ރޭގެ މެޗުގައި އިތުރަށް ކުޑަ ވަގުތުކޮޅެއް ލިބުނު ނަމަވެސް، ކްރޮއޭޝިއާ ބަލިކޮށްލެވުނީސް ކަމަށް އަލްބޭނިއާގެ ކޯޗު ސިލްވީނިއޯ ބުނެފިއެވެ.

އަލްބޭނިއާއިން 2016 ވަނަ އަހަރު ޔޫރޯއަށް ތައާރަފުވީ ފަހުން އަދި ގަދަ 16 އަށް ގޮސްފައެއް ނުވެއެވެ. އެ އަހަރު ހިތްވަރު ގަދަ ކުޅުމެއް ދައްކައި ކަޓައިގެން ދިޔަފަހުން މިފަހަރު އައިސް، ކްރޮއޭޝިއާ ކައިރިން 2-2 އިން ރޭ ހޯދީ މުހިއްމު ޕޮއިންޓެކެވެ. އެޓީމުން ކުޅޭ ގްރޫޕްގެ ފަހު މެޗުގައި ސްޕެއިނާ ދެކޮޅަށް ނުކުމެ، ގަދަ 16 އަށް މަސައްކަތް ކުރުމުގެ އުންމީދު އަދި ބޮޑުކޮށް އެބައޮތެވެ.

ވަރުގަދަ ކްރޮއޭޝިއާ ކައިރިން ހޯދި ޕޮއިންޓަށްފަހު ބްރެޒިލަށް އުފަން ސިލްވީނިއޯ ބުނީ ފަހުވަގުތު ކޮޅުގައި މެޗުން މޮޅުވާން އިތުރު ފުރުސަތުތައް ލިބި، ކްރޮއޭޝިއާއަށް ޕްރެޝަރު ކުރެވުނު ކަމަށާއި ވަގުތު ކޮޅެއް ލިބުނު ނަމަ އިތުރު ގޯލެއް ޖެހުނީސް ކަމަށެވެ.

"މުޅި މެޗު އެއްކޮށް އެނަލައިޒް ކުރަން ވަރަށް އުނދަގޫ. އެހެންވިޔަސް އެންމެފަހު މިނެޓް ކޮޅުގައި މޮޅުވާން އަލްބޭނިއާއަށް ފުރުސަތު ލިބުނު. އިތުރަށް ވަގުތުކޮޅެއް ލިބުނު ނަމަ، އަހަރެމެންނަށް ތަފާތު ނަތީޖާއެއް ނެރެވުނީސް. ކްރޮއޭޝިއާ ބަލިކުރުމަށް ފުރުސަތު ލިބުނު،" ހިތްހަމަ ޖެހިފައި ހުރި ސިލްވީނިއޯ ބުންޏެވެ.

ޕޯސްޓް މެޗު ޕްރެސްގައި އޭނާ އިތުރަށް ބުނީ އަދިވެސް ކްރޮއޭޝިއާއަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ. ހާއްސަކޮށް މިދިޔަ އަހަރުތަކުގައި އެ ޓީމުން ހޯދި ކާމިޔާބީތަކުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް ސިލްވީނިއޯ ބުންޏެވެ. އަދި ބުނީ އަލްބޭނިއާއިން ގެނައި ދެ ބަދަލުގެ ފައިދާކޮށް، ފަހުވަގުތާ ހަމައަށް ބުންވަރު، ޓީމުގެ ޓެމްޕޯ ހިފަހައްޓާލެވުނު ކަމަށެވެ.