ގާތްގަނޑަކަށް 2012 ވަނަ އަހަރުން ފެށިގެން، ކްރޮއޭޝިއާގެ "ރަން ޖީލު" އައީ ފެންނަމުންނެވެ. އެފަހަރު ޔޫރޯއިން ކްރޮއޭޝިއާ ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް، އޭރުވެސް ރަން ޖީލުގެ ބައެއް ކުޅުންތެރިންގެ ކޮޅުމަތި ދިޔައީ ފެންނަމުންނެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯއިން އެ ސްކޮޑު ފުރިހަމައަށް ނުފެނުނު ނަމަވެސް، 2018 ވަނަ އަހަރު ކްރޮއޭޝިއާއިން ދުނިޔެއަށް "ރަން ޖީލެއް" ދައްކާލިއެވެ. އެފަހަރު ވޯލްޑް ކަޕް ފައިނަލް ކުޅެ، 2022 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ ހޯދިއެވެ. އަދި އޭގެފަހުން ނޭޝަންސް ލީގުގެ ފައިނަލްގައިވެސް ކްރޮއޭޝީއާ ކުޅުނެވެ. 2020ގެ ޔޫރޯއިން ކެޓީ ހިތްދަތިކޮށް ގަދަ 16 އިންނެވެ.
ކްރޮއޭޝިއާ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނީ ރަނގަޅު ވާހަކައެކެވެ. ހަގީގަތުގައި ބުނާކަމަށްވާނަމަ، މިދިޔަ 10 ވަރަކަށް އަހަރުގައި ކްރޮއޭޝިއާގެ ކާމިޔާބީ، އިންގްލެންޑަށްވުރެ ހާއްސައެވެ. އެކަމަށް އިހުތިރާމްވެސް ކުރަން ޖެހެއެވެ. އެހެން ނަމަވެސް، ކްރޮއޭޝިއާއަށް އެސްކޮޑުގެ ފަހަތުން ޒުވާން ކުޅުންތެރިންތަކެއް ނުނެރެވުނެވެ. އިންގްލެންޑްގެ ތަފާތަކީ އެއީ ކަމަށް ވެދާނެއެވެ. 3.85 މިލިއަން މީހުން އާބާދީއެއް ދިރިއުޅޭ ކްރޮއޭޝިއާގެ އާބާދީ ދަށްވުމުން، އެގައުމުގެ ގައުމީ ޓީމު އެކުލަވާލަން ކުޅުންތެރިން ހޯދަން ޖެހޭ ޕޫލަކީ ކުޑަ ޕޫލެކެވެ.
ޖީލެއްގެ ނިމުން އަންނަން ދިމާވެދާނެ އެއް ކަމަކީ އެއީ ކަމަށް ކޯޗު ޑަލިޗްވެސް މީގެ ކުރިން އެކަން ފާހަގަކުރިއެވެ. އެހެންނަމަވެސް، ކްރޮއޭޝިއާއިން އާބާދީ އެއްފަރާތްކޮށް، ފުޓުބޯޅައިން ކާމިޔާބީ ހޯދިއެވެ. އެގައުމަކީ ކުދި އާބާދީތަކަށް ގެނުވި އުންމީދެކެވެ. އެ އުންމީދު މިހާރު ފަނޑުވާން ފަށައިފި ވެސް މެއެވެ. އުފާވެރި ހަނދާންތައް ކަރުނައަށް ބަދަލުވާތަން މަޑުމަޑުން ފެންނަމުންދެއެވެ
މިއަހަރުގެ ޔޫރޯގައި ކްރޮއޭޝިއާ ހިމެނުނީ މަރުގެ ގްރޫޕް، ގްރޫޕް ބީގައެވެ. ސްޕެއިނާއި އިޓަލީގެ އިތުރުން ކްރޮއޭޝިއާއާ އެކު ދެން ހިމެނުނީ އަލްބޭނިއާއެވެ. ކްރޮއޭޝިއާއިން ދެ މެޗު ކުޅެފިއެވެ. ސްޕެއިން އަތުންވީ 3-0 ގެ ބައްޔެކެވެ. ރޭ އަލްބޭނިއާގެ ހަލުވިކަމުގައި ޖެހި، އެއްވަރުވި 2-2 ގެ ނަތީޖާއަކުންނެވެ. ޔަގީނުންވެސް ފެނުނީ ތަޖުރިބާއިން އެކަނި މިކަން ނުވާނެ ކަމެވެ. ގަދަ 16 ގެ އުންމީދަށް ހާސްކަންވެރިވެފައި އޮތް އިރު، ކްރޮއޭޝިއާގެ ސްކޮޑަކީ ޖުމުލަކޮށް، އެންމެ މުސްކުޅި ސްކޮޑެއްވެސް ނޫނެވެ.
