ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ނަސީބުވެރިޔާ އިއުލާން ކުރީ އަޟްހާ އީދުގެ މުނާސަބަތުގައި ރޭ އެ ކުންފުނިން ހުލުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި އީދު ޝޯގައެވެ.

އެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ ކ. ތުލުސްދޫ/ މުސްތަފާ މުހައްމަދެވެ. އޭނާއަށް ވަނީ މުޅިން އާ ޓެސްލާ ކާރު މޮޑެލް 3ގެ ކާރެއް ލިބިފައެވެ. ޓެސްލާ ކާރު މޮޑެލް 3 އަކީ ކަރަންޓުން ޗާޖުކޮށްގެން ދުއްވާ 654,770 ރުފިޔާ އިން އަގު ފެށޭ ކާރެކެވެ. އެ ކާރުން ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި އެޕުން ކޮންޓްރޯލްކޮށް، އޮޓޯޕައިލެޓްގައި ދުއްވުން ހިމެނެއެވެ.

ދިރާގުގެ 35 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނީގެ ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި 'ވިން އަ ޓެސްލާ' ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ މި އަހަރުގެ ޖެނުއަރީ 31ގެ ކުރިން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބާ ބްރޯޑްބޭންޑް 30M އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންގެ މެދުގައެވެ.

ދިރާގުން ބުނީ، އެ ޕްރޮމޯޝަންގެ ގުރުއަތު ނެގުމުގެ މަރުހަލާ އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ތިންވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް އައްޔަންކޮށްފައިވާ ކަމަށެވެ. އަދި ކްރޯ މޯލްޑިވްސް އިން ގުރުއަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލައި ގުރުއަތު ނެގި ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށްވެސް ބުންޏެވެ.