އިއްޔެ ރޭ މަރުވެފައިވަނީ ސިނަމާލެ ބުރިޖުގައި މަސައްކަތްކުރިމީހެއް ނޫން ކަމަށާއި، އެއީ ތިލަމާލެ ބްރިޖުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ އެމީހާއަކީ ސިނަމާލެ ބްރިޖުގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށެވެ.
ފުލުހުން ބުނީ ތިލަމާލެ ބުރިޖުގައި މަސައްކަތްކުރަމުންދިޔަ އިންޑިއާ މީހަކު އަނބުރައިގަނެގެން އިއްޔެ ރޭގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން އިއްޔެ ބުންޏެވެ.
އެމީހާއަކީ ސިނަމާލެ ބްރިޖުގައި މަސއްކަތްކުރަމުންދިޔަ މީހެއްކަަމުގެ ހަބަރުތައް ފެތުރުމާ ގުޅިގެން އެ ބުރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ކުރަމުންގެންދާ ޗައިނާގެ ސީސީސީސީ ކުންފުނިން ވަނީ އެކަން ދޮގު ކޮށްފައެވެ. އެކުންފުނިން ބުނީ އެ ކުންފުނީގެ މަސައްކަތްތަކުގައި އިންޑިޔާ ރައްޔިތުން ނޫޅޭނެ ކަމަށެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަމަޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު