ޔޫއެފާ ޔޫރޯ ގްރޫޕް ބީގައި މިރޭ ކުޅުނު މެޗުގައި އަލްބޭނިއާއިން ކްރޮއޭޝިއާ ހިފަހައްޓައިފިއެވެ.
މިރޭ ކުޅުނު މެޗުގައި އަލްބޭނިއާއިން ކްރޮއޭޝިއާއާ އެއްވަރުކުރީ 2-2 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ކްރޮއޭޝިއާއިން މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުގައި ސްޕެއިން ކައިރިން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ބައްޔާއެކު މިއަދުގެ މެޗުން މޮޅުވާން އޮތީ ކޮންމެހެންވެސް މަޖުބޫރުވެފައެވެ. އަނެއްކޮޅުން ނުކުތް އަލްބޭނިއާވެސް އޮތީ ފުރަތަމަ މެޗުން ބަލިވެފައެވެ. އެއީ އެންމެފަހުގެ ޗެމްޕިއަން އިޓަލީ ކައިރިން 2-1 އިންނެވެ. އެހެންކަމުން މެޗު ފޯރިގަދަވާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ. އެ މަންޒަރު މެޗުން ފުރިހަމައަށް ފެނުނެވެ.
މެޗު ވަރުގަދަކޮށް ފެށީ އަލްބޭނިއާއިންނެވެ. އެޓީމުން ވަނީ އަވަސް ލީޑެއްވެސް ނަގައި ކްރޮއޭޝިއާއަށް ސިހުން ގެނުވައިފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ޔާސިރް އަސާނީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އަލްބޭނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ގާޒިމް ލަޗީއެވެ.
އަލްބޭނިއާގެ އެ ގޯލާއެކު ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާއަށް ހާސްކަމާ ކުރިމަތިވިއެވެ. މިފަހަރުގެ ޔޫރޯއަށް ނުކުތް އިރު، މިދިޔަ ޔޫރޯ ތާރީހުގައިވެސް ގްރޫޕް ސްޓޭޖުގައި މަދު ބައްޔެއްވެފައި އޮތް ކްރޮއޭޝިއާއިން ގްރޫޕް ސްޓޭޖުގައި ޖެހިޖެހިގެން ދެވަނަ ބައްޔަކާ ދިމާލަށް މިސްރާބު ޖެހިއެވެ. އެގޮތަށް އެކަން ވެދާނެ ކަމަށް ބޮޑަށް ބެލެވެނީ ފުރަތަމަ ހާފުގައި އަލްބޭނިއާއިން އިތުރު ހަމަލާތައް އުފެއްދުމުންނެވެ.
ޕެނަލްޓީ އޭރިއާ ތެރެއިން ނެދީމް ބައިރާމީއަށް ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާ ޑިފެންޑަރެއް ގައިގައި ޖެހި ބްލޮކްވި އިރު، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ކްރިސްޓިއަން އަސްލާނީ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އަދި އޭގެ ފަހުން އަސްލާނީ ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރު ލިވަކޮވިޗެވެ.
ކްރޮއޭޝިއާއިން ފުރަތަމަ ހާފުގައި އުފެއްދި ހަމަލާތަކަށް ބަލާ އިރު، ލޮވްރޯ މަޔާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބްރޫނޯ ޕެޓްކޮވިޗް ބޮލުން ފޮނުވާލި ހަމަލާ އަލްބޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އަދި މާސެލޯ ބްރޮޒޮވިޗް ފޮނުވާލި ހަމަލާވެސް ވީ ބޭކާރެވެ.
ދެވަނަ ހާފަށް ކްރޮއޭޝިއާ އިން ނުކުތީ ދެ ބަދަލަކާއެކުގައެވެ. މާސެލޯ ބްރޮޒޮވިޗް އާއި ލޮވްރޯ މަޔާގެ ބަދަލުގައި ކުޅެން ނުކުތީ މާރިއޯ ޕަސަލިޗް އަދި ލޫކާ ސުސިޗެވެ. އެ ބަދަލާއެކު އެޓީމުން އެޓޭކް ރަނގަޅުކުރިއެވެ. ހާފުގެ ކުރީކޮޅުގައި ބްރޫނޯ ޕެޓްކޮވިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލޫކާ ސުސިޗް ފޮނުވާލި ހަމަލާ، އަލްބޭނިއާގެ ކީޕަރު ސްޓްރަކޯޝާ މަތަކޮށްފައިވާ އިރު، މާރިއޯ ޕަސަލިޗް ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވިއެވެ.
ދެވަނަ ހާފުގައި ގިނަ ވަގުތު މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެމުން ގޮސް، 74 ވަނަ މިނެޓުގައި އެއްވަރުކުރިއެވެ. އަންޓޭ ބުޑިމިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް ގޯލު ކާމިޔާބުކޮށްދިނީ އަންދްރޭ ކްރަމަރިޗެވެ. އަދި އޭގެ ދެ މިނެޓް ފަހުން ކްރޮއޭޝިއާ މެޗުގެ ނަތީޖާ އަނބުރާލިއެވެ. އެޓީމުން ލީޑު ނެގީ ޕެނަލްޓީ އޭރިއާ ތެރެއިން ސުސިޗް ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އަލްބޭނިއާގެ ކްލައުސް ޔަސޫލާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
އަލްބޭނިއާއުން ފުރަތަމަ މެޗުގައިވެސް ލީޑު ނަގައި، ލީޑު ފަހުން ގެއްލުވާލި އިރު، މިރޭގެ މެޗުގައިވެސް އެޓީމަށް ކުރިމަތިލާން ޖެހުނީ އެ މާޔޫސްކަމާއެވެ. އެހެންނަމަވެސް މިރޭގެ މެޗު ނިމެންދެން އެ މާޔޫސްކަމުގައި ތިބޭކަށް އަލްބޭނިއާއަކަށް ނުޖެހުނެވެ. ފަހު މިނެޓުގައި އެޓީމުން ގޯލު ޖަހައި ދިރުން ހޯދިއެވެ. އަމިއްލަ އަތުން ބައިކޮޅަށް ވަން ގޯލުގެ ބަދަލުގައި ޔަސޫލާ ވަނީ އަލްބޭނިއާއަށް ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މިރޭގެ ނަތީޖާއާއެކު އެޓީމަށް ގަދަ 16 އަށް ދާން ދެން އޮތީ އުނދަގޫ މަގެކެވެ. ގްރޫޕްގައި ކްރޮއޭޝިއާއަށް ދެން ކުޅެން އޮތީ އިޓަލީއާ ދެކޮޅަށެވެ. އަލްބޭނިއާ ދެން ނުކުންނާނީ ސްޕެއިނާ ދެކޮޅަށެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024