މިފަހަރުގެ ޔޫރޯގައި ވާދަކުރާ އެންމެ މުސްކުޅި ސްކޮޑަކީ، ނިސްބަތުން ބަލާއިރު ޖަރުމަނެވެ. އެއީ އެވަރެޖް އުމުރު 28.6 އަހަރެވެ. ކްރޮއޭޝިއާއަކީ ހަތަރު ވަނައަކަށް އެންމެ މުސްކުޅި އެއް ސްކޮޑެވެ. އެއީ އެވަރެޖް އުމުރު، 27.7 އަހަރެވެ. އެހެން ނަމަވެސް، އެއްކަމެއް ފާހަގަކޮށްލަން ޖެހެއެވެ. ޖަރުމަނު ކަހަލަ ގައުމުތަކުގައި ތަޖުރިބާ ހުރި ކުޅުންތެރިންނަށް ނުކުރެވޭ މަސައްކަތް ކުރަން ޒުވާން ލޭ ހިނގާ، ޖޯޝާއި ބުންވަރު ހުރި ކުޅުންތެރިން ތިބި ކަމެވެ. ފުރަތަމަ 11 އަށް ނެރޭ ޓީމުގެ އުމުރު މާ ބޮޑު ނޫން ކަމެވެ.
ކްރޮއޭޝިއާއިން އަލްބޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ނެރުނު ފުރަތަމަ 11 ގެ އެވަރެޖް އުމުރަކީ 30.1 އަހަރެވެ. އެ އުމުރަށްވުރެ މުސްކުޅި ފުރަތަމަ 11 އެއް މީގެ ކުރިން ކްރޮއޭޝިއާއިން މެޗަކަށް ނެރުނީ 1998 ވަނަ އަހަރު ވޯލްޑް ކަޕްގައެވެ. އެއީ ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު ތިންވަނަ ހޮވި މެޗުގައެވެ.
ރޭގެ މެޗަށް ކްރޮއޭޝިއާގެ މެދަށް ނެރުނު ލޫކާ މޮޑްރިޗްގެ އުމުރުން މިހާރު 38 އެކެވެ. އަދި މާސެލޯ ބްރޮޒޮވިޗަކީ 31 އަހަރުގެ މިޑްފީލްޑަރެކެވެ. މަޓެއޯ ކޮވަސިޗަށް މިހާރު 30 އަހަރެވެ. މެޗުގައި ގޯލު ޖެހި އަންދްރެޖް ކްރަމަރިޗަށް މިހާރު 33 އަހަރެވެ. އަރިމަތިން ފަހަތަށް ކުޅުނު އިވާން ޕެރަސިޗަށް މިހާރު 33 އަހަރެވެ.
ރޭގެ މެޗުން އެއްވަރުވެ، ދެ މެޗުން އެންމެ ޕޮއިންޓެއް ލިބުނު ހިސާބުން ކްރޮއޭޝިއާގެ ކުޅުންތެރިން ދަނޑު މައްޗަށް ތިރިވެ، މާޔޫސްވެފައި ތިބި މަންޒަރުން އެ ގައުމުގެ ރަން ޖީލުގެ ނިމުން ސިފަވިއެވެ. ކްރޮއޭޝިއާއަށް ގޯލު ތަފާތުންވެސް ބޮޑުތަނުން ގޯސްކޮށް އޮތް އިރު، ދެން އޮތީ އިޓަލީއެވެ. އިޓަލީއާ ކުރިމަތިލާން މި ޖެހެނީ އުންމީދު ފަނޑުވެފައި އޮވެގެންނެވެ.
"ވޯލްޑް ކަޕް އޮތީ ދެ އަހަރު ކުރިން. އަހަރެމެންގެ ކުޅުންތެރިން އުމުރުން ދުވަސްވަމުންދާކަން ގަބޫލުކުރަން ޖެހޭ. އެހެންވިޔަސް، މިއީ ސީދާ އެކަމުގެ އަސަރެކޭވެސް ނުބުނެވޭނެ. އެހެން ބައެއް ބޮޑެތި ޓީމުތަކަށްވެސް މި މުބާރާތް އުނދަގޫ،" ކޯޗު ޑަލިޗް ރޭގެ މެޗަށްފަހު ބުންޏެވެ.
އޭނާ ބުނީ ޕޯޗުގަލްއިން ޗެކް ރިޕަބްލިކާ ދެކޮޅަށް، އިންގްލެންޑުން ސާބިއާއާ ދެކޮޅަށް ކުޅެވެސް މޮޅުވީ ކިރިޔާ ކަމަށާއި އޭގެން އެނގެނީ ޔޫރޯގެ ވަރުގަދަކަން ކަމަށެވެ. ކޯޗުގެ އެ ވިސްނުމާ ދެބަސްވާ ގިނަ ބަޔަކު އުޅޭނެއެވެ. ކްރޮއޭޝިއާގެ ކައިރިން ރޭ އަލްބޭނިއާއަށް މޮޅެއް ނުލިބުނަސް، އެޓީމަށް އިހުސާސް ކުރެވުނީ މޮޅެއްގެ އިހުސާސެވެ. އަލްބޭނިއާގެ މަސައްކަތަށް ތައުރީފް ކުރާ ހާލު، އެޓީމުގެ މަސައްކަތު ރޭޓް މާ މައްޗެވެ. ކްރޮއޭޝިއާ އުމުރާ ބައްދަލުވެއްޖެއެވެ. ގަދަ 16 އަށް ހަނި ގޮތަކުން ދިޔަޔަސް، މިއީ އެގައުމުގެ ޖީލެއްގެ ނިމުމެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024