ރޭ ބެލްޖިއަމް އާއި ސްލޮވޭކިއާ ކުޅުނު މެޗަކީ ޔޫރޯގެ ޓެކްނޮލިޖީގެ ތާރީހުގައި މުހިންމު މެޗެކެވެ. ފުރަތަމަ ފަހަރަށް އެޑިޑާސް މެޗު ބޯޅައިގައިވާ ނިޒާމުން އަޑުގެ ބޭނުންކޮށްގެން އަތުގައި ޖެހުނު ކަމަށް ނިންމި ނިންމުމާއެކު ފުޓުބޯޅައިގައި ޓެކްނޮލޮޖީ ބޭނުންކުރުން އާ ހަރުފަތަކަށް ޖެހިލީއެވެ. މީގެ ކުރިން ކްރިކެޓާއި ޓެނިސް ފަދަ ކުޅިވަރުތަކުގައި އެގޮތަށް އަޑުގެ ބޭނުންކޮށްގެން ނިންމުން ނިންމާތަން ފެނުނު ނަމަވެސް، މިއީ ފުޓުބޯޅައިގައި އަދި ޔޫރޯއެއްގައިވެސް އަލަށް ފެނުނު މަންޒަރެކެވެ.
ފްރޭންކްފާޓް ދަނޑުގައި ބެލްޖިއަމުން ރޭ ކުޅުނު މެޗުން ސްލޮވާކިއާ މޮޅުވީ 1-0ގެ ނަތީޖާ އަކުންނެވެ. އެ ނަތީޖާއަކީ ޝޮކް ނަތީޖާ އެކެވެ. ވަރުގަދަ ބެލްޖިއަމް ބަލިވެ، އެކަމަށް ތަފާތު ވާހަކަތައް ދަނީ ދެކެވެމުންނެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ ވީއޭއާރުން ބެލްޖިއަމަށް ހުރަސް އެޅި ކަމަށް ދެކެވޭ ވާހަކައެވެ.
ރޭގެ މެޗުގައި ބޮޑު ދެ ނިންމުމެއް ރެފްރީ ހަލީލް އުމުޓް މޭލޭ ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން ފުރަތަމަ ނިންމުން ވަރަށް ސާފެވެ. ރޮމެލޫ ލުކާކޫ އޭރިއާ ތެރޭގައި އޮވެ ފައިން ޖައްސާލި ބޯޅަ ގޯލަށް ވަނަސް، އެ ބޯޅައަށް މަސައްކަތް ކުރިއިރު އޭނާ އޮފްސައިޑުގައި އޮތްތަން އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމް މެދުވެރިކޮށް ވަރަށް ސާފުކޮށް ފެނުނެވެ.
އޭގެފަހުން ލުކާކޫ ޖެހި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، އެވެސް ގޯލަކަށް ނުވިއެވެ. އިކޯމާ ލޮއިސް އޮޕެންޑާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ލުކާކޫ ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. ރެފްރީ އެ ނިންމުން ނިންމާފައިވަނީ ބޯޅަ ހޯދުމުގެ ތެރޭގައި އޮޕެންޑާގެ އަތުގައި ބޯޅަ ޖެހިފައިވުމުންނެވެ.
އެ ބޯޅަ އޮފެންޑާ އަތުގައި ޖެހުނުކަން ބޯޅައިގައި ހަރުކޮށްފައިވާ ސެންސަރުން އަޑު ބޭނުންކޮށްގެން ނަގައިގެންފައިވެއެވެ. އެ މަންޒަރު ސްކްރީނުން ފެންނަންވެސް ފެނުނެވެ. އެހެން ނަމަވެސް އޮފެންޑާގެ އަތް އޮތީ 'ނެޗުރަލް' މަގާމެއްގައި ކަމަށާއި އެއީ ގަސްދުގައި އަތުން ޖެއްސުން ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
"އެއީ ގަބޫލުކުރެވޭ ނިންމުމެއް ނޫން. އޮޕެންޑާ އަތުން ޖެއްސީ ގަސްދަކު ނޫން. އެއީ ގޯސް ނިންމުމެއް. ޕްރިމިއާ ލީގު ނަމަވެސް އެ ގޯލު ދޭނެ،" ކުރިން ޗެލްސީއަށް ކުޅުނު ކްރިސް ސުޓަން ބީބީސީއަށް ބުންޏެވެ.
އެހެން ނަމަވެސް، އޮޕެންޑާ އަތުގައި ބޯޅަ ޖެހުމުން އޭނާއަށް ފައިދާވާ ގޮތަށް މިސްރާބު ބަދަލުވި ބަދަލުވުމަކީ ރެފްރީ ނިންމުން ނިންމި ސަބަބު ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ. އެ ނިންމުމުގައި ބޮޑަށް ބަރޯސާ ވެވެނީވެސް އެ ވިސްނުމަށެވެ. ކޮންމެއަކަސް ބެލްޖިއަމް ރޭ ބަލިވީ އެތައް ފުރުސަތެއް ބޭކާރު ކޮށްލައިގެންނެވެ. އެއަށްވުރެ ފަސޭހައިން ޖަހާލެވެން އޮތް ބޯޅަތައް ލުކާކޫ އަތުންވެސް ވަނީ ގެއްލިގެން ގޮސްފައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024