާއި ޕެނަލްޓީ އޭރިއާ ބޭރުން ޓިމީ މެކްސް އެލްސްނިކް ފޮނުވާލި ހަމަލާ ވެސް ސާބިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.

އޭގެ އިތުރުން ފުރަތަމަ ހާފު ނިމެން ދަނިކޮށް، ސްލޮވޭނިއާ ގޯލެއް ޖެހުމާ ވަރަށް ބޮޑަށް ގާތަށް ޖެހިލިއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ޓިމީ އެލްސްނިކް ފޮނުވާލި ހަމަލާ އަމާޒުވީ ސާބިއާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި ގޯލު ހުސްކޮށް އޮއްވައި ހުސްކޮށް ހުރެ ރީބައުންސް ބޯޅައިން ބެންޖަމިން ސެސްކޯ ފޮނުވާލި ހަމަލާ، ސާބިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ފުރަތަމަ ހާފުގައި ސާބިއާގެ ހަމަލާތަކަށް ބަލާ އިރު، ޑޫސާން ވްލަހޮވިޗް ބޮލުން ފޮނުވާލި ހަމަލާއާއި އެލެކްސެންޑާ މިޓްރޮވިޗް ފޮނުވާލި ހަމަލާވެސް މަތަކުރީ ސްލޮވޭނިއާގެ ކީޕަރު ޔާން އޮބްލަކެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި އަނެއްކާވެސް ސްލޮވޭނިއާ ކެޕްޓަން އަދި ކީޕަރު އޮބްލަކްގެ މޮޅު ސޭވެއް ފެނިގެން ދިޔައެވެ. ޑުސާން ޓަޑިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ މިޓްރޮވިޗް ފޮނުވާލި ހަމަލާ، އޮބްލަކް ވަނީ ކުރިއަށް ނުކުމެ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

އޭގެފަހުން ސްލޮވޭނިއާއިން މެޗަށް ރަނގަޅަށް ވަދެ، ނުރައްކާ ކުރަން ފެށިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ބެންޖަމިން ސެސްކޯ ފޮނުވާލި ހަމަލާ، ސާބިއާގެ ކީޕަރު ޕެޑްރާގް ރައިކޮވިޗް މަތަކުރި އިރު، 69 ވަނަ މިނެޓުގައި ސްލޮވޭނިއާއިން ލީޑު ނެގިއެވެ. ސްލޮވޭނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުލްބެކް ޒާން ކަރްނިޗްނިކެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޓިމީ އެލްސްނިކް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އެ ގޯލާއެކު ސްލޮވޭނިއާއިން ޔޫރޯގެ ފުރަތަމަ މޮޅަކާ ދިމާލަށް މިސްރާބު ޖަހައި، އަނެއް ބުރަށްވެސް އުންމީދު ބޮޑުކުރިއެވެ. ފަހުވަގުތާ ޖެހެންދެން ސާބިއާއިން މަސައްކަތްކޮށްފައިވާ އިރު، ސާބިއާއިން ދިޔައީ ސްލޮވޭނިއާ އޭރިއާ ތެރެއަށް ނުރައްކާ ކުރަމުންނެވެ. އެ ނުރައްކަލުގައި މެޗު އެއްވަރުކުރީ ސީދާ، ފަހު ސިކުންތުގައެވެ.

ސްލޮވޭނިއާގެ ކީޕަރު ރައިކޮވިޗްވެސް ކުރިއަށް ޖެހި އޮތް ވަގުތު އިވާން އިލިޗް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ސާބިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލޫކާ ޔޮވިޗެވެ.

މިރޭގެ މެޗުގައި ސާބިއާއިން ހޯދި ޕޮއިންޓާއެކު އެޓީމަށް ވަނީ މުބާރާތުގައި ކުޑަ އުންމީދެއް ލިބިފައެވެ. އަނެއްކޮޅުން ސްލޮވޭނިއާ އޮތީ އުންމީދުގައެވެ.