ސާބިއާއަށް އިންގްލެންޑަށް މާ ބޮޑަށް އިހުތިރާމް ކުރެވުނީ ކަމަށާއި ހީވީ އެހެން ޕްލެނެޓަކުން އައި ޓީމަކާ ދެކޮޅަށް ކުޅުނު މެޗެއްހެން ކަމަށް ކޯޗު ޑްރާގަން ސްޓޮކޮވިޗް ބުނެފިއެވެ.

ސާބިއާއިން ކުޅުނު މެޗުގައި އިންގްލެންޑް ކައިރިން ބަލިވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. އެ މެޗުގައި އިންގްލެންޑަށް މެޗު ކޮންޓްރޯލް ކުރެވުނީ މެޗުގެ ކުރީކޮޅުގައި އެކަންޏެވެ. އޭގެފަހުން ސާބިއާއިން ނުރައްކާކޮށް، މެޗުގެ ނަތީޖާ އެއްވަރުކުރުމާ ގާތަށްވެސް ޖެހިލިއެވެ. އެ ހަނދާން ނައްތާލައި، ގަދަ 16 ގެ އުންމީދު އާކުރަން ސާބިއާއަށް މިރޭ ސްލޮވޭނިއާ ކައިރިން ތިން ޕޮއިންޓް ހޯދަން ޖެހެއެވެ.

"އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އަހަރެމެންނަށް މާ ބޮޑަށް އިހުތިރާމް ކުރެވުނީ. ހީވީ އިންގްލެންޑަކީ އެހެން ޕްލެނެޓަކުން އައި ޓީމެއްހެން. އެހެން އެކަން ވެގެން ނުވާނެ. ސާބިއާއިން އިންގްލެންޑާ ދެކޮޅަށް ފަހުން ދެއްކި ކުޅުން ސްލޮވޭނިއާ ކައިރީ ދައްކަން ޖެހޭނީ،" ސްޓޮކޮވިޗް ބުންޏެވެ.

ސްލޮވޭނިއާއިން ގްރޫޕް ސީގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޑެންމާކާ 1-1 އިން އެއްވަރު ކޮށްފައެވެ. ސްލޮވޭނިއާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑުގައި އޮންނާނެކަމަށް ލަފާކޮށް، ސާބިއާގެ ވިންގް، ޕެޓާ ސްޓެޖަނޮވިޗް ބުނީ މެޗު ވާނީ ޖަޒުބާތީ މެޗަކަމަށެވެ.

މިއީ ސާބިއާއިން އެގައުމުގެ ނަމުގައި ޔޫރޯގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެހެން ގައުމުތަކުގެ ނަމާ އެކުވެގެން ނުކުންނަ ޓީމެއްގެ ގޮތުގައި ސާބިއާ އޮތް އިރު، އެގައުމުން ވިސްނުން ހުންނާނީ ތާރީހީ ފުރަތަމަ ފަހަރަކަށް ގަދަ 16 އަށް ދިޔުމަށެވެ.

ސާބިއާއި ސްލޮވޭނިއާ ކުޅޭ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން ހަވީރު 6:00 ގައެވެ